https://sun.mv/uploads/l_ 36614654.jpg
Sun Online

"މާލޭގައި އެއް ޕަސެންޓް ހުސްތަން، 10 ޕަސެންޓަށް އިތުރު ކުރަން ޖެހޭ"

މާލޭގެ ތޮއްޖެހުމަށް އޮތް ހައްލަކީ ހުޅުމާލެ ތަރައްގީކުރުން

އަހުމަދު ސާއިލް އަލީ
ލިޔުނީއަހުމަދު ސާއިލް އަލީ
އާ ސަރުކާރުގެ ފުރަތަމަ ހައުސިން މިނިސްޓަރަކީ ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒު އަކީ ވޭތުވެ ދިޔަ ސަރުކާރުގައި ވެސް އެ މަގާމް ފުރުއްވާފައިވާ ތަޖުރިބާކާރެކެވެ. ކުރީގެ ސަރުކާރުގެ ވަޒީރުކަމުގެ ތަޖުރިބާ އިން، ބޯހިޔާވަހިކަމާއި ތަރައްގީ އަށް މުއިއްޒު ގިނަ ޕްލޭންތަކެއް ގެންގުޅުއްވަ އެވެ. އެ ވާހަކަތައް އޭނާ ސަންއާ ހިއްސާ ކުރެއްވި އެވެ.

ތިރީގައި އެ ވަނީ މުއިއްޒު އާ ސަރުކާރުގެ ވަޒީރު ކަމަށް ވަޑައިގަތުމަށް ފަހު ސަން އޮންލައިންގެ ޖާނަލިސްޓް އަހުމަދު ސާއިލް އަލީ އަށް ދެއްވި އިންޓަވިއުގެ މުހިއްމު ބައިތަކެވެ.

ސަން: ކޮބައިތޯ ދާއިމީ ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް މިސަރުކާރުގެ ސިޔާސަތުތަކަކީ؟

މިނިސްޓަރު: ގެދޮރުވެރިކަން ނެތް ފަރާތްތަކަށް ހައުސިން ސްކީމެއް ވަރަށް އަވަހަށް އިރާދަކުރެވިއްޔާ އަޅުގަނޑުމެން ތައާރަފްކޮށްދޭނަން. މިހާރު ހުރީ އެކަމާ ގުޅޭ ހުރިހާ އިދާރީ މަސައްކަތްތަކެއް ނިމިފައި. ވެށި ފަހި ޕްރޮގުރާމް ނިމޭ އިރު އެކަން ފެށޭނެ. އަދި އެކަމަށް ބޭނުންވާ ފްލެޓްތައް ވަރަށް އަވަހަށް އިރާދަކުރެވިއްޔާ ހުޅުމާލޭގައި އެޅެން ފެށޭނެ. އެހެންވީމާ ބޯހިޔާވަހިކަން އިޖްތިމާއީ ފެންވަރެއްގައި ނުލިބޭ ހުރިހާ ފަރާތްތަކަކަށް އިރާދަކުރެއްވިއްޔާ މިދައުރުގެ ތެރޭގައި ވަރަށް އިސްކަމެއް ދީގެން ހުޅުމާލޭގައި އަދި ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެކިއެކި މަޝްރޫތައް ހިންގައިދޭނެ.

- ކިހިނެއްތޯ ކަނޑައަޅުއްވާނީ އެކަށީގެންވާ ބޯހިޔާވަހިކަމެއް ލިބިފައިނުވާ ރައްޔިތުންކަމަށް؟

- އަޅުގަނޑުމެން ވާނީ ޝަރުތުތަކާ އެކީ މާކްސްދޭނެ އުސޫލްތަކެއް އެކުލަވާލާފައި، ދެން އޭގައި ބަލާނީ މިހާރުގެ ދިރިއުޅުމުގެ ހާލަތު ހުރި ގޮތް. ބަލާފައި އެންމެ ނިކަމެތި ފަރާތްތަކަށް ލިބިގެންދާނެ އަގު ހެޔޮގޮތެއްގައި ބޯހިޔާވަހިކަން ލިބިގަތުމުގެ ފުރުސަތު. ދެން ބަޖެޓްގައި ވެސް އަޅުގަނޑުމެން އެބަ ހިމަނަން ފްލެޓްތަކުގެ އަގު ހެޔޮކުރުމުގެ ސްކީމެއް ވެސް. އެހެންވީމާ އެންސްޕާ އިން ވެސް އެކަންކަމަށް ފުރުސަތު ލިބިގެންދާނެ. ޖުމްލަ ގޮތަކަށް އަޅުގަނޑުމެންގެ އާ ހައުސިން ސްކީމުގައި އޮންނާނީ މީހުންގެ ދިރިއުޅުމުގެ ހާލަތަށް ވިސްނާފައި.

- ކޮބައިތޯ ހައުސިން ސަބްސިޑީޒް ނިޒާމް ހިންގަވާގޮތަކީ؟

- އޭގެ ތަފްސީލެއް އަދި އަޅުގަނުމެން ކަނޑައެއް ނާޅަން. އެކަމަކު އެއީ ސަރުކާރުގެ ކެބިނެޓް ލެވެލްގައި ވެސް މަޝްވަރާކުރެވޭ ކަމެއް. ހާއްސަކޮށް އިޖްތިމާއީ ސެކްޓާގެ ބޭފުޅުންނާ މަޝްވަރާކޮށްގެން އަޅުގަނޑުމެން ކަނޑައަޅާނީ ސަބްސިޑީ ދޭނެ ގޮތް. އުސޫލްތައް މިހާތަނަށް ކަނޑައެޅިފައި ނެތަސް ޖުމްލަ ގޮތެއްގައި އަޅުގަނޑުމެންގެ ސިޔާސަތަކީ ވީހާ ވެސް އަގުހެޔޮގޮތެއްގައި އިޖްތިމާއީ ބޯހިޔާވަހިކަން ފޯރުކޮށްދިނުން.

- ބޯހިޔާވަހިކަން ހައްލުކޮށްދިނުމަށް މާލޭގައި ކޮންކޮން ޕްރޮޖެކްޓްތަކެއްތޯ ހިންގަވާނީ؟

- މާލޭގައި އަޅުގަނޑުމެން ފްލެޓެއް ނާޅާނަން. މާލެއަކީ މިހާރު ވެސް އޯވާ ކުރައުޑް އޮތްތަނެއް. ހަގީގަތުގައި މާލޭގެ ހުސްބިމަށް ވިސްނައިފި ނަމަ އަޅުގަނޑުމެންނަށް ފާހަގަވެގެން ދަނީ ދުނިޔޭގެ އެހެން އާބަން ސިޓީސްތަކުގައި އޯޕަން ސްޕޭސް މިއޮންނަވަރު ވަރަށް ބޮޑުތަން މާލޭގައި މަދު. މާލޭގައި މިއޮތީ އެއް ޕަސެންޓަށް ވުރެ ވެސް ކުޑަކޮށް އޯޕަން އޭރިއާ. ދުނިޔޭގެ އެހެންތަންތާގައި 10 ޕަސެންޓަށް ވުރެ ބޮޑުކޮށް އޮނަން ޖެހޭ. އެހެންވީމާ މާލެ އެބަޖެހޭ ވަރަށް ސީރިއަސް އާބަން ރީ ޑިވެލޮޕްމަންޓް ޕުރޮޖެކްޓެއްގެ ތެރެއިން ރީ ޑިވެލޮޕް ކުރަން.

- މާލެ އަށް ދިމާވެފައިވާ އެންމެ ބޮޑުއެއް މައްސަލައަކީ މަގުތަކުގެ މައްސަލަ، ކޮބައިތޯ މިކަން ހައްލުކުރަން ކުރައްވާނެ މަސައްކަތް ތަކަކީ؟

- މާލޭގައި ބޮޑަށް ގޯސްކޮށް މިއޮންނަނީ ހުޅަނގު ފަރާތާއި ހުޅަނގު ދެކުނު ފަރާތުގެ މަގުތައް. އެއީ ވަރަށް ކުރިންސުރެ ވެސް، އެކަން ހައްލުކުރުމަށް ޓަކައި އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރުމަށް މި ވިސްނަނީ. ދެން ކުރިއަށް މިއޮތް އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޭރުގެ ކޮންސަލްޓެންސީ ވެސް ހޯދައިގެން ވަރަށް ރަނގަޅު ސުޓަޑީއެއް ހަދައި މާލޭގެ މަގުތަކަށް ދާއިމީ ހައްލެއް ހޯދުމަށް ވަރަށް ބުރަ މަސައްކަތެއް ކުރާނަން.

- މާލެ ތޮއްޖެހުން ހައްލުކުރައްވާނީ ކޮންކޮން ފިޔަވަޅުތަކެއް އަޅުއްވައިގެންތޯ؟

- މާލެ ތޮއްޖެހުން ހައްލުކުރުން ދެތިން ގޮތެއް އޮންނާނެ، އެއްގޮތަކީ ހުޅުމާލެ ތަރައްގީކޮށް މާލެއިން ހުޅުމާލެއަށް މީހުން ބަދަލުކުރުން. އަނެއް ގޮތަކީ މާލެއަށް އިތުރަށް މީހުން އައުން މަދުކުރެވޭނެ ގޮތްތަކެއް ހޯދުން. ރާއްޖޭގެ އުތުރާއި ދެކުނު އެބަޖެހޭ ތަރައްގީވާން. ސަރަހައްދީ ތަރައްގީއެއް އެބަޖެހޭ ހޯދައިދޭން.

- މާލެ ތޮއްޖެހުން ހައްލުކުރުމަށް އަތޮޅުތެރެ ތަރައްގީ ކުރައްވަނީ ކިހިނެއްތޯ؟

- އަޅުގަނޑުމެން އިސްކަން ދޭނަން ދެކުނާއި އުތުރުގައި އާބަން ސެންޓާއެއް ގާއިމްކުރުމަށް. އަދި ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި ފޯކަސް އައިލެންޑްތަކެއް ތަރައްގީކުރުން. މިއީ ވަރަށް އުނދަގޫ އަދި ވަރަށް ގިނައިން ދެކެވިފައިވާ ވާހަކަތަކެއް. ހަގީގަތުގައި މިކަން ކުރެވޭނީ ހުރިހާ ފަރާތްތަކެއްގެ ވެސް އެއްބާރުލުން ލިބިގެން. އޭގެ ތެރޭގައި ހިމެނޭ މަޖިލިސް ވެސް. މަޖިލީހުން އެކަންކަން ކުރުމުގެ ގާނޫނީ ކަންކަން ކުރިއަށް ގެންގޮސް ދެއްވައިފި ނަމަ ވާނީ.

- ވިދާޅުވެއްޖެ ހުޅުމާލެ ތަރައްގީ ކުރާ ވާހަކަ، ކިހާ ފުލެޓެއް ހުޅުމާލޭގައި އެޅުމަށް ނިންމާފައިވޭތޯ؟

- ހުޅުމާލޭގައި ފްލެޓް ގާއިމް ކުރާނެ ވަކި އަދަދެއް އަދި އަޅުގަނޑުމެން ކަނޑައެއް ނާޅަން. ހިއްކާފައި ތަރައްގީކުރެވިގެންދާ ހުޅުމާލެއަކީ 60000 މީހުންގެ އާބާދީއަކަށް ޓާގެޓްކުރެވިފައިވާ ތަނެއް. އަދި އިތުރަށް ހިއްކުމަށް ނިންމާފައިވާ ހުޅުމާލެ ފޭސް ޓޫ އަކީ އެއްލައްކަ މީހުންގެ އާބާދީއަކަށް ޓާގެޓްކުރެވިފައިވާތަނެއް. އެހެންވީމާ ދުރު ރާސްތާގައި 15،000 ނޫނީ 20،000 އާ ދެމެދުގެ އަދަދަކަށް ފްލެޓް ފޯރުކޮށްދޭން ޖެހޭނެ. ނަމަވެސް ފަސް އަހަރަކު ނޫން، އެ އަށް ވުރެ ގިނަ ދުވަސް ނަގާނެ.

- ބިން ހުރެ އިމާރާތް ނުކުރެވޭ ފަރާތްތަކަށް ކޮންކޮން ފުރުސަތުތަކެއްތޯ އޮތީ؟

- ގޯއްޗެއްއޮވެ އެ ގޯތީގައި އިމާރާތެއް އެޅޭނެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ގޯތި އެޅުމުގެ ފުރުސަތު ހޯދައިދޭން ޖެހޭނެ. އަންނަ އަހަރަށް ލަފާކުރެވޭ ބަޖެޓަށް މިމިނިސްޓްރީގެ ފަރާތުން ހުށައަޅާފައި ލުއި ލޯނު ސްކީމަކަށް ފަންޑެއް ގާއިމް ކުރުމަށް ހުށަހަޅާން. މި ސްކީމް ހިންގޭނެ ގޮތަކީ މީގެ ދަށުން ނަގާ ލޯނު އަދާކުރުމަށް ވަރަށް ފަސޭހަ ގޮތްތަކެއް ހުންނާނެ. އަދި އެ ލޯނަކީ އިސްލާމިކް ޝަރީއާ ހުއްދަ ކުރާ ލޯނަކަށް ވެގެންދާނެ. އެހެންވީމާ އެ ލޯނުން އެމީހަކު އުޅޭނެ ގެއެއް ނިންމާލެވޭނެ ވަރު ވާނެ.

- މާލޭގެ އިމާރާތްތަކުގެ ކުލި ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް އަޅާނެ ފިޔަވަޅަކީ ކޮބައިތޯ؟

- އެކަމަކަށް ނެތް އަވަސް ހައްލެއް. ކުއްޔަކީ ސަރުކާރުން ކޮންޓްރޯލްކުރުމަށް އެއްވެސް ގޮތަކުން ރަނގަޅު އެއްޗެއް ނޫން. އޭގެނެއް ހައްލެއް ނާންނާނެ. އެހެން ނަމަވެސް ކުލި ކުޑަކުރެވޭނެ ގޮތްތައް އަޅުގަނޑުމެންނަށް ހޯދިދާނެ. މިތަނަށް އޮތް ޑިމާންޑް ބޮޑުވީމާ ކުލިތައް ބޮޑުވެގެން ދަނީ މާލެއަށް އޮތް ޑިމާންޑް ހައްލުކުރުން މިކަމަށް އޮތް ހައްލަކީ. ހުޅުމާލެ އާއި ރާއްޖޭގެ އެހެން ރަށްރަށް ތަރައްގީވަމުން ދާވަރަކަށް ކުލިތައް ހައްލުވެގެންދާނެ.

- އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އަގު ބޮޑުވުމަކީ އެ ދާއިރާގެ ފަރާތްތަކުގެ ބޮޑު ޝަކުވާއެއް. އެކަންކަން ހައްލުކުރެއްވުމަށް އަޅާނެ ފިޔަވަޅުތަކީ ކޮބާތޯ؟

- ހިލަޔާއި ހިލަވެއްޔާއި ސިމެންތި ފަދަ ތަކެތި މީގެ ކުރިން އެތެރެކުރަނީ އިންޑިއާ އިން. އޭރު ވަރަށް އަގުހެޔޮކޮށް ލިބުނު. މިދޭތެރެއިން ވަނީ އިންޑިއާ އިން އެތަކެތި އެތެރެކުރުން މަނާކުރެވިފައި. ނަމަވެސް އަޅުގަނޑުމެން ސަރުކާރާއި ހަވާލުވި ފަހުން ވަރަށް މަސައްކަތްއެބަކުރެވޭ. އިންޑިއާ އިން ހިލަޔާއި ހިލަވެލި އެތެރެކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރެވިގެންދާނެ. އޭޜުން ކޮންސްޓުރަކްޝަން މެޓީރިއަލްތަކުގެ އަގުތައް ކުޑަވެގެންދާނެ. އިތުރަށް ޖެނެރަލީ ކޮންސްޓުރަކްޝަން މެޓީރިއަލްގެ އަގުތައް ބޮޑުވެގެންދޭ. އަޅުގަނޑުމެން ފާހަގަކުރަން ޖެހޭ އެތަކެތީގެ އަގުތައް ވަނީ ކުޑަކުރެވިފައިކަން.

- ކޮބައިތޯ ސުނާމީގައި ގެދޮރު ގެއްލި އަދި މިހާތަނަށް ވެސް ދާއިމީ ބޯލިޔާވަހިކަމެއް ނެތް ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދައިދޭން ހިންގާ ޕްރޮޖެކްޓްތަކަކީ؟

- ތިޔައީ ވަރަށް ހިތާމަ ކުރާކަމެއް. އެއްވެސް ސަރުކާރަކަށް ޖަސްޓިފައި ކޮށްދެވޭނެކަމެއް ނޫން ކަށް ނޭނގެ މިހާ ދުވަސްވީ އިރު ވެސް ގެދޮރު ފޯރު ނުކޮށްދެވި އޮތް މައްސަލަ. އަޅުގަނޑު ދަންނަވަން ބޭނުން ވަނީ ވަރަށް އިސްކަމެއްދޭ ނަމޭ، މިހާތަނަށް ވެސް ވަރަށް މަސައްކަތް ކުރެވިފައި ވަނީ، މައިގަނޑު ގޮތެއްގައި މިހާރު ވެސް ނުނިމިފައި ވަނީ ދެ މަޝްރޫއެއް. އެއް މަޝްރޫއަކީ ގއ. ގެ ހަތަރު ރަށެއްގައި 298ގެ އެޅުމުގެ މަޝްރޫއެއް. އެއީ ސައުދީ ފަންޑުގެ ލޯނު އެހީގެ ދަށުން، ދެން މިއުޅެނީ ތ. އަތޮޅު މަޑިފުށީ 42ގެ އެޅުމުގެ މަޝްރޫއެއް. އެހެންވީމާ އެ ދެ މަޝްރޫއު ހައްލުކޮށްދެވޭތޯ އަޅުގަނޑުމެން އެބަ ވަރަށް މަސައްކަތްކުރަން. މިހާރު މައިގަނޑު ބޮޑެތި މަސައްކަތް ނިމިފައި ހުރީ. ފިނިޝިން ނުނިމި ހުރީ. ޖޫން މަސް އަންނަންވާއިރަށް ނިމޭނެ ކަމަށް ބެލެވެނީ. އިރާދަކުރެއްވިއްޔާ ސުނާމީގައި ގެދޮރު ގެއްލުނު ފަރާތްތަކަށް މިސަރުކާރުގެ ފުރަތަމަ އަހަރުގައި ދާއިމީ ހިޔާވަހިކަން ހޯދަދޭނަން.

- ފްލެޓް އުޅުމުގެ ޕްރޮޖެކްޓްތައް ހިންގުމަށް ނިންމާފައި ވަނީ ސަރުކާރުގެ ބަޖެޓުންތޯ ނުވަތަ އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެންތޯ؟

- ސަރުކާރުގެ ބަޖެޓުން ވެސް އަމިއްލެ ފަރާތްތަކާއި ހަވާލުކޮށްގެން ވެސް ޕުރޮޖެކްޓްތައް ހިންގާނެ. އަމިއްލަ ފަރާތްތަކާ އެކު މިހާރުވެސް ފަށަން ހަމަޖެހިފައި އެބައޮތް ހަތަރު ޕްރޮޖެކްޓެއް. އެ މަޝްރޫއުތަކުން 2000 އެއްހާ ހައުސިން ޔުނިޓް ލިބިގެންދާނެ.

- އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ ކޮންކޮން ސަރަހައްދުތަކެއްތޯ ތަރައްގީކުރައްވަނީ؟

- މިހާރު ވަނީ އާބާދީ އެއްފަސްކުރުމުގެ ޑްރާފްޓެއް ހެދިފައި. އެ ޑްރާޓް ފައިނަލް ވީމާ އެނގިގެންދާނެ ކޮންކޮން ރަށްރަށެއްތޯ ތަރައްގީވެގެން ދަނީ. އޭގެ މާނައަކީ އެހެން ހިސާބުތައް ދޫކޮށްލުމެއް ނޫން. އަޅުގަނޑުމެން އެއްވެސް ރައްޔިތެއް ބާކީއެއް ކޮށެއް ނުލާނަން.

- ޕްލޭންގައި ވަނީ ކިތައް ފްލެޓްތޯ މިފަސް އަހަރުގައި ގާއިމްކުރަން؟

- އަދަދެއް އަދި ބުނާކަން ނޭނގޭ. އަދަދެއް ނޫން މުހިންމީ، އަޅުގަނޑުމެންނަށް ރީތި އަދަދެއް ބުނެވިދާނެ، ނަމަވެސް މުހިންމީ ޒިންމާދާރު ގޮތެއްގައި އެކަން ހައްލުކުރުން. އަޅުގަނޑު ދައްނަވާނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަ ސިޔާސަތަކުން ގެދޮރު ފޯރުކޮށްދިނުމާއި އަދި އެހެނިހެން ހިދުމަތްތައް ދިނުން އަޅުގަނޑު ކުރިއަށްގެންދާނަމޭ.

- ކޮން ރަށްރަށެއްތޯ ހިއްކުމަށް ނިންމާފައި ވަނީ؟

- ބަޖެޓަށް ފޮނުވާފައި ވާނީ ދ. ކުޅަހުވަދޫ، ދ. މީދޫ އާ ތ. ގުރައިދޫ، ބ. އޭދަފުށި، ކ. ތުލުސްދޫ، ތ.މަޑިފުށި، ރ. ދުވާފަރު، އޭގެ އިތުރަށް އެޗްޑީސީ މެދުވެރިކޮށް ހިއްކަން ނިންމާފައި އޮންނާނެ ކ. މާފުއްޓާއި ކ. ގުރައިދޫ، ފަހަރެއްގައި ދޫވެފައި ރަށެއް އޮވެދާނެ. އެ ރަށްރަށް ހިކިގެން ދިޔައިމާ ގިނަ ކަންކަން އެ ރަށްރަށުގައި ކުރެވިގެންދާނެ.

- މާލޭގައި އެބަފެނޭ ބޮޑެތި ފްލެޓްތަކެއް އަޅަން ފެށި ނަމަވެސް ހުއްޓިފައި ހުރި ތަންތަން، ކޮބައިތޯ އެ މަސައްކަތްތައް ކުރިއަށްގެންދަވާނެ ގޮތަކީ؟

- ހުއްޓިފައި ހުރީ މާލޭގައި މިހިރި ތަންތަން އެކަނި، އެއީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ ޓާޓާ އިން ހިންގާ މަޝްރޫއެއް. އަޅުގަނޑުމެން މަސައްކަތް ފަށައިގެން މިއުޅެނީ ޓާޓާޔާ ވާހަކަ ދައްކައިގެން އެ މަސައްކަތް އަނެއްކާ ވެސް ރީ ސްޓާޓް ކުރަން. އަޅުގަނޑަށް އުންމީދުކުރެވެނީ ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އެ ބޭފުޅުން ރާއްޖެ ވަޑައިގަންނަވާނެ ކަމަށް. މަސައްކަތް ޑިސެމްބަރު ތެރޭގައި ރީ ސްޓާޓްވެ ތިންމަހާއި ހަ މަހާ ދޭތެރޭގައި އެ ފްލެޓްތައް ނިމޭނެ ކަމަށް ބެލެވެނީ.

- ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ފެނާއި ނަރުދަމާ ގާއިމްކޮށް ދިނުމަށް ހިންގޭނެ ޕްރޮޖެކްޓްތަކަކީ ކޮބައިތޯ؟

- ފެނާއި ނަރުދަމާ އަކީ ގާނޫނުގައި ވެސް އަސާސީ ކަމެއްގެ ގޮތުގައި ބުނެފައިވާކަމެއް، ހާއްސަކޮށް ނަރުދަމާ. އެހެންކަމުން ނަރުދަމާ ގާއިމް ކުރުމަށް ޓަކައި އެންމެ ބޮޑަށް ފެން ތަގައްޔަރުވެފައިވާ ރަށްރަށަށް އިސްކަންދޭނެ. ކުރިއަށް އޮތް ފަސް އަހަރު އިރާދަކުރެއްވިއްޔާ ފެނާއި ނަރުދަމާ ވަރަށް އެދެވޭ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދީ ނަތީޖާ ހާސިލްކުރާނަން. ދައުރު ނިމިގެންދާ އިރު އާބާދީ އެއްފަސް ކުރުމުގެ ތެރެއިން ރާއްޖޭގައި އެއްވެސް ރަށެއްގައި އިރާދަކުރެއްވިއްޖާ ނަރުދަމާ ނެހެދިއެއް ނޯންނާނެ.

- ބަނދަރެއް ނެތުމުން ދިމާވާ މައްސަލަތައް ނުވަތަ ބަނދަރު މަރާމާތުކުރަންޖެހުމުން ދިމާވާ މައްސަލަތަކަށް އޮތީ ކޮންހައްލެއްތޯ؟

- ބަނދަރުގެ މައްސަލައަކީ ކުރީހާ ބޮޑު މައްސަލައަކަށް ނުވާނެ. ރާއްޖޭގެ ގިނަ ރަށްރަށުގައި ވަނީ ބަނދަރުތައް ހެދިފައި. ބަނދަރު މަރާމާތު ކުރަން ޖެހޭ ރަށްރަށް އެބަހުރި. އެ ރަށްރަށް އިރާދަކުރެއްވިއްޔާ އަންނަހަރާއި އޭގެ އަނެއް އަހަރާ އެކު މުޅި އެކީ ނިންމާލެވޭނެ ކަމަށް މިބެލެވެނީ. ގިނަ ވެގެން ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ބަނދަރު ހަދަން ޖެހޭ ހުރިހާ ރަށެއްގައި ބަނދަރު ހެދޭނެ.
×
DB released.