ފަސް އަހަރު ދުވަސް ވަންދެން، ނުހުއްޓި އުދުހެވޭ ބޯޓެއް!

އެއްގޮތަކަށް ވެސް ނުހުއްޓި، ފަސް އަހަރު ދުވަހު އުދުހެވޭ ޑްރޯން އެއް (މީހުންނާ ނުލައި އުދުހޭ މަތިންދާ ބޯޓެއް) އެމެރިކާގައި އުފައްދައިފި އެވެ.

މަތިންދާ ބޯޓް އުފައްދާ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ޓައިޓަން އޭރޯސްޕޭސް އިން އުފެއްދި އެބޯޓަށް 65000 ފޫޓް މަތިން ގާތްގަނޑަކަށް ފަސް އަހަރު ދުވަސް ވަންދެން ނުހުއްޓި އުދުހެވޭނެ ކަމަށް އެކުންފުންޏާ ހަވާލާދީ އެމެރިކާގެ ނޫހަކުން ބުންޏެވެ. އެމެރިކާގެ ލަސްވެގާސް ސީބީއެސް ލޯކަލް އިން ބުނީ އެބޯޓް އުފައްދާފައި ވަނީ އިރުގެ އަވިން ލިބޭ ހަކަތައިން އޭގެ ބެޓްރީ ޗާޖްކުރާ ގޮތަށް ކަމަށެވެ.

" ސޮލާރާ ސީރީސް"ގެ ނަންދީފައިވާ އެބޯޓްތަކުން މަސްތުވާތަކެތި ސުމަގުލް ކުރާ މީހުންނަށް ފާރަލުމާއި މޫސުން ބެލުމާއި އެނޫން ވެސް ސަވައިލެންސްގެ ގިނަ މަސައްކަތްތައް ކުރެވޭނެ ކަމަށް އެ އުފެއްދި ކުންފުނިން ބުނެފައިވެ އެވެ. އަދި އެވައްތަރުގެ އެންމެ ބޮޑެތި ބޯޓްތަކުގައި 113 ކިލޯ ބުރަދަން އުފުލޭނެ ކަމަށާއި ފިޔަގަނޑާ އެކު އޭގެ ފުޅާ މިނުގައި 60 މީޓަރު ހުންނާނެ ކަމަށް ވެސް ކުންފުންޏާ ހަވާލާދީ ނޫހުގައިވެ އެވެ.

އެ ވައްތަރުގެ ބޯޓެއް އުފެއްދުމަށް ހަރަދުވަނީ ދެ މިލިޔަން ޑޮލަރަށް ވުރެ މަދު އަދަދެއްގެ ފައިސާ އެވެ.

ސޮލާރާ ސީރީސްގެ ބޯޓްތައް އުފެއްދުމަށް ޓައިޓަން އޭރޯސްޕޭސް ކުންފުންޏަށް އޯޑަރު ދޭނެ ކަމަށް ބެލެވެނީ އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭ ފަދަ މުއައްސަސާތަކުން ކަމަށް ވަނީ ބެލެވިފަ އެވެ. އެފަދަ އިދާރާތަކާ މިހާރު އެކުންފުނިން ވާހަކަ ދައްކާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ނޫހުން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު