ހިލޭ ލިބޭ ފޯނު ހޯދަން ހަތިޔާރު ބޭނުންކުރި 20 މީހަކަށް އަނިޔާވެއްޖެ

އިލެކްޓްރޯނިކް ސާމާނު އުފައްދާ ކުންފުނި އެލްޖީގެ އާ ފޯނު "ޖީ2" ޕްރޮމޯޓްކުރަން އެކުންފުނިން ބޭއްވި އިވެންޓުގައި 20 މީހަކަށް އަނިޔާވެފައިވާ ކަމަށް ކޮރެއާ ޓައިމްސްއިން ބުނެފި އެވެ.

މިދިިޔަ ހަފުތާގައި ނިއު ޔޯކުގައި ލޯންޗުކުރި ޖީ2 ޕްރޮމޯޓްކުރަން ބޭއްވި އިވެންޓުގައި ހިނގި ހާދިސާއާ ގުޅިގެން އެލްޖީއިން ވަނީ މިމަހަށް އެކުންފުނިން ރާވާފައިވާ ގިނަ ޕްރޮމޯޝަނަލް އިވެންޓުތަކެއް ކެންސަލްކޮށްފަ އެވެ.

ކޮރެއާ ޓައިމްސްއިން ބުނި މިއިވެންޓުގައި ކަންތައް ގޯސްވީ، އިވެންޓުގެ ތެރޭގައި ހީލިއަމް ވައި އަޅާފައިވާ 100 ފުއްޕާހަމުގައި 100 ވައުޗަރު ދޫކުރާނެ ކަމަށް އެލްޖީއިން އިއުލާންކުރުމުން ނެވެ. އެލްޖީއިން ބުނެފައި ވަނީ މީގެން ކޮންމެ ވައުޗަރަކަށް ޖީ2 ފޯނެއް ހިލޭ ލިބޭނެ ކަމަށެވެ.

މިކަން އެނގުމުން އިވެންޓަށް ދިޔަ ގިނަ މީހުން ދިޔައީ ހަތިޔާރު ހިފައިގެން ނެވެ. މިގޮތުން ބައެއް މީހުން ފުއްޕާހަންތަކަށް ހަމަލާ ދިނުމަށް މިނާ ފުށް ލައްވާ ޒާތުގެ ބަޑި ގެންދިޔައިރު، އަނެއް ބައި މީހުން ދިޔައީ ކޮޅުގައި ވަޅި އައްސާފައިވާ ދިގު ދަނޑިތަކެއް ހިފައިގެން ކަމަށް ކޮރެއާ ޓައިމްސްއިން ބުނެ އެވެ.

ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ ޕާކެއްގައި ބޭއްވި މިއިވެންޓުގައި ފުއްޕާހަންތައް ދޫކޮށްލުމާ އެކު މީހުންތައް ވަނީ ފުއްޕާހަމުގައިވާ ވައުޗާތައް ހޯދުމަށް "ހަނގުރާމަ" ފަށާފަ އެވެ.

މިކަންތައް ގަނޑުގެ ތެރޭގައި 20 މީހަކަށް އަނިޔާވެފައިވާ ކަމަށް ވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވި މީހުންނަށް ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާ އިރު އެލްޖީއިން ވަނީ އަނިޔާވި ހުރިހާ އެންމެންގެ ފަރުވާގެ ހަރަދު ދޭނެ ކަމަށް ބުނެފަ އެވެ.

ޖީ2 ކޮރެއާގައި ވިއްކަމުންދަނީ 851 އެމެރިކާ ޑޮލަރަށެވެ.

ދުނިޔޭގެ ތިން ވަނައަށް އެންމެ މަގުބޫލު ސްމާޓްފޯން އުފައްދާ ކުންފުނި އެލްޖީގެ އެންމެ ފަހުގެ ފޯނު ޖީ2 ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ދުނިޔޭގެ ހުރިހާ ބާޒާރަކަށް ނެރެވޭނެ ކަމަށް އެލްޖީއިން ބުނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު