"އެޕަލްގެ އާ އައިފޯން ސެޕްޓެމްބަރު މަހުގައި ދައްކާލާނެ"

އެޕަލްގެ އާ އައިފޯން އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެކުންފުނީގެ އިވެންޓެއްގައި ދައްކާލާނެ ކަމަށް ސީއެންއެން އިން ބުނެފި އެވެ.

ސީއެންއެން އިން ބުނީ އެޕަލްއިން ސެޕްޓެމްބަރު 10ގައި އޮންނަ އިވެންޓަކަށް ތައްޔާރުވަމުންދާއިރު އެއިވެންޓަށް ވާއިރަށް އެކުންފުނިން ތަރައްގީކުރަމުން އަންނަ ސްމާޓް ވޮޗް އަދި ޓީވީއެއް ނުނިމޭނެ ކަމަށެވެ.

އެހެން ކަމުން މިއިވެންޓަކީ އައިފޯންގެ އެންމެ ފަހު މޮޑެލް ދައްކާލަން ބާއްވާ އިވެންޓެއް ކަމަށް ތަޖުރިބާކާރުން ލަފާކުރާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އާ އައިފޯނަށް ކިޔާނީ "އައިފޯން 5އެސް" ނޫނީ "އައިފޯން 6" އެވެ.

މިދުވަސްވަރަކީ އެޕަލްއިން ކޮންމެ އަހަރަކު ވެސް އައިފޯންގެ އާ މޮޑެލްއެއް ނެރޭ ދުވަސްވަރުކަން ފާހަގަކޮށްލެވެ އެވެ.

މިގޮތުން އެޕަލްގެ އައިފޯން ހަތަރު އެސް އާއްމުކޮށް ދައްކާލާފައި ވަނީ 2011 ވަނަ އަހަރުގެ އޮކްޓޫބަރުގަ އެވެ. އަދި އައިފޯން 5 އާއްމުކޮށް ދައްކާލާފައި ވަނީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. އައިފޯނުގެ ކުރީގެ ތިން ފޯނު ނެރެފައި ވަނީ އެއަހަރުތަކުގެ ހޫނު މޫސުމުގެ ދުވަސްވަރު އެވެ.

އައިފޯންގެ އާ މޮޑެލްގެ ސްޕެސިފިކޭޝަންތަކާއި ފީޗާތަކަށް ބަލާއިރު ޓެކް ދުނިޔޭގައި ގިނަ އަޑުތަކެއް ދަނީ ފެތުރެމުން ނެވެ.

މިގޮތުން އާ ހަލުވި ޕްރޮސެސާއަކާއި ބެޓްރީގެ ބާރު ގަދަވުމާއި ކެމެރާގެ ފެންވަރު ރަނގަޅުވެގެންދާއިރު ފޯނު އޮޕަރޭޓްކުރާނީ އެޕަލްގެ އެންމެ ފަހުގެ އައިއޯއެސް 7 ގަ އެވެ.

ރޮއިޓާސްއިން ބުނެފައި ވަނީ އައިފޯންގެ އާ މޮޑެލާއެކު އާ އަގުހެޔޮ އައިފޯންތަކެއްވެސް އެޕަލްއިން ދައްކާލާނެ ކަމަށެވެ. މިފޯންތަކަކީ "މިނީ އައިފޯންތަކެއް" ކަމަށް ރޮއިޓާސްއިން ބުނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު