ޕީޕީއެމް ފިޔަވައި، އެމްޑީޕީ ވެރިކަމަށް އަޔަނުދެވޭނެ ހަކަތަ ހުރި ޕާޓީއެއް ނެތް: ޔާމީން

އެމްޑީޕީ އަލުން ވެރިކަމެއް އަޔަނުދިނުމަށް އޮތް އެންމެ ވަރުގަދަ ޕާޓީ އަކީ ޕީޕީއެމް ކަމަށާއި އެމްޑީޕީ ވެރިކަމަށް އަޔަނުދިމުގެ ހަކަތަ އެއް އެހެން އެއްވެސް ޕާޓީއެއްގައި ނެތް ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ކެމްޕެއިން މާލެގައި ރަސްމީކޮށް ފެށުމާ ގުޅޭ ގޮތުން މެންބަރުންނާ މަޝްވަރާކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ބައްދަލުވުމުގައި ޔާމީން ވިދާޅުވީ ޕީޕީއެމްއަކީ އެމްޑީޕީ ވެރިކަމަށް އޮތް ހަމަ އެކަނި ހުރަސް ކަމަށެވެ.

"ޕީޕީއެމްއަކީ އެންމެ ވަރުގަދަ ޕާޓީ، އެމްޑީޕީ އަށް އިންތިހާބު ކާމިޔާބުވިޔަ ނުދިނުމަށް އޮތް. ޕީޕީއެމް އަކީ ހަގީގަތުގައި ރާޒުވާ ބޯޑެއްގެ ވެއްޖެއްޔާ އެމްޑީޕީ ކުރިއަށްދާން އޮތް ދިއުމަށް އޮތް ހަމަ އެކަނި މަނާ. އެހެން ޕާޓީއެއްގައި މި ހަކަތައެއް ނެތް މި ގާބިލް ކަމެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ކިތަންމެ ހަނި ގޮތަކަށް ދެ ވަނަ ބުރަކަށް ދިއުމުގެ ފުރުސަތު ޕީޕީއެމްމަށް ނުލިބިއްޖެ ނަމަ އެ ޕާޓީން ޖުމްހޫރީ ޕާޓީ އަށް ތާއިދު ކުރައްވާނެ ކަމަށް ބުންޏަސް އެހެން ޕާޓީއަކުން "އިހްލާސްތެރި ބަހެއް ވިދާޅުވާން" ނުކުރޭ ކަމަށެވެ.

"ޕީޕީއެމް އިން ކިތަންމެ ހަނި ގޮތަކަށް ދެ ވަނަ ބުރަކަށް ދިއުމުގެ ފުރުސަތު ގެއްލިއްޖެ ނަމަ ޝައްކެތް ވެސް ނެތް ގޮތުގައި އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން ކަށަވަރުކޮށްދީފީމު އަޅުގަނޑުމެން ދެން ތިބޭނީ އެމްޑީޕީ ނޫން ބަޔަކަށް ތާއިދުކޮށްގެންނޭ. މިއީ އަޅުގަނޑުމެން ހިތުގެއަޑި އެމްޑީޕީ ވެރިކަމަށް އަޔަނުދިނުމަށް ހިތުލައިގެން އޮތް މިންވަރު. އެކަން އެހާކުރިން ވެސް މި ބުނީ. އަދި އެހާކުރިން ވެސް މި ދެންނެވީކީ ޖުމްހޫރީ ޕާޓީގެ ފަރާތަކުން ނުވަތަ ރައީސް ވަހީދުގެ ފަރާތުން މި ކަހަލަ އިހްލާސްތެރި ބަހެއް ޕީޕީއެމްއާ މެދު ވިދާޅުވެގެނެއް ވެސް ނޫން،" ޔާމީން ވިދާޅުވި އެވެ.

"ރައްޔިތުންނާއި ބައްދަލުކޮށް އެވާހަކަ ވިދާޅުވާން ފުރުސަތު ލިބުމުން ޕީޕީއެމްއާ މެދު އެގޮތަށް ރައްޔިތުންނަށް ކަށަވަރުކޮށެއް ނުދެއްވާ،"

އޭގެ އިތުރުން ޔާމީން ވިދާޅުވީ އިންތިހާބުގެ ކުރިން މެންބަރުންގެ އަދަދު މިހާރަށް ވުރެ އިތުރުކުރަން ބޭނުންވާ ކަމަށާއި އޭގެ ބޭނުމަކީ އިންތިހާބު ކުރިން ކާމިޔާބުވާނެ ކަން އާންމުނަށް މެންބަރުންގެ އަދަދުން ދައްކަދިނުން ކަމަށެވެ. އަށާރަ އަހަރުފުރޭ ކުދިންނަށް ޕީޕީއެމް ވެއްދުމަށް މައިންބައިން ބާރުއެޅުމަށް އެދިވަޑައިގަންނަވަމުން ޔާމިން ވިދާޅުވީ އިންތިހާބު ކުރިން މެންބަރުންގެ އަދަދު ގިނައިން ފެންނަ ނަމަ ޕީޕީއެމްއާ ވާދަކުރާ ރިޔާސީ ކެންޑިޑޭޓުނަށް ޕީޕީއެމް އިންތިހާބު ކާމިޔާބުކުރާނެ ކަމަށް ގަބޫލުކުރެވޭނެ ކަމަށެވެ.

"މަންމަ އާއި ބައްޕަގެ ހިޔާވަހިކަމުގައި ތިބޭ ކަމަށް ވަންޏާ މަންމަ އާއި ބައްޕަގެ ބާރު ވެސް ހިނގާނެ. އެހެންވީމަ 18 އަހަރުގެ ކޮންމެ ކުއްޖަކު ވެސް ވޯޓުލުމުގެ ބޭނުމުގައި އަޅުގަނޑުމެންގެ ޕާޓީގެ ދަފްތަރުގައި ފުރަތަމަ ކަމަކަށް ޖައްސަވާ ދެއްވާށޭ. އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އިލްތިމާސްއެއް. އެ ހިސާބުން އަޅުގަނޑުމެނަށް ކަށަވަރުކުރެވޭނެ އެ ކުއްޖެއްގެ ވޯޓު ވެސް ޕީޕީއެމްގެ ކެންޑިޑޭޓަށް ލިބިގެންދާނެކަން. ވޯޓުލާ ނިމުނީމާ އެ ކުއްޖަކު ސިޔާސީ ޕާޓީއެއްގައި އުޅެން ބޭނުން ނުވާ ނަމަ ޕާޓީން ވަކިވީމާ އެ އޮތީ ފުދިފައި،" ޔާމީން ވިދާޅުވި އެވެ.

މިރޭ ބޭއްވި ބައްދަލުވުމުގައި ޕީޕީއެމް އިން ވަނީ މާލޭގެ ކޮންމެ ދާއިރާއެއްގައި އެ ޕާޓީގެ ޖަގަހައެއް ހުޅުވުމަށް ވަނީ ނިންމާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު