ގެރީގެ ޓިޝޫ އިން ހަދާފައިވާ މަސްނޫއީ ހިތެއް ޓެސްޓްކުރަނީ

ގެރީގެ ޓިޝޫ ބޭނުންކޮށްގެން ފުރަތަމަ ފަހަރަށް ހަދާފައިވާ މަސްނޫއީ ހިތުގެ ކްލިނިކަލް ޓްރަޔަލްސް އިންސާނުން ބޭނުންކޮށްގެން ހަތަރު ގައުމެއްގައި ކުރަން ނިންމާފައިވާ ކަމަށް މަސްނޫއީ ހިތް އުފެއްދި ކުންފުނި ކާމަޓުން ބުނެފި އެވެ.

ފަރަންސޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ ކާމަޓުން ބުނީ މިމަސްނޫއީ ހިތް ތަރައްގީ ކުރުމަށް އެކުންފުނިން 15 އަހަރު ދުވަސް ހޭދަކޮށްފައިވާ ކަމަށެވެ. އަދި މިހާރު ބެލްޖިއަމް، ޕޮލެންސް، ސައުދީ އަރަބިއްޔާ އަދި ސްލޮވީނިއާގައި ހުންނަ ކާޑިއެކް ސާޖަރީ ސެންޓަރުތަކުން މަސްނޫއީ ހިތުގެ ކްލިނިކަލް ޓްރަޔަލްސްގައި އިންސާނުން ބޭނުންކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

ކާމެޓުން ބުނީ މަސްނޫއީ ހިތް މަސައްކަތްކުރަނީ ހިތުގައި ހިމެނޭ ސެންސަރުތަކުގެ އެހީގައި މައިކްރޯ އިލެކްޓްރިކް ނިޒާމެއް މެދުވެރިކޮށް ކަމަށެވެ. އަދި މިނިޒާމަށް ކަރަންޓް ލިބެނީ ގައިގާ ހަރުކުރެވޭ ދެ ލީތިއަމް އަޔޮން ބެޓްރިޕެކެއްގެ އެހީގައި ކަމަށް ކާމެޓުން ބުނެ އެވެ.

މަސްނޫއީ ހިތްތައް މީގެ ކުރިން ވެސް ދުނިޔޭގައި އުފައްދާފައިވާ އިރު ކާޑިއޮލޮޖިސްޓެއް ކަމަށްވާ ޑރ. ޖޯސެފް ރޮޖާސް ވިދާޅުވީ ކާމެޓުން އުފައްދާފައިވާ މަސްނޫއީ ހިތް ހާއްސަ ވަނީ އޭގެ ފަރުމާއަކީ ތަފާތު ފަރުމާއަކަށް ވުމުން ކަމަށެވެ.

ކާމެޓުގެ މަސްނޫއީ ހިތުގައި އިންސާނާގެ ލޭ ޖެހޭ ކޮންމެ ހިސާބެއް ހަދާފައި ވަނީ ގެރީގެ ޓިޝޫ ބޭނުންކޮށްގެން ނެވެ. ލޭ ޖެހޭ ތަންތާގައި ޕްލާސްޓިކް ހުރުމުގެ ސަބަބުން މީގެ ކުރިން އުފައްދާފައިވާ މަސްނޫއީ ހިތްތައް ބޭނުންކުރުމުން ލޭ ގަނޑުވުން ފަދަ މައްސަލަތައް ދިމާވެ އެވެ.

"ލޭ ޖެހޭ ކޮންމެ ތަނެއްގައި ގެރީގެ ޓިޝޫ ބޭނުންކުރުމަކީ ރަނގަޅު އެޑްވާންޓޭޖެއް ލިބޭ ކަމެއް. މިހިތުގެ ޑިޒައިން ރަނގަޅަށް މަސައްކަތް ކޮށްފި ނަމަ ހިތުގެ ބަލިތަކަށް ފަރުވާދިނުމަށް ބޮޑު ބަދަލެއް އަންނާނެ،" އިނގިރޭސިވިލާތުގެ ޑިއުކް ޔުނިވާސިޓީގެ ޑރ. ރޮޖާސް ވިދާޅުވި އެވެ.

މިއީ މަސްނޫއީ ހިތެއްގައި ގެރީގެ ޓިޝޫ ބޭނުންކުރެވުނު ފުރަތަމަ ފަހަރެވެ. މަސްނޫއީ ހިތުގައި ހިމެނޭ ގެރީގެ ޓިޝޫ ނަގާފައި ވަނީ ގެރީގެ ހިތުގެ ވަށައިގެންވާ ޕެރިކާޑިއަލް ސެކްގެ ތެރެއިން ކަމަށް ކާމެޓުން ބުނެ އެވެ.

ކާމެޓުގެ އޮފިޝަލެއް ކަމަށްވާ ޑރ. ޕިއެޓް ޖެންސަން ވިދާޅުވީ ކާމެޓުން އުފައްދާފައިވާ ހިތް މަސައްކަތްކުރާނީ އިންސާނާގެ ހިތް މަސައްކަތްކުރާ އުސޫލުން ކަމަށެވެ. މިގޮތުން މަސްނޫއީ ހިތުގައި ވެސް ދެޗެމްބާއެއް ހިމެނޭނެ ކަމަށާއި ހިތުގެ ބޭރުގައި ސެންސާ ބޭނުންކޮށްފައި ވަނީ ލޭ ހިނގާ މިންވަރު ކޮންޓްރޯލްކުރުމަށް ކަމަށެވެ.

ޑރ. ޖެންސެން ވިދާޅުވީ ކާމެޓުގެ މަސްނޫއީ ހިތުގެ އަގު 200،000 އެމެރިކާ ޑޮލަރަށް އަރާނެ ކަމަށެވެ. ނަމަވެސް މިހިތް އާއްމުކޮށް ގަންނަން ލިބޭނީ 2014 ގެ ފަހުން ކަމަށް ކާމެޓުން ބުނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު