އަޅުގަނޑު ކުރިން ހީކުރީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަންގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެއްކެވީ އެކަމުގައި ސިޔާސީ ކަމެއް ނެތި، އިހްލާސްތެރިކަމާ އެކު އެ ބޭފުޅުން ދެއްކެވި ވާހަކައެއް ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ އަޑުއަހާލުމުން އަޅުގަނޑަށް ކުރިން ކުރެވުނީ މުޅިން ރަނގަޅު ހީއެއް ނޫން ކަމަށް ޔަގީންވެއްޖެ އެވެ. ވަކީން ހާއްސަކޮށް އެ ދުވަހުގެ ޖަލްސާގައި ވާހަކަ ދެއްކެވި އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުން އެ ދެއްކެވި "ރީތި ނަމޫނާ" އިން އެކަން ބޮޑަށް ކަށަވަރުވި އެވެ.

ތެދެކެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ބަދުއަހުލާގީ ވީޑިއޯއެއްގެ މައްސަލައެއް ފެންމަތިވެއްޖެ ނަމަ އެ މައްސަލައެއް ބަލަން ޖެހެ އެވެ. އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އަދި އެ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ "އިއްޒަތްތެރި" މެންބަރުން ވެސް ދައްކަވަން ޖެހެ އެވެ. އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވެސް އެ ވާހަކަ ދައްކަވައި ޕްރެޝާ ކުރެއްވުމަކީ އެކަން ކުރައްވަން ޖެހޭ ގޮތް ކަމަށް ވެސް ގަބޫލުކުރަމެވެ. އެއޭގެ އިތުރަށް ދައުލަތުގެ ސުޕްރީމް އޮތޯރިޓީގެ ފަނޑިޔާރެއް ރައްޔިތުންގެ ކުރިމަތީގައި "ފަލީހަތް"ވެއްޖެ ނަމަ އެ ބޭފުޅެއްގެ މައްޗަށް ލާޒިމުވަނީ މުއައްސަސާގެ އަގު ސަލާމަތް ކުރުމެވެ. އެހެނީ ފަރުދަކަށް ވުރެ މުއައްސަސާގެ އަގު ހުރިހާ ގޮތަކުން ވެސް މަތިވެ، އަގު ބޮޑުވާނެތީ އެވެ. އެހެންކަމާ އެކު އެފަދަ މައްސަލައެއް އޮތް ނަމަ އެފަދަ ބޭފުޅަކު އެ މަގު އަމިއްލައަށް އިހްތިޔާރު ކުރެއްވުމަކީ އެކަމުގައި އޮތް އެންމެ މަސްލަހަތު އޮތް ގޮތް ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ؛ ތަހުޒީބީ މުޖުތަމައުތަކުގައި ކަން ކުރާ ގޮތަކީ އެއީ އެވެ. ވަގުތު ދިގު ކުރި ވަރަކަށް އެކަމުގައި ދައްކަން ޖެހޭ އަގު ބޮޑުވާނެކަން ހަދުމަފުޅު ބަހައްޓަވާށެވެ.

ތިން ބާރުގެ މައްޗަށް އެކުލެވިގެންވާ ވެރިކަމުގެ ނިޒާމެއްގައި ސުޕްރީމް ކޯޓު ހަމަމަގުން ކައްސާލާ ނަމަ ހަމަމަގަށް އެޅުވުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވެ އެވެ. އަދި ހަމަ އެހެންމެ ރައްޔިތުންގެ މަޖިލީހުން ބައެއް ފަހަރު "ޖަޒުބާތުގައި" ނިންމާ ނިންމުންތައް ހަމަމަގަށް އެޅުވުމުގެ ބާރު ސުޕްރީމް ކޯޓަށް ވެސް ލިބިގެންވެ އެވެ. އެއްބާރުން އަނެއްބާރުގެ މައްޗަށް ފާރަލެވޭ ނިޒާމަކީ އެއީ އެވެ. އެކަމާ އަޅުގަނޑުމެން ކަންބޮޑުވާނެ ކަމެއް ނެތެވެ. ޑިމޮކްރަސީ މަސައްކަތް ކުރާނީ އެކަހަލަ ގޮތަކަށް ކަން ގަބޫލުކުރަން ޖެހެ އެވެ. އެހެންނަމަވެސް އެއްބާރުން އަނެއް ބާރު "ހައިޖެކް" ނުކޮށް ދަތުރުކުރެވޭނެ މަގު އިހުތިޔާރު ކުރަން ޖެހެ އެވެ.

މައާފު ކުރައްވާށެވެ. މާ ގިނަ އިރު ތިޔަ ބޭފުޅުން އިންތިޒާރު ކުރުވައިފީމެވެ. އަޅުގަނޑުގެ ނުކުތާއަކީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ފަނޑިޔާރު މަނިކުފާނުގެ "ފަލީހަތުގެ" ވީޑިއޯގެ ވާހަކަ ދެއްކެވި އިރު އަދި އެ މަނިކުފާނުގެ އިސްތިއުފާ އަށް ގޮވި އިރު އެމްޑީޕީ މެންބަރުން އެ ބޭފުޅުންގެ ޕާޓީން ފަލީހަތްވެފައިވާ "އިއްޒަތްތެރި" ބޭފުޅުންގެ ވާހަކަ ނުދެއްކެވީ ކީއްވެތޯ އެވެ. ކޮންމެ ބޭފުޅަކު ވިއަސް ފަލީހަތް ވެއްޖެ ނަމަ އެއޮތީ ފަލީހަތްވެފަ އެވެ. އެ ކަމުގައި ވަކި މީހަކު ތަފާތެއް ނެތެވެ. އެންމެންނާ ދޭތެރޭ ވެސް އެއް އުސޫލަކުން ވާހަކަ ދައްކަވާށެވެ. ފަލީހަތް ވާނީ ހަމަ ފަލީހަތަށެވެ. އެއޭގައި "އިއްޒަތްތެރި" ބޭފުޅެކޭ މިނިވަން މުއައްސަސާއެއްގެ ބޭފުޅެކޭ ވަކި ތަފާތެއް ނުވާނެ އެވެ. އެއް ނާޅިއަކުން މިނުއްވާށެވެ. ހަމަ ޖެހޭނީ އިސްތިއުފާ ދެއްވާށެވެ. އެކަން ނުކޮށް އަދި އެއީ މައްސަލައެއް ކަމަށް ގަބޫލުނުކޮށް ދެން ހުރި މުއައްސަސާތަކުގެ ހުންނަ އެފަދަ ވާހަކަތައް ދެއްކެވުމުން ތިޔަ ބޭފުޅުންގެ މަގުސަދާ ދޭތެރޭ ސުވާލު އުފެދެ އެވެ. ފަނޑިޔާރު މަނިކުފާނާއި ސިވިލްސާވިސް ކޮމިޝަންގެ ރައީސްގެ ފަލީހަތުގެ ވާހަކަ ތިޔަ ބޭފުޅުންނަށް ހުތުރު ވަނީ އެހެންވެ އެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ ވާހަކަ ދެއްކީ ކޮންމެހެން އެ ވާހަކަ ދިފާއުކުރާކަށް ނޫނެވެ. ސީއެސްސީގެ ރައީސަށް ވެސް ކަތި ފިޔަވަޅެއް އެޅުއްވެވިފައި އޮތް ނަމަ އެންމެ އައުލާކަން ބޮޑު ގޮތަކަށް ވާނީ މުއައްސާގެ އަގު ސަލާމަތް ކުރެއްވުގެ ގޮތުން މަގާމުން އެއްފަރާތްވުމެވެ. އެކަމަކު އަޅުގަނޑު ހިތުން ސީއެެސްސީގެ ރައީސްގެ ވާހަކަ ވެސް ތިޔަ ބޭފުޅުން ދެއްކެވުމަކީ ލަދު ހުތުރު ކަމެކެވެ. އަދި "އިއްޒަތްތެރި" ބޭފުންނާ އެއްވަރަށް ސީއެސްސީގެ ރައީސަށް އެ ރޮނގުގައި ފަތިގަނޑު ވެސް ފިރުކާލެވިފައި އޮތް ހެނެއް ހިއެއްްނުވެ އެވެ. ސީއެސްސީގެ ރައީސާއި ފަނޑިޔާރު މަނިކުފާނުގެ ވާހަކަ ދައްކަވާ ނަމަ "އިއްޒަތްތެރި" ބޭފުޅުންގެ ވާހަކަ ވެސް ދައްކަވާށެވެ. އެފަދަ ބޭފުން އަދި ދައުލަތުގެ މުއައްސަސާތައް "ކްލީން" ކުރައްވާ ނަމަ އެކަމުގައި ދައުލަތުގެ ވަކި ބާރެއް އިސްތިސްނާވާން ޖެހޭނެ ގޮތެއް އޮވެގެން ނުވާނެ އެވެ. އެފަދަ ތަފާތެއް ގެންގުޅޭ ނަމަ އެ ދައްކަވާ ވާހަކައިގެ ނިޔަތްއަރައިރުންވެ އެވެ. އަޅުގަނޑު މި ވާހަކަ ދެއްކުމުން ދިއްކޮށްފާނެ އިނގިއްޔެއް އޮވެދާނެ އެވެ. އެކަމުގައި ބުނެލަން އޮތީ ދައުލަތުގެ މުއައްސާތަކާ އެ ނޫން ތަންތަން އެއްވަރު ނުކުރެވޭނެ ވާހަކަ އެވެ. އަބަދަކު އެންމެން ގުނބޯ ހެއްދޭނެ ކަމަށް ހީނުކުރާށެވެ. ގުދޯގުދޯ ނުގޮވާށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް