ނޮވެމްބަރު ތިނެއްގެ ތަހުގީގު ފުރިހަމަކޮށްފި ނަމަ އިތުރު އެތައް ބައެއްގެ ނަން ލިސްޓަށް އިތުރުވާނެ: ޔާމީން

ނޮވެމްބަރު ތިނެއްގެ ހާދިސާގެ ތަހުގީގު ފުރިހަމަ ވެއްޖެ ނަމަ ދިވެހިންނަށް ހިޔާނާތްތެރިވި އިތުރު އެތައް ބައެއްގެ ނަން އަންނާނެ، ކަމަށާއި، މި ސަރުކާރު އިސް ސަފުގައިވާ މީހުންގެ އަތްތައް ވަނީ ދިވެހި ލެއިން ތަތްތެޅިފައި ކަމަށް އިދިކޮޅު ޕީއޭގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.


ނަވާރަސަތޭކަ އަށްޑިހަ އަށް ވަނަ އަހަރުގެ ނޮވެމްބަރު 3ގައި ރާއްޖެ އަށް ކުރިމަތިވި އުދުވާނީ ހަމަލާ އިން ރާއްޖެ އަށް ނަސްރު ލިބުމާ ގުޅިގެން ފާހަގަ ކުރަމުންދާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ޑީއާރުޕީން އިސް ނަގައިގެން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ ވެސް މެންބަރު ޔާމީން ވިދާޅުވީ، ނޮވެމްބަރު 3ގެ ހާދިސާގެ ތަހުގީގު އަދި ފުރިހަމަ ނުވާ ކަމަށެވެ. އަދި އެކަމުގެ ތަހުގީގު ނިމުމުން އިތުރު "އެތައް މުޖުރިމުންނެއް" އަޅުގަނޑުމެންގެ ކުރިމައްޗަށް އަންނަން ޖެހޭނެ ކަމަށާއި އެ ތަހުގީގު ފުރިހަމަ ކުރާނެ ޖީލެއް އަދި އަންނާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.


ރައީސް ނަޝީދުގެ ހާއްސަ މަންދޫބު، އަދި ކުރީގެ ސަރުކާރުގެ ކެބިނެޓުން ވަކިކުރެއްވި އިބުރާހިމް ހުސެއިން ޒަކީ، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި، ޑިމޮކްރެޓިކް އުސޫކުތަކެއް ހިނގި ނަމަ ރާއްޖެ އަށް އުދުވާނީ ހަމަލައެއް ކުރިމަތި ވުމަކީ ނާދިރުކަމެއް ކަމަށް ވިދާޅުވެ، ދެއްކެވި ވާހަކަ އަށް ޔާމީން ވަނީ ޒަކީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.


ޔާމީން ވިދާޅުވީ، އެ ކަމަކީ، ދިވެހި ރައްޔިތުންގެ އަޑު ނާހައި ޑިމޮކްރަސީ ނެތިގެން ވީކަމެއް ނޫން ކަމަށެވެ.


"ނޮވެމްބަރު ތިނަކީ ދިވެހިންގެ އަޑު ނާހައިގެން އައި ކަމެއްނޫން. އެއީ ދިވެހި ރައްޔިތުން ގެނައި ރައްޔިތުންގެ އިންގިލާބެއް ނޫން. މީ ދިވެހި ރައްޔިތުންގެ އަޑުނާހައި ޑިމޮކްރަސީ ނެތިގެން އައިކަމެއްނޫން. ޑިމޮކްރަސީ ނެތިގެންނޭ ވިދާޅުވާ ބޭފުޅުން އެ ސަރުކާރުގައި އޭރު ވެސް ޝާމިލްވޭ. އަދި އޭގެ ފަހުގައި އެއަށް ވުރެ މަތީ މަގާމުތަކުގައި ވެސް ތިއްބަވައިގެން މިހާރު އެބޭފުޅުންގެ ހާލަތު ބަދަލުވީމާ އެހެން ގޮތަކަށް ވާހަކަ ދެއްކުމަކީ މާ ރީތިކަމެއް ނޫން. ނޮވެމްބަރު ތިނެއްގައި ދިވެހި ރައްޔިތުން، ރައްޔިތުންނަށާއި ސަރުކާރަށް ކޮށްދިން ހިދުމަތްތަކުން ވެސް އެއީ ޑިމޮކްރަސީ ނެތިގެން ކުރިމަތިވި ހާދިސާއެއް ނޫންކަން އެނިގެންދޭ،"


ސަރުކާރުން ނަސްރުގެ ދުވަސް ފާހަގަކޮށްފައި ނުވާތީ ރައީސް ނަޝީދަށް ފާޑު ވިދާޅުވަމުން ޔާމީން ވިދާޅުވީ، ތާރީހު ލިޔާ މީހުންގެ ތެރެއިން އެންމެ ޣައްދާރު ބަޔަކީ، ތާރީހު އޮޅުވާލުމަށް މަސައްކަތްކުރާ މީހުން ކަމަށެވެ.


"އަޅުގަނޑު ރައީސް ނަޝީދަށް ދަންނަވަން އޮތް ވާހަކައަކީ، ތާރީހަށް ލޯބިލުކުރައްވާ ބޭފުޅެއް ނަމަ، ލިޔުންތެރިއެއް ނަމަ ނޮވެންބަރު ތިނެއްގެ ހަގީގަތް ޕޯޑިއަމެއް ކައިރިއަށް ވަޑައިގެން ވިދާޅުވެ ބައްލަވާށޭ.  ރައީސް ނަޝީދަށް ދަންނަވާލަން ދެން އޮތް ވާހަކައަކީ، ކީއްވެގެންތޯއޭ ނޮވެމްބަރު ތިނެއްގެ ހަގީގަތް ލިއުއްވަން ކެރިވަޑައި ނުގަންނަވައިގެން ތިޔަ އުޅުއްވަނީ. އާއިލާގެ ކަންތައްތަކެއް ހިމެނެނީތޯއޭ. ޖަލުގައި އަނިޔާލިބޭ ވާހަކަ ދައްކާ އިރު މިއީ ދުވާލުގެ އަލިކަމުގެ ތެރޭގައި ބޭރުގެ ބަޔަކަށް ދައުވަތު ދީގެން ގެނައި ދިވެހި 19 ރައްޔިތުން ޝަހީދުކޮށްލި ހާދިސާއެއްގެ ވާހަކަ މި ދަންނަ ވަނީ. މިސަރުކާރަށް ނޮވެމްބަރު ތިނެއްގެ ވާހަކަ ދެއްކުމަށް ޕޯޑިއަމެއް ކައިރިއަށް ނާދެވޭނެ. ނަސްރުގެ ދުވަހުގެ ވާހަކަ ދެއްކުމަކީ މިސަރުކާރު ލަދުވެތިވާން ޖެހޭކަމެއް،"


ޔާމީން އަދި ވިދާޅުވީ، ދިވެހި ރައްޔިތުން ތިބީ އޭރު އޮތް ސަރުކާރާއެކީގައި ކަމަށާއި ރައީސް މައުމޫނުގެ ފަހަތްޕުޅުގައި ވަރަށް ސާބިތުކަމާއެކީ ކަމަށެވެ. އަދި އެ ދުވަހުގެ އުދުވާނަކީ، ޒަމާނުއްސުރެ ކޮންމެ ވެރިކަމެއް އޮތް ނަމަވެސް އެ ވެރިކަމާ ދޭތެރޭ ހަސަދުވެރިވެގެން ވެރިކަން ބަދަލުކުރުމަށް މަސައްކަތްކުރި ބައެއްގެ ފަރާތުން ދިމާވި ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެ މީހުންނަށް ހައްގު ބަދަލު ދިނުމުގެ ގޮތުން އެމީހުގެ އެކި ފަރާތްތަކަށް އެކި ފެންވަރުގެ ވަޒީފާ އާއި މަގާމުތައް މި ސަރުކާރުން ދެމުންދާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.


ޔާމީންގެ ވާހަކާގައި އެ ދުވަހު ރާއްޖެ އަށް ނަސްރު ހޯދެވުމަށް ދިވެހި ސިފައިން ކުރި މަސައްކަތަށާއި ރައީސް މައުމޫނު އެކަމުގައި ގެންގުޅުއްވި ހިކުމަތްތެރިކަމަށް ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރެއްވި އެވެ. އަދި އެކަމުގައި އިންޑިޔާ ސަރުކާރުން ދިން އަސްކަރީ އެހީއަށްޓަކައި އިންޑިޔާ ސަރުކާރަށާއި އެ ގައުމުގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރެއްވި އެވެ. އަދި ރާއްޖެ އިން ޑިމޮކްރަސީ ކައްސާލައިގެން ގޮސް ހުދު މުހުތާރު ވެރިކަމަކަށް ރާއްޖޭގެ ވެރިކަން ވެއްޓިގެންދާއިރު ބަލަހައްޓައިގެން ނުތިބުމަށް އިންޑިޔާ އާއި އދ. އަށާއި އެމެރިކާ އަށް ޔާމީން އިލްތިމާސް ކުރެއްވި އެވެ.


ރޭގެ ޖަލްސާގައި ޑީއާރުޕީގެ ދެ ނާއިބު ޒައީމުން ކަމުގައިވާ އިލްހާމް އަހްމަދާއި އުމަރު ނަޒީރު ވެސް ވާހަކަ ދެއްކެވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު