ސިކުނޑީގެ އަލްޓްރާ ހައި ރެޒޮލިއުޝަން 3ޑީ މޮޑެލެއް އެކުލަވާލައިފި

އިންސާނާގެ ސިކުނޑީގެ އަލްޓްރާ ހައި ރެޒޮލިއުޝަން 3ޑީ މޮޑެލެއް ސައެންސްވެރިން އެކުލަވާލައިފި އެވެ.

ސައެންސް ޖާނަލްގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައި ވަނީ އެމެރިކާގެ ލޮސް އެންޖެލީސްގައި ހުންނަ ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ ނިއުރޯ އިމޭޖިންގް ލެބޯޓަރީ އިން އެކުލަވާލި މި 3ޑީ މޮޑެލަކީ މިހާތަނަށް އެކުލަވާލެވިފައިވާ އިންސާނެއްގެ ސިކުނޑީގެ އެންމެ ހައި ރެޒޮލޫޝަން މޮޑެލް ކަމަށެވެ.

ނިއުރޯ އިމޭޖިންގް ލެބޯޓަރީގެ ޑިރެކްޓާ ޑރ. އާތާ ޓޯގާ ވިދާޅުވީ މިމަސައްކަތަކީ ވަރަށް އުދަނގޫކޮށް ކުރެވުނު މަސައްކަތެއް ކަމަށެވެ.

"މިމަސައްކަތަކީ މިހާތަނަށް ސިކުނޑި މެޕްކުރުމަށް ކުރެވުނު އެންމެ ކަވި އަދި ބުރަ މަސައްކަތް. މިމަސައްކަތުގެ ސަބަބުން ސިކުނޑީގެ އެންމެ އެތެރޭގައިވާ އެންމެ ހިމަ ނާރުތައް ވެސް އަލްޓްރާ ހައި ރެޒޮލިއުޝަންގައި 3ޑީ ކޮށް ބަލާލެވޭނެ" ޑރ. ޓޯގާ ވިދާޅުވި އެވެ.

މީގެ ކުރިން ބޭނުންކުރެވިފައިވާ ސިކުނޑީގެ 3ޑީ މޮޑެލްއަކީ ކޯބިއަން ބްރޮޑްމަން 20 ވަނަ ގަރުނުގެ ތެރޭގައި އެކުލަވާލާފައިވާ މޮޑެލެކެވެ. މިމޮޑެލް އަކީ މިހާރު ކުރެވޭ ސިއްހީ ދިރާސާތަކުގައި ވެސް ބޭނުންކުރެވޭ މޮޑެލެކެވެ. ނަމަވެސް މިމޮޑެލްގައި ޗާޓުކުރެވިފައި ވަނީ ސިކުނޑީގެ ބޭރު އަދި އެތެރޭގައިވާ މައިގަނޑު ބައިތަކެވެ.

މިއަށް ވުރެ ފަހުން އެކުލަވާލެވިފައިވާ ސިކުނޑީގެ 3ޑީ މޮޑެލްތައް އެކުލަވާލެވިފައި ވަނީ "މެގްނެޓިކް ރެޒޮނާންސް އިމޭޖިންގް " ނުވަތަށް "އެމްއާރުއައި" ސްކޭންގެ އެހީގަ އެވެ. އެމްއާރުއައި މޮޑެލިންގައި ދިމާވެފައިވާ މައްސަލައަކީ ރެޒޮލިއުޝަން ކުޑަވުމުގެ ސަބަބުން ސިކުނޑީގެ ތެރޭގައިވާ ކުދި ކުދި ސްޓްރަކްޗާތައް ޗާޓުނުކުރެވުމުގެ މައްސަލަ އެވެ.

ނިއުރޯ އިމޭޖިންގް ލެބޯޓަރީއިން އެކުލަވާލި ސިކުނޑީގެ 3ޑީ މޮޑެލް އެކުލަވާލާފައި ވަނީ ނަފްސާނީ ގޮތުން އަދި ޖިސްމާނީ ގޮތުން ވެސް ސިކުނޑިއަށް އެއްވެސް ބަލިމަޑުކަމެއް ޖެހިފައި ނުވާ އުމުރުން 65 އަހަރުގެ އަންހެނެއްގެ ސިކުނޑި ބޭނުންކޮށްގެން ނެވެ.

މިމަސައްކަތުގެ އެންމެ ފުރަތަމަ ފޭސްގައި ސައެންސްވެރިން ވަނީ މިއަންހެން މީހާގެ ސިކުނޑި ނެގުމަށް ފަހު ޕެރަފިންއަށް ލައިގެން ސިކުނޑި ގަނޑުކޮށްލާފަ އެވެ.

އަދި ސިކުނޑި ޗާޓުކުރަން ފަސޭހައަކަށް ސިކުނޑީގެ އެމްއާރުއައި ސްކޭނެއް ހެދުމަށް ފަހު، މައިކްރޯޓޯމް ކިޔާ މެޝިނެއްގެ އެހީގައި ސިކުނޑި ވަނީ 7،404 ފޮއްޗަށް ބެހޭ ގޮތަށް ފޮތިކޮށްލާފަ އެވެ. މީގެ ކޮންމެ ފޮއްޗެއްގެ ބޯމިނުގައި ހުންނަނީ އެންމެ 20 މައިކްރޯ މީޓަރެވެ.

ނިއުރޯ އިމޭޖިންގް ލެބޯޓަރީއިން ބުނީ ސިކުނޑި ފޮތިކުރުމުގެ ތެރޭގައި ބައެއް ފޮތިތަކަށް ގެއްލުންވި ކަމަށާއި ނަމަވެސް ފޮތިކުރުމުގެ ކުރިން ނެގި އެމްއާރުއައި ސްކޭންގެ އެހީގައި ހަލާކުވި ފޮތިތަށް ފަސޭހައި ދެނެގަނެވި ޗާޓުކުރެވުނު ކަމަށެވެ.

ތްރީ ޑީ މޮޑެލް ހެދުމުގެ އެންމެ ފަހުގެ ފޭސްއަކީ ސިކުނޑީގެ ފޮތިތަށް ފަހަރަކު ފޮއްޗެއް ސްކޭންކޮށް އޭގައިވާ އެންމެ ކުދި ކުދި ސެލްތަކާއި އެންމެ ހިމަ ނާރުތައް މޮޑެލްކޮށްގެން ފޮއްޗަކަށް ފަހު ފޮއްޗެއް އެމްއާރުއައިގެ އެހީގައި އެއްކޮށްލުމުގެ ފޭސް އެވެ.

އެމްއާރުއައިގެ އެހީގައި ފޮތިކޮށްލެވުނު ސިކުނޑީގެ ފޮތިތައް އެލައިންކުރުމަށް ފަހު، މިހުރިހާ ސްކޭނެއް 3ޑީ މޮޑެލެއްގެ ގޮތުގައި ސައެންސްވެރިން ވަނީ ރީކޮންސްޓްރަކްޓް ކޮށްފަ އެވެ. ރީކޮންސްޓްރަކްޓްކޮށް ނިމުނުއިރު 3ޑީ މޮޑެލްގެ ސައިޒުގައި 1 ޓެރަބައިޓް ހުރި ކަމަށް ނިއުރޯ އިމޭޖިންގް ލެބޯޓަރީއިން ބުނެ އެވެ.

ސިކުނޑީގެ މިމޮޑެލްގެ އެހީގައި އިންސާނާގެ ސިކުނޑިއަށް އަންނަ ބަދަލުތައް ދެނެގަތުމަށާއި ތަފާތު ސިއްހީ ދިރާސާތައް ހެދުމަށް ފަސޭހަ ވެގެންދާނެ ކަމަށް ސައެންސް ޖާނަލްއިން ބުނެ އެވެ.

ކެލިފޯނިއާ ޔުނިވާސިޓީގެ ނިއުރޯ އިމޭޖިންގް ލެބޯޓަރީއިން ބުނީ ސިކުނޑީގެ އަލްޓްރާ ހައި ރެޒޮލިއުޝަން 3ޑީ މޮޑެލް ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް ހިލޭ ލިބޭނެ ގޮތް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު