ދިރާގުގެ ހިއްސާ ވިއްކުމުގެ މުއާމަލާތާ ގުޅޭ ލިޔެކިޔުން ފެންނާކަށް ނެތް!

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދިރާގުގެ ހިއްސާ ކޭބަލް އެންޑް ވަޔާލެސް އަށް ވިއްކުމަށް ކޮށްފައިވާ ހަރަދުތަކާ ގުޅޭ ލިޔެކިޔުންތައް އޮޑިޓާ ޖެނެރަލް އޮފީހަށް ލިބިފައި ނުވާ ކަމަށް އެ އޮފީހުން ބުނެފި އެވެ.

އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ބުރާސްފަތި ދުވަހު ނެރުއްވާފައިވާ ފިނޭންސް މިނިސްޓްރީގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ދިރާގުގެ ހިއްސާ ވިއްކުމަށް ސަރުކާރުން ލަފާ ހޯދުމަށް އެޗްއެސްބީސީ އަށް 399،750ރ. ހަރަދުކޮށްފައިވާ އިރު ދިރާގު ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރުމަށް ލަފާ ހޯދުމަށް ބޭކާ އެންޑް މެކެންޒީ އަށް 4.62 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ.

އެ ދެ ކުންފުންޏަށް އެ ފައިސާ ދީފައިވީ ނަމަވެސް އެ ދެ ކުންފުނިން ކޮށްފައި ވަނީ ކޮން މަސައްކަތެއް ކަން ނުވަތަ ސަރުކާރަށް ދީފައި ވަނީ ކޮން ލަފައެއްކަން އެނގޭނެ އެއްވެސް ލިޔެކިޔުމެއް އޮޑިޓް އޮފީހަށް ލިބިފައި ނެތް ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އެ މައްސަލާގައި އޮޑިޓާ ޖެނެރަލް ލަފާ އަރުވާފައި ވަނީ ދައުލަތުގެ ބަޖެޓުން ހޭދަކުރާ ފައިސާއާ ގުޅޭ މުއާމަލާތްތަކުގެ ލިޔެކިޔުންތައް ފުރިހަމައަށް ބެލެހެއްޓުމަށާއި ދިރާގުގެ ހިއްސާ ވިއްކުމާ ގުޅިގެން ހިނގާފައިވާ ހަރަދުތަކާ ގުޅޭ ލިޔެކިޔުން ފުރިހަމައަށް ނެތިސް ފައިސާ ދޫކުރުމަށް ހުއްދަދިން ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށެވެ.

ސަރުކާރުން އިނގިރޭސިވަލާތުގެ ކޭބަލް އެންޑް ވަޔަލެސް އަށް ފަހުން ވިއްކާފައި ވަނީ ދިރާގުގެ ހަތް ޕަަސެންޓް ހިއްސާ އެވެ. އެއާ އެކު ކޭބަލް އެންޑްވަޔާލެސް އިން އެ ކުންފުނީގައި ހިއްސާ ކުރާ 52 ޕަސެންޓް ހިއްސާ މިދިޔަ އަހަރު ތެރޭގައި ވަނީ ބަހްރެއިން ޓެލެކޮމިއުނިކޭޝަންސް ކޮމްޕެނީ (ބަޓެލްކޯ) އަށް ވިއްކާލާފަ އެވެ. ދިރާގުގައި މިހާރު ސަރުކާރުން ހިއްސާ އޮންނަނީ 41.8 ޕަސެންޓް އެވެ. އަދި އާންމު ހިއްސާދާރުންގެ 5.9 ޕަސެންޓް ހިއްސާ އެ ކުންފުނީގައި އޮންނައިރު ކޮލީގްސް ޝެއާގެ ގޮތުގައި 0.30 ހިއްސާ އޮވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު