ލޮލުގެ ކޯނިއާގައި އިތުރު ފަށަލައެއްވާކަން ސައެންސްވެރިން ސާބިތުކޮށްދީފި

ލޮލުގެ ކޯނިއާގައި މީގެ ކުރިން ހޯދިފައި ނުވާ އިތުރު ފަށަލައެއްވާ ކަން އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ނޮޓިންގްހަމްގެ ސައެންސްވެރިން ސާބިތުކޮށްދީފި އެވެ.

ލޮލާ ބެހޭ އެކެޑެމިކް ޖާނަލްއެއް ކަމަށްވާ "އޮޕްތެލްމޮލޮޖީ"ގައި މިހޯދުން ޝާއިއުކޮށްފައިވާ އިރު، މިހޯދުން ހޯދި ފަރާތްތަކުން ބުނެފައި ވަނީ ކުރިން މިފަށަލަވާ ކަން ހޯދިފައި ނެތުމުން ލޮލުގެ އޮޕަރޭޝަންތައް ކުރާ އިރު ދަތިތަކާ ދިމާވާ ކަމަށާއި މިހާރު މިފަށަލަ ހުންނަ ކަން ޔަގީންވުމުން ލޮލުގެ އޮޕަރޭޝަންތައް ކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

އަލަށް ހޯދުނު މިފަށަލަ އަށް ސައެންސްވެރިން ދީފައިވާ ނަމަކީ "ޑުއާ ލެޔާ" އެވެ. މިނަން ދީފައި ވަނީ ފަށަލަ ހޯދުމުގެ އިސްކޮށް މަސައްކަތް ކުރި ޕްރޮފެސާ ހާމިންޑާ ޑުއާއަށް ނިސްބަތް ކޮށެވެ.

އަލަށް މިހޯދުނު ހޯދުމާ ގުޅޭ ގޮތުން މައުލޫމާތު ދެމުން ޕްރޮފެސާ ޑުއާ ބުނީ މިހޯދުމާއެކު ލޮލާ ބެހޭ ހުރިހާ ފޮތެއް އަލުން ލިޔަން ޖެހޭ ވަރުގެ ބޮޑު ބަދަލެއް އައިސްގެންދާނެ ކަމަށެވެ.

"މިހޯދުމާ ގުޅިގެން ލޮލާ ބެހޭ ހުރިހާ ފޮތެއް މުޅިން އަލުން ލިޔަން ޖެހޭނެ. މިއީ އެހާ ބޮޑު ހޯދުމެއް. ލޮލުގެ ޓިޝޫގެ ތެރޭގައިވާ މި އިތުރު ފަށަލައިގެ ސަބަބުން ލޮލުގެ އޮޕަރޭޝަންތައް ކާމިޔާބުވާ މިންވަރު މައްޗަށް ދާނެ،" ޑުއާ ވިދާޅުވި އެވެ.

ލޮލުގެ "ކޯނިއާ" އޭ ކިޔަނީ ކަޅި ހިމާޔަތްކުރުމުގެ ގޮތުން ލޮލުގެ ކުރިމަތީގައިވާ "ލެންސް" އެވެ. މީގެ ކުރިން ހީކުރެވިފައި އޮތީ ކޯނިއާއަކީ ފަސް ފަށަލައިގެ މައްޗަށް އެކުލެވޭ އެއްޗެއް ކަމަށެވެ. އެއީ ކުރިމަތިން ފަށައިގެން ފަހަތަށް ކޯނިއަލް އެޕިތީލިއަމް، ބޯމަންސް ލޭޔާ، ކޯނިއަލް ސްޓްރޯމާ، ޑެސިމެޓްސް މެމްބްރޭން އަދި ކޯނިއަލް އެންޑޮތީލިއަމް އެވެ.

އަލަށް މިހޯދުނު ޑުއާ ލޭޔާ ހިމެނެނީ ކޯނިއަލް ސްޓްރޯމާ އަދި ޑެސިމެޓްސް މެމްބްރޭންގެ ދެމެދުގަ އެވެ.
ޑުއާ ލޭޔާގެ ބޯމިނުގައި 15 މައިކްރޯންސް ހުންނަ ކަމަށް ޔުނިވާސިޓީ އޮފް ނޮޓިންގްހަމްއިން ބުނެ އެވެ.

ކޯނިއާގެ ހުރިހާ ފަށަލައެއް އެއްކޮށްލުމުން ބޯމިނުގައި ހުންނަނީ 550 މައިކްރޯންސް ނުވަތަ 0.5 މިލިމީޓަރެވެ.

މިހޯދުން ހޯދުމަށް ހެދި ތަހުލީލުގައި ސައެންސްވެރިން ބޭނުންކޮށްފައި ވަނީ ދިރާސާތަކުގައި ބޭނުންކުރުމަށް ބްރިސްޓޮލް އަދި މެންޗެސްޓާގައި ހުންނަ އައި ބޭންކަށް ހަދިޔާކޮށްފައިވާ ލޯތަކެކެވެ.

ތަހުލީލުގައި ސައެންސްވެރިން ވަނީ ނާޒުކުކަމާ އެކު ކޯނިއާގެ ފަށަލަތައް ވަކިކުރުމަށް ފަށަލަތައް ދޭތެރެއަށް އެއާ ބަބްލްތަކެއް (ވައި ބޮކި) ފޮނުވާލާފަ އެވެ. އޭގެ ފަހުން މައިކްރޯސްކޯޕްގެ އެހީގައި ސައެންސްވެރިން ވަނީ ވަކިކުރެވިފައިވާ ފަށަލަތައް ތަހުގީގުކޮށްފަ އެވެ.

މިފަށަލަ ހޯދުމުން ލޮލާ ގުޅޭ ގިނަ ބަލިތަކެއްގެ ހަގީގަތް ހޯދިގެންދާނެ ކަމަށް ޔުނިވާސިޓީ އޮފް ނޮޓިންގްހަމުން ބުނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު