ފުރަތަމަ ފަހަރަށް މަސްނޫއީ ލޮލެއް ސައެންސްވެރިން ދައްކާލައިފި

ދުނިޔޭގައި ފުރަތަމަ ފަހަރަށް އުފައްދާފައިވާ މަސްނޫއީ ލޮލުގެ ޕްރޮޓޯޓައިޕް (ފުރަތަމަ މޮޑެލް) އޮސްޓްރޭލިޔާގެ ސައެންސްވެރިންތަކެއް ދައްކާލައިފި އެވެ.

އޮސްޓްރޭލިޔާގެ އިންޑަސްޓްރިޔަލް ސައެންޓިސްޓުންނާއި ޑިޒައިނަރުން ހިމެނޭ ޓީމުން ދައްކާލާފައިވާ މަސްނޫއީ ނޫނީ އާޓިފިޝަލް ލޮލުގައި ހިމެނެނީ ކެމެރާއެކެވެ. ލޮލުގައި އަޅާ އައިނެއްގައި ހަރުކޮށްފައިވާ މި ކެމެރާ އިން ދައްކުވައިދޭ މަންޒަރުތައް ފެންނަނީ ސިކުނޑީގައި އިމްޕްލާންޓް ކުރެވޭ މައިކްރޯޗިޕެއް މެދުވެރިކޮށެވެ.

މަސްނޫއީ ލޯ ތައްޔާރުކުރުމުގައި ހަރަކާތްތެރިވި އޮސްޓްރޭލިޔާގެ މޮނާޝް ޔުނިވާސިޓީގެ ޕްރޮފެސާ މާކު އާމްސްޓްރޯންގް ވިދާޅުވީ މިޑިވައިސް ބޭނުންކުރާ ލޮލުގެ ފެނުމަށް އުނިކަން ލިބިފައިވާ ފަރާތްތަކަށް ސާފުކޮށް ނުފެނުނު ނަމަވެސް، ކެމެރާގެ އެހީގައި ކުރިމަތީ ހިނގާ ހުރިހާ ކަމެއްގެ އައުޓްލައިން ފެނިގެންދާނެ ކަމަށެވެ.

އާމްސްޓްރޯންގް ވިދާޅުވީ މިޑިވައިސްގައި ބޭނުންކުރާ ކެމެރާއަކީ އައިފޯންގައި ހުންނަ ޒާތުގެ ކެމެރާއެއް ކަމަށާއި ކެމެރާ އިން ފޮނުވައިދޭ މަންޒަރުތައް ޕްރޮސެސާއެއްގެ އެހީގައި ވަރަށް ބޮޑަށް ފިލްޓާކުރެވިފައިވާ ސިގްނަލަކަށް ބަދަލުކޮށްލާ ކަމަށެވެ.

އަދި މިސިގްނަލް ކޮއިލެއްގެ އެހީގައި ވަޔާލެސްކޮށް ސިކުނޑީގައި ހަރުކުރެވިފައިވާ މައިކްރޯޗިޕަށް ފޮނުވާލެވެ އެވެ.

އާމްސްޓްރޯންގް ވިދާޅުވީ މިމައިކްރޯޗިޕް ހަރުކޮށްފައި ވަނީ ސިކުނޑީގެ "ވިޒުއަލް ކޯޓެކްސް" ނުވަތަ ފެނުމާ ބެހޭ ބައިގާ ކަމަށާއި ލޮލުގެ ފެނުމަށް އުނިކަން ލިބިފައިވާ ފަރާތްތަކަށް އަމިއްލަ އަށް ހިނގާ ބިނގާވެ އުޅެވޭ ވަރަށް މިމަސްނޫއީ ލޮލުން ފެނުމުގެ ގާބިލްކަން ލިބިގެންދާނެ ކަމަށެވެ.

"ފެންނާނެ ކަމަށް މިއުއްމީދު ކުރަނީ. ލޮލުގެ ފެނުމުގައި މައްސަލައެއް ނޫޅޭ ފަރާތްތަކަށް ފެންނަ ވަރަކަށް ނުފެންނާނެ. އެހެން ނަމަވެސް މޭޒެއްގެ ވެއްޖެއްޔާ އައުޓްލައިން ފެންނާނެ. މީހެއްގެ ވެއްޖެއްޔާ ވެސް އޭނަގެ އައުޓްލައިން ފެންނާނެ. އެހެންވެއްޖެއްޔާ ލޮލަށް ނުފެނުނަސް މިޑިވައިސް ބޭނުންކޮށްގެން އަމިއްލައަށް ހިނގާ ބިނގާވެ އުޅެވޭނެ." އާމްސްޓްރޯންގް ވިދާޅުވި އެވެ.

މިޑިވައިސްއަކީ ކާމިޔާބު މަސްނޫއީ ލޮލަކަށް ވެއްޖެ ނަމަ ދުނިޔޭގެ އުޅޭ ލޮލުގެ ފެނުމަށް އުނިކަން ލިބިފައިވާ މީހުންގެ ތެރެއިން 85 އިންސައްތަ މީހުންނަށް ފެނުމުގެ ގާބިލްކަން ކޮންމެވެސް ވަރަކަށް ލިބިގެންދާނެ ކަމަށް މޮނާޝް ޔުނިވާސިޓީ އިން ލަފާކުރެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިޑިވައިސް ޓެސްޓްކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ މިއަންނަ އަހަރު އެވެ.

މިއަންނަ އަހަރު ފުރަތަމަ ފަހަރަށް މަސްނޫއީ ލޯ އިންސާނެއް ބޭނުންކޮށްގެން ޓެސްޓްކުރަން ހަމަޖެހިފައިވާ އިރު ކުލިނިކަލް ޓްރަޔަލްތަކަށް އަދި އަހަރުތަކެއް ނަނގާނެ ކަމަށް ބެލެވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު