ރާއްޖޭގެ ވެރިކަމުގައި ނޫނު މީމު

ޕޯޗުގީޒުންގެ ވެރިކަމާއި އުތީމު މަހާރަދުންގެ ވެރިކަން ނިމި، އެ ރަދުންގެ ދަރިކަލުން ސުލްތާން އިބްރާހީމް ކަލާފާނު ޝަހީދުވުން ފަދަ ހާދިސާތައް ހިނގުމަށް ފަހު، ދިވެހި ވެރިކަން އަނެއްކާ ވެސް ފުރިހަމަ އަށް ހިނގާން ފެށީ ކަޅުތުއްކަލާ، (ފަހުން ބޮޑުރަސްގެފާނު) ދިވެހި ވެރިކަމުގެ ކަންތައްތައް ހިންގެވުމާ ހަވާލުވެވަޑައި ގަތުމުންނެވެ.

މިރަސްގެފާނުގެ ވެރިކަން އެންމެ ފުރިހަމަ ކުރެވުނު ކަމަށް އާންމުކޮށް ބެލެވޭ 1632 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް މިދާ ތިންސަތޭކަ އަށްޑިހަ އެތައް އަހަރެއްގެ ތެރޭގައި 35 ބޭފުޅަކު ވަނީ ރާއްޖޭގެ ވެރިކަން ކުރައްވައިފައެވެ.

މި ގައުމުގެ ހަޔާތުގައި ހަތަރު ވަރަކަށް ގަރުނުގެ ތެރޭގައި ވެރިކަން ކުރެއްވި 36 ވެރިންގެ ތެރެއިން 33 ވެރިންގެ ނަންފުޅުގައި "ނ" އާއި "މ" ހިމެނެއެވެ. އެހެންކަމުން ރާއްޖޭގެ ވެރިކަމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ތައްޔާރުވަމުންދާ މިފަދަ ވަގުތެއްގައި މީމާއި ނޫނުގެ ވާހަކަދައްކައިލުމުގެ ޝައުގުވެރިކަން ބޮޑުވެގެން ދެއެވެ.

ވޭތުވެ ދިޔަ 381 އަހަރު ތެރޭގައި 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް ވެރިކަމުގައި ދެމިތިއްބެވި ކަމަށް ތާރީޚުން ފެންނަނީ ހަ ބޭފުޅުންނެވެ. އޭގެ ތެރެއިން ދެ ބޭފުޅެއް ފިޔަވައި އަނެއް ހަތަރު ބޭފުޅުންގެ ނަންފުޅުގައި ވެސް "ނ" އަކުރާއި "މ" އަކުރު ހިމެނޭ އިރު، އެ ނަންފުޅު ތަކުގައި "މ" އަކުރު ތިން ފަހަރަށް ތަކުރާރު ވެފައިވެ އެވެ. އެއީ 56 އަހަރު ރަސްކަން ކުރެއްވި މުހައްމަދު މުޢީނުއްދީން 1 އާއި 47 އަހަރު ރަސްކަން ކުރެއްވި މުހައްމަދު ޢިމާދުއްދީން 4 އާއި 32 އަހަރު ރަސްކަން ކުރެއްވި މުހައްމަދު ޝަމްސުއްދީން 3 އާއި 30 އަހަރު ރައީސްކަން ކުރެއްވި މައުމޫން ޢަބްދުލް ޤައްޔޫމް އެވެ. ތިރީސް އަހަރަށް ވުރެ ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި އަނެއް ދެ ބޭފުޅުންނަކީ 39 އަހަރު ރަސްކަން ކުރެއްވި އިބްރާހީމް އިސްކަންދަރު 1 އާއި 30 އަހަރު ރަސްކަން ކުރެއްވި އިބްރާހީމް އިސްކަންދަރު 2 (ދިޔަމިގިލީ އިބްރާހީމް ރަސްގެފާނު) އެވެ. މި ހިސާބު ތަކަށް ބަލާ އިރު ހުރިހާ ނަންފުޅެއްގައިމެ "މ" އަކުރާއި "ނ" އަކުރު ހިމެނުނަސް، ދިގު ވެރިކަންތަކާއި "މ" އަކުރާއި އޮތް ގުޅުން ވަކީން ބޮޑު ކަމަށް ވެސް ފާހަގަވެ އެވެ.

މީމާއި ވެރިކަމާއި ހުރިގުޅުން ބޮޑުވާހަކަ ދައްކާ އިރު އެނގެން ރަނގަޅު ޝައުގުވެރި އެހެން ވާހަކައެއް ވެެސް އެބަ އޮތެވެ. އެއީ ރާއްޖޭގެ ޖުމުހޫރީ ވެރިކަމުގައި ނަމުގެ ކުރިޔަށް މުހައްމަދު އޮތް އެއްވެސް ވެރިޔަކަށް ފުރިހަމަ ވެރިކަމެއް އަދި މިހާތަނަށް ލިބިފައި ނެތް ކަމެވެ. އެ ގޮތުން މުހައްމަދު އަމީން، މުހައްމަދު ނަޝީދު އަދި މުހައްމަދު ވަހީދު ހަސަން މަނިކު، މި ތިން ބޭފުޅުންނަށް ވެސް ލިބިވަޑައިގެންފައިވަނީ ވެރިކަމުގެ ދައުރުން އެތިކޮޅެކެވެ.

މި ލިޔުމުގައި މި ފާހަގަ ކުރި ދިވެހި ވެރިކަމުގެ ތާރީޚުގެ ތެރޭގައި، ވެރިކަމުގެ ތަޚުތު އެންމެ ކުރުމުއްދަތުގެ ތެރޭގައި ގެއްލި ވަޑައިގެންނެވި ދެ ބޭފުޅުންގެ ތެރެއިން އެެއް ބޭފުޅެއްގެ ނަންފުޅުގައި "މ" އަކުރު އެއްގޮތަކަށް ވެސް ނުހިމެނެ އެވެ. އަނެއް ބޭފުޅާގެ ނަންފުޅުގައި "މ" އަދި "ނ" މި ދެ އަކުރުން ކުރެ އެއް އަކުރު ވެސް ނުހިމެނެ އެވެ. އެ ދެބޭފުޅުންނަކީ 1701 ވަނަ އަހަރު ރަސްކަން ކުރެއްވި ޢަލީ 7 އަދި ހަމަ އެ އަހަރު ރަސްކަން ކުރެއްވި ޙަސަން 10 އެވެ.

މި ހިސާބު ޖަހަމުން އަންނަ ތާރީޚުގެ ތެރޭގައި، ރާއްޖޭގެ ވެރިކަން ކުރެއްވީ އެންމެ އަންހެން ބޭފުޅެކެވެ. އެބޭފުޅަކީ ދެ އަހަރު ރަނިކަން ކުރެއްވި އާމިނާ ރަނިކިލެގެފާނެވެ. އެކަމަނާގެ ނަންފުޅުގައި ވެސް "މ" އަދި "ނ" އަކުރު ހަމަކޮށް އެބަ އޮތެވެ. އެކަމަނާގެ ނަންފުޅުގައި ރަސްކަމުގެ ހުރިހައި ކަމެއް ހިންގެވީ ދޮންބަންޑާރައިންނެވެ.

ރާއްޖޭގައި ޖުމުހޫރީ ވެރިކަމެއް ފެށުމަށް ފަހު ރައީސްކަން ކުރެއްވި ހުރިހާ ބޭފުޅުންނަކީ ވެސް އެ ބޭފުޅުންގެ ނަންފުޅުގައި "ނ" އަދި "މ" އަކުރު ހިމެނޭ ބޭފުޅުންނެވެ. އެއީ މުހައްމަދު އަމީން އާއި އިބްރާހީމް ނާސިރާއި މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދު އަދި މުހައްމަދު ވަހީދު ހަސަން މަނިކެވެ.

ރާއްޖޭގެ ފަހުގެ ތާރީޚަށް ޖެހިލައި، 2008 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބަށް ބަލާ އިރު، ދެވަނަ ބުރަށް ނުގޮސް ކެޓި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން ތިން ބޭފުޅެއްގެ ނަންފުޅުގައި "ނ" އަދި "މ" އަކުރު ހަމައެއް ނުވެ އެވެ. އެބޭފުޅުންނަކީ ނަންފުޅުގައި "މ" އަކުރު ނެތް ޑރ. ހަސަން ސައީދު، ނަންފުޅުގައި "ނ" އަކުރު ނެތް އިބްރާހީމް އިސްމާއީލް (އިބްރާ) އަދި ނަންފުޅުގައި "ނ" އަކުރު ނެތް ގާސިމް އިބްރާހީމް އެވެ. ކެޓި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން ދެ އަކުރު ހަމަވީ އެންމެ ބޭފުޅެއްގެ އެވެ. އެއީ ޢުމަރު ނަސީރު އެވެ. ދެވަނަ ބުރަށް ވަޑައިގެންނެވި ދެ ބޭފުޅުން ކަމަށްވާ މައުމޫނު ޢަބްދުލް ޤައްޔޫމާއި މުހައްމަދު ނަޝީދަކީ ނަންފުޅުގައި މި ދެ އަކުރު ފުރިހަމަވާ ބޭފުޅުންނެވެ.

މި ފަހަރުގެ ރިޔާސީ އިންތިޚާބުގެ ފޯރި ގަދަވެފައިވާ އިރު، މިހާ ތަނަށް އިއުލާނު ކޮށްފައިވާ ނަންފުޅުތަކަށް ބަލާ އިރު އެންމެ ނަންފުޅެއް ފިޔަވައި ހުރިހާ ނަންފުޅު ތަކަކީ ވެސް މި ދެ އަކުރު ހިމެނޭ ބޭފުޅުންނެވެ. އެއީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި، މުހައްމަދު ނަޝީދާއި ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އެވެ. މީގެ ތެރެއިން ޑރ. ވަހީދުގެ ނަންފުޅުގައި "މ" އަކުރު ތިން ފަހަރު އަދި "ނ" އަކުރު ދެ ފަހަރު އެބަ އޮތެވެ. މުހައްމަދު ނަޝީދުގެ ނަންފުޅުގައި "މ" އަކުރު ދެފަހަރު "ނ" އަކުރު އެއް ފަހަރު އެބަ އޮތެވެ. އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ނަންފުޅުގައި ވެސް "މ" އަކުރު ދެ ފަހަރު އަދި "ނ" އެއްފަހަރު އެބަ އޮތެވެ. ދެން އޮތީ ގާސިމް އިބްރާހީމެވެ. އެބޭފުޅާގެ ނަންފުޅުގައި "މ" އަކުރު ދެފަހަރު އޮތް އިރު "ނ" އަކުރެއް ނެތެވެ.

ފާހަގަ ކުރެވިފައިވާ މިސާލު ތަކަށް ބަލާ އިރު ވޭތުވެދިޔަ ހަތަރު ވަރަކަށް ގަރުނުގެ ތެރޭގައި ރާއްޖޭގައި ވެރިކަން ކުރައްވައިފައިވާ ބޭފުޅުންގެ ނަންފުޅުގައި މީމާއި ނޫނު ހިމެނިފައިވެ އެވެ. އެހެންކަމުން މިފަދަ ހީކުރުންތަކާއި ލަފާކުރުންތައް ގަބޫލުކުރާ މީހުންގެ ގާތުގައި މީގެ ސަބަބުން ރާއްޖޭގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް އަސަރު ފޯރާނެ އެވެ. ވަކި ބޭފުޅަކަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންނެވުމުގެ ފުރުސަތުތައް މި ދެއަކުރުގެ މައްޗަށް ބުރަވާނެ އެވެ. އަނެއްކޮޅުން ބަލާއިރު ރާއްޖޭގެ ވެރިކަމުގެ ތާރީޚުގައި މިކަން މިހެން އޮތުމާ އެކު މިއީ ކަން ހިނގާ ގޮތްކަމަށް ގަބޫލުކުރާ މީހުން ދަރިންނަށް ނަންކިޔުމުގައި ވެސް އިތުރު ވިސްނުމަކުން ވިސްނައިފާނެ އެވެ.

ނަމަވެސް މިބާވަތުގެ ކަންކަމަކީ އެއްބަޔަކުގެ ގާތުގައި ސީދާވާ ހަގީގަތެކެވެ. އަނެއް ބަޔަކުގެ ގާތުގައި މުނިފޫހިފިލުވައިދޭ ވާހަކަ އެކެވެ. އަނެއްބަޔަކު ގާތުގައި މިއީ އަސްލެއް ނެތް ފިކުރެކެވެ. އަޅުގަނޑަށް މިއީ ލިޔެލަން ޝައުގުވެރިވި ވާހަކަ އެކެވެ. މުނިފޫހިފިލުވައިދޭ ލުއި ވާހަކަ ކޮޅެކެވެ. މިއިން ކޮންމެ ގޮތަކަށް ކަމުގެ ހަގީގަތް ބިނާވިޔަސް އިސްވެ ދެންނެވި ފަދައިން ރާއްޖޭގެ ފަހުގެ ތާރީޚުގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ނަންފުޅުގައި މީމާއި ނޫނު ހިމެނިފައިވާކަން އެއީ ސާފު ތެދު ހަގީގަތެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް