އައިޖީއެމްއެޗްގެ ކަށީގެ ޑިޕާޓްމެންޓަށް އަދަބުދޭން ޖެހެ އެވެ.

މި ފަހަރުގެ ކޮލަމް ފަށަމުން ވެސް އަޅުގަނޑު އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމުގައި މިހާރު ހުންނެވި ކަށީގެ ޚާއްސަ ޑޮކްޓަރު ހަބީބަށް ދަންނަވާލާނީ، ތިޔަ ހޮސްޕިޓަލުގެ ކަށީގެ ޑިޕާޓްމެންޓުގެ ހުރިހާ ޑޮކްޓަރުން މިހާރުން މިހާރަށް ސަސްޕެންޑް ކުރައްވާށެވެ. އަވަހަށް ގެޔަށް ފޮނުއްވައިލައްވާށެވެ. އެ މީހުން އިއްޔެ އެ ނިންމި ނިންމުމަކީ ޑޮކްޓަރުންގެ ސުލޫކީ މިންގަނޑާ ޚިލާފު ކަމެކެވެ. އެކަމުގައި ބައިވެރިވި ހުރިހާ ޑޮކްޓަރުންނަށް އަދަބު ލިބެން ޖެހޭނެ އެވެ.

އައިޖީއެމްއެޗްގެ ކަށީގެ ޑޮކްޓަރުން ވަނީ އިއްޔެއިން ފެށިގެން ޚިދުމަތް ދިނުން ހުއްޓައިލިކަން އިއުލާން ކޮށްފަ އެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ 10 ވަރަކަށް މީހުންގެ ގުރޫޕަކުން ވަދެ ޑޮކްޓަރަކަށް ބިރުދައްކައި އިންޒާރު ދިނުމެވެ. މި އިންޒާރު ދިން ކަމަށް ވަނީ އަނގަބަހުންނެވެ.

އަޅުގަނޑުގެ ނޫސްވެރިކަމުގެ ހަޔާތުގައި ފާއިތުވި ދެތިން އަހަރަށް ބަލައިލާ އިރު، މީހުން ފޯނުކޮށް އެކިކަހަލަ އިންޒާރު ނުދޭ އެންމެ ދުވަހެއް ވެސް ނުދެ އެވެ. އޭގެތެރޭގައި މަރުގެ އިންޒާރާއި ޢާއިލާ އެއްކޮށް "ދުއްވައިލާނޭ" ކަމުގެ އިންޒާރު ހިމެނެ އެވެ. މަގުމަތީން ހުއްޓުވައި، ބިރުދައްކައި، އިންޒާރުދީ ހަދާފައި ވަނީ އެންމެ ދުވަހަކު ދެ ދުވަހަކު ނޫނެވެ. އެހެންނޭ ކިޔާފައި އަޅުގަނޑު ނޫސްވެރިކަން ކުރުން ހުއްޓާލާފައި ގޭގައި އޮންނަންވީތޯ އެވެ؟ އެހެނެއް އަޅުގަނޑު ނުހަދަމެވެ.

ސަން މީޑިއާގެ އެޑިޓޯރިއަލް މުވައްޒަފުންނަށް ބަލައިލާ އިރު، މި ފަދަ އިންޒާރުތައް ފޯނުންނާއި މަގުމަތީން ކުރިމަތިލާން ނުޖެހޭ އެއްވެސް މުވައްޒަފަކު ނުހުންނާނެ އެވެ. ސަންގެ ނިއުސްޓީމަށް ބަލައިލާ އިރު، އެ މީހުންނަށް ވެސް ކޮންމެ ދުވަހަކުމެ މިފަދަ އިންޒާރުތައް ތަކުރާރުކޮށް އާދެ އެވެ. އެހެންނޭ ކިޔާފައި ސަންގެ ހުރިހާ ނޫސްވެރިން ރަޖާ ލައިގެން ގޭގައި ތިބެންވީތޯ އެވެ؟ ނޫނެކެވެ. އެހެނެއް އެ ނޫސްވެރިންނެއް ނުހަދަ އެވެ.

ހަވީރު ނޫހުގެ މުވައްޒަފެއްގެ ބުރަކައްޓަށް ދާދި ފަހުން ވަޅި ހަރައި ޒަޚަމުކޮށްލި އެވެ. މީޑިއާ އެލާޓަށް އައެވެ. މުޅި މީޑިއާ ވަކީން ޚާއްސަ ގޮތެއްގައި، ހަވީރު ނޫހުގެ މުވައްޒަފުންނާއި ނޫސްވެރިން ނަފުސާނީ ބިރުވެރިކަމެއްގެ ތެރެއަށް ދިޔަ އެވެ. އެހެންނޭ ކިޔާފައި ހަވީރު ނޫހުން ރައްޔިތުންނަށް ދެމުން ގެންދާ ޚިދުމަތް ހުއްޓައިލާންވީތޯ އެވެ؟ އެހެނެއް އެމީހުނެއް ނުހަދަ އެވެ.

ދާދި ފަހުން މާލޭގައި ހިންގި ހަމަނުޖެހުން ތަކުގެ ތެރޭގައި ވީމީޑިއާގެ އިމާރާތުގައި ހުޅުޖެހި އެވެ. މުވައްޒަފުން ބިރުން ފިއްކަނޑައިގެންދާ ވަރު ވިއެވެ. ސަލާމަތްތެރިކަމެއް ނުލިބުނު ނަމަ، އެއީ، ތަކެއްޗާއި މުވައްޒަފުން ވެސް އަނދައި އަޅިއަށް ވެގެންދާ ފަދަ އެތިފަހަރެކެވެ. ދެން އެހެންނޭ ކިޔާފައި ވީ މީޑިއާގެ މުވައްޒަފުން ޚަބަރާއި މައުލޫމާތު ފެތުރުން ހުއްޓައިލާންވީތޯ އެވެ؟ އެހެނެއް އެމީހުނެއް ނުހަދަ އެވެ.

ހަމަ މިއުސޫލުން ބަލާ އިރު، ދާދި ފަހުން ރާއްޖެ ޓީވީގެ ނޫސްވެރިއަކަށް ދިން ނުރައްކާތެރި ހަމަލާއެއްގައި އޭނާ ވަރަށް ބޮޑަށް ޒަޚަމުވެ، ރާއްޖެއިން ބޭރަށް ގެންގޮސްގެން ފަރުވާ ދޭން ޖެހުނެވެ. އެ ނޫސްވެރިޔާ އެނބުރި ރާއްޖެ އައީ ދާދި އިހަކަށް ދުވަހު އެވެ. މި ހާދިސާ އާއި ގުޅިގެން ރާއްޖެ ޓީވީގެ ނިއުސް ޓީމަށް ބިރުވެރިކަމުގެ ކުއްލި ޝޮކެއް ޖެހުނެވެ. ދެން އެހެންނޭ ކިޔާފައި ރާއްޖެ ޓީވީ ހުއްޓައިލާންވީތޯ އެވެ؟ އެމީހުން އެހެނެއް ޢަމަލެއް ނުކުރެ އެވެ.

ޑިފެންސް މިނިސްޓަރު ނާޒިމާއި ޕޮލިސް ކޮމިޝަނަރު ރިޔާޒާއި ދެބޭފުޅުންނަށް ވެސް ގައިމު އިންޒާރު ފަށެއް އަންނާނެ އެވެ. ހީވާ ގޮތުން މަރުގެ އިންޒާރާއި ދިމާކުރުންތައް ނާންނާނެ އެންމެ ދުވަހެއް ވެސް ނުދާނެ އެވެ. އެހެންނޭ ކިޔާފައި ރާއްޖޭގެ ޑިފެންސް ފޯސް އާއި ފުލުހުންގެ ފޯސް ޚިދުމަތް ހުއްޓާލާފައި ގޭގަ ތިބެންވީ އެވެ؟ އެކަމަކު އެ ބޭފުޅުން އެފަދަ ގޮތަކަށް ޢަމަލު ކުރެއްވި ތަނެއް ނުފެނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކެބިނެޓު މިނިސްޓަރުންނަށް ބަލައިލާ އިރު، އިންޒާރުގެ ބަސް ތަކާއި ޖިސްމާނީ އަނިޔާ ކުރުން ތަކާ އެކު، އެކި ކަހަލަ ދުއްތުރާ ތަކާއި ކުރިމަތިލާން ނުޖެހޭ ބޭފުޅަކު ނުހުންނަވާނެ އެވެ. ދެން އެހެންވީމާ ރައްޔިތުންގެ މަޖިލީހާއި ކެބިނެޓު ވެސް ހުއްޓައިލާންވީތޯ އެވެ؟

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ތަނަކަށް ވަޑައިގަތަސް، އެކި ކަހަލަ އިންޒާރުތައް ވަށައިގެން އިވިވަޑައިނުގަންނަވާ ދުވަހެއް ދާނެއެކޭ އަޅުގަނޑުގެ ހިތެއް ނުބުނެ އެވެ. އެހެންވީމާ، މިވަރަކުން ނުވާނެއޭ ވިދާޅުވެ އެމަނިކުފާނު ވެސް ގޭގައި އޮންނަވަންވީތޯ އެވެ؟ އެކަމަކު އެހެން ހެއްދެވި ތަނެއް ވެސް ނުފެނެ އެވެ.

މިހެން ގޮސް ކިތަންމެ މިސާލެއް ވެސް ދެއްކިދާނެ އެވެ. ޚިދުމަތުގެ ދާއިރާ އަށް ބަލައިލާ އިރު، މުވައްޒަފުންނަށް ކޮންމެ ދުވަހަކުމެ އެކި ކަހަލަ އިންޒާރުތަކާ ކުރިމަތިލާން ނުޖެހޭ، ސަރުކާރުގެ އެއްވެސް އޮފީހެއް ހުންނާނޭ ހެނެއް އަޅުގަނޑަކަށް ހީއެއް ނުވެ އެވެ.

ބައެއް ކަހަލަ މަސައްކަތް ތަކަކީ އެ މަސައްކަތް ތަކާ މެދު އެންމެން ހިތްހަމަ ޖެހޭނޭ ކަންކަމެއް ނޫނެވެ. ރައީސުލްޖުމްހޫރިޔާގެ މަސައްކަތް ޕުޅާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުން ކުރައްވާ ކަންކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދައްކަވާ ވާހަކަފުޅު ތަކާއި ފުލުހުން ކުރާ މަސައްކަތާއި ޝަރުޢީ ދާއިރާގައި ފަނޑިޔާރުން ކުރައްވާ ހުކުމް ތަކާއި ޑޮކްޓަރުންގެ ފަރާތުން ބަލިމީހާ އަށް ލިބޭ ޚިދުމަތާއި ނޫސްވެރިން ލިޔާ ޚަބަރު ތަކަކީ އެއަށް އެންމެންގެ ހިތް ރުހޭނޭ ތަކެއްޗެއް ނޫނެވެ. އެކަން ކުރާން ނުކުންނާން ޖެހޭނީ މި ހުރިހާ ކަމެއް އެނގި ތިބެގެނެވެ.

އެއާ ޚިލާފަށް މި ހުރިހާ ދާއިރާތަކުގެ މީހުން އެ މީހުނަށް އަންނަ އިންޒާރު ތަކާ ގުޅިގެން ޚިދުމަތް ހުއްޓައިލައިފައި ގޭގައި ތިބެއް ދިމާކޮށްފި ނަމަ، މި ގައުމު އޮންނާނީ ޕެރެލައިޒް ވެފަ އެވެ. ޚިދުމަތެއް ދޭނޭ އެއްވެސް ބަޔަކު ނުތިބޭނެ އެވެ. "އިންޒާރު ފްރީ" ގައުމަކަށް ވީ ދުވަހަކުން ޚިދުމަތަށް ނުކުންނާން ތިބެން ވެއްޖެ ނަމަ އެ ދުވަހެއް ނާންނާނެ އެވެ.

އަނެއްކާ ވެސް އައިޖީއެމްއެޗްގެ ވާހަކަ ދައްކަމާ ހެއްޔެވެ. އެ ތަނުގެ މުވައްޒަފުންނަށް ބަލައިލާ އިރު، އެ ބުނާ ފަދަ އިންޒާރުތައް އެންމެ މަދުން ލިބޭ ބަޔަކަށް ޑޮކްޓަރުން ނުވާނެ ބާވައޭ ވެސް އަޅުގަނޑުގެ ހިތަށް އަރަ އެވެ. އެހެން ދަންނަވަން މި ޖެހުނީ އަޅުގަނޑަށް ވިސްނޭ ގޮތުގައި ނިސްބަތުން، އެންމެ މަދުން ބަލި މީހުނާއި ހޮސްޕިޓަލަށް ދާ މީހުނާ މުޢާމަލާތް ކުރާން ޖެހޭ އެއްބަޔަކަށް ޑޮކްޓަރުން ވާނެތީ އެވެ.

އައިޖީއެމްއެޗްގެ ކައުންޓަރު ތަކުގައި ތިބޭ މުވައްޒަފުންނާއި ނަރުހުންނާއި އަދި މި ނޫނަސް މޫނުމަތީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް، އެކި ކަހަލަ އިންޒާރު ތަކާއި ފުރައްސާރަ ކުރުންތައް ކުރިމަތިވި މަންޒަރު ޚުދު އަޅުގަނޑަށް ވެސް ފެނިފައިވެ އެވެ. އިންޒާރު އެކަންޏެއް ނޫނެވެ. އައިޖީއެމްއެޗްގެ މުވައްޒަފުންގެ ގަޔަށް ބޮލަށް އަރައި އެކި ކަހަލަ މާރާމާރީ ވެސް ހިންގާފައި ވަނީ މަދެއްކޮށެއް ނޫނެވެ. ބޮޑެތި ގުރޫޕުތަކުންނާއި ޕާޓޭން ވަދެ، އެ ތަނުގެ ޚިދުމަތުގައި ތިބޭ އެކި ދާއިރާ ތަކުގެ މުވައްޒަފުންނަށް އިންޒާރު ނުދޭ އެންމެ ދުވަހެއް ވެސް މާޒީގެ ތެރެއަށް ގޮސްފައިވާނޭ ބާވައޭ އަޅުގަނޑުގެ ހިތަށް އަރަ އެވެ.

މި ހުރިހާ ކަމެއް މިހެން ހުރި އިރު، އިއްޔެ އެތަނަށް ވަދެ ކަށީގެ ޑިޕާޓްމެންޓުގެ ޑޮކްޓަރަކަށް އިންޒާރު ދިނުމުން މުޅި އެ ޑިޕާޓްމެންޓުގެ ޚިދުމަތް ހުއްޓައިލާން ޖެހިގެން މި އުޅެނީ ކޮން ކަމެއް ވެގެން ބާވައޭ އަޅުގަނޑުގެ ހިތަށް އަރަ އެވެ. ޑޮކްޓަރުންނަކީ މިފަދަ އިންޒާރު ތަކާއި ނުރުހުމުގެ ބަސްތަކާ ކޮންމެ ދުވަހަކު ވެސް ކުރިމަތިލާ ބަޔަކަށްވާ އިރު، އައިޖީއެމްއެޗްގެ ކަށީގެ ޑިޕާޓްމެންޓުން ޚިދުމަތް ކުއްލި އަކަށް ހުއްޓައިލާނެ މި ޖެހުނީ ކީއްވެ ހެއްޔެވެ؟ ޑޮކްޓަރުންނަކީ ބަލިމީހުންނަށް ޚިދުމަތް ދިނުމަށް ޓަކައި ކަށީން ހިތްވަރު ނެރެގެން ވެސް އެކަން ކުރާން ވައުދުވެގެން ތިބޭ ބަޔަކަށް ވާއިރު، އައިޖީއެމްއެޗްގެ ކަށީގެ ޑޮކްޓަރުންގެ އެ ހިތްވަރު ނެތީ ހެއްޔެވެ؟

އަޅުގަނޑު ވެސް ގަބޫލު ކުރަމެވެ. އައިޖީއެމްއެޗަށް ވަދެ ޑޮކްޓަރުންނަށް އިންޒާރު ދިން ބަޔަކު އެ ކުރީ ވަރަށް ވެސް ނާތަހުޒީބު، ދަށް ފެންވަރުގެ ޢަމަލެކެވެ. އެކަން އެ ކުރީ ވަރަށް ވެސް ގޮތެއް ފޮތެއް ނެތް ބައެކެވެ. އެ ފަދަ ޢަމަލުތައް އެއްވެސް ބަޔަކު ހިންގައިގެން ނުވާނެ އެވެ. އަދި އެ ކަން އެންމެ ސީރިއަސް ކަމާ އެކު، މަތީ ގިޔަރެއްގައި ތަހުގީގުކޮށް ބަލަން ވެސް ޖެހޭނެ އެވެ.

އެކަމަކު އެ ނާތަހުޒީބު މީހުން ހިންގި، ނާތަހުޒީބު ޢަމަލާ ގުޅިގެން، ކިޔަވައިގެން ތިބި، އަޅުގަނޑުމެންގެ މޮޅެތި ޑޮކްޓަރުން އެ ޢަމަލު ކުރާން ނިންމެވި ގޮތް އަޅުގަނޑަށް އަދި މާ ނާތަހުޒީބު ވެއްޖެ އެވެ. މާ ދަށް ފެންވަރު ވެއްޖެ އެވެ. ޑޮކްޓަރުންނަށް އިންޒާރު ދިނީ ޕާޓޭން ކަމަށް ބަލަމާ ހިނގާށެވެ. އެކަމަކު އައިޖީއެމްއެޗްގެ ކަށީގެ ޑިޕާޓްމެންޓުގެ ޑޮކްޓަރުންނަކީ މަތީ ފާސްތައް ނަންގަވައިގެން ތިއްބެވި، އެ މީހުންގެ ވަޒީފާގެ މަސްއޫލިއްޔަތުގެ ތެރޭގައި ސުލޫކީ މިންގަނޑުތަކެއް ހިފަހައްޓަން ޖެހޭ ބައެކެވެ. މި ގޮތަށް އަންނަ އިންޒާރު ތަކާ ގުޅިގެން ބަލި ހާލުގައި ޖެހިގެން ޚިދުމަތަށް އެދެން ތިބި އެތައް ހާސް ރައްޔިތުންނެއް އެ ޚިދުމަތުން މަހުރޫމް ވާނޭ ގޮތަށް، ޚިދުމަތް ދިނުން ހުއްޓައިލުން އަޅުގަނޑު މާނަ ކުރަނީ އެއީ އައިޖީއެމްއެޗްގެ ކަށީގެ ޑޮކްޓަރުން މި ގައުމުގެ ރައްޔިތުންގެ މައި ބަދަ އަށް ހަރާލި ތޫނު ކަށްޓެއްގެ ގޮތުގަ އެވެ. މުޅި ގައުމުގެ ޚިދުމަތުގެ މޫނުމައްޗަށް ދެއްކި ހުތުރު ނަމޫނާއެއްގެ ގޮތުގަ އެވެ.

އަޅުގަނޑުގެ މެސެޖު ވަރަށް ސާފެވެ. ޚިދުމަތުގެ ދާއިރާގައި ތިއްބަވާ ނަމަ ޖެހޭނީ ރައްޔިތުންނަށް ޚިދުމަތް ދެއްވާށެވެ. އެހެން ނޫން ނަމަ އަވަހަށް ގެއަށް ވަޑައިގަންނަވާށެވެ. ޚިދުމަތް ނުދީ އަޅުގަނޑުމެންގެ ފައިސާއިން މުސާރަ ނަންގަވައިގެން ނުވާނެ އެވެ. އިންޒާރާ ހެދި ބަލި މީހުން ބެލޭ ވަރު ނުވާ ނަމަ އެކަން ގެންދާނީ އެކަން ގެންދަން ޖެހޭ މަގުންނެވެ. މާ ކަންތައް ބޮޑު ވެއްޖެ ނަމަ ކޮންމެ ޑޮކްޓަރެއް ކައިރީގައި ސްޓާރފޯސް ބައިތިއްބާނީ އެވެ. އެހެން ހަދައިގެން ވިޔަސް ބަލިވެ، ކަށި ބިނދިގެން އައިސް އިން ބަލިމީހާ އަށް ޚިދުމަތް ދޭން ޖެހޭނެ އެވެ.

އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމުގައި މި ވަގުތު ކަށީގެ ޑޮކްޓަރަކު ހުންނެވި އެއް ކަމަކު، ކަށީގެ ޑިޕާޓްމެންޓުގެ ޑޮކްޓަރުން އެ ކުރެއްވި ނާތަހުޒީބު ޢަމަލަށް ހިތްވަރު ލިބިގެން ނުވާނެ އެވެ. އެކަމާ މެދު ފިޔަވަޅު އެޅެން ޖެހޭނެ އެވެ. އެދެއްކި ނަމޫނާއިން އެހެން މުވައްޒަފުން ހިތްވަރު ހޯދަން ފުރުސަތު ދީގެން ނުވާނެ އެވެ.

ކަށީގެ ޑޮކްޓަރުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ އަވަހަށް ޚިދުމަތަށް ނުކުމެވަޑައިގަންނަވާށެވެ. ތިޔަފަދަ "ފީ" އަމަލުތައް ތަކުރާރު ނުކުރައްވާށެވެ. ތިޔަހެން ހެއްދެވުމުން މުޅި ގައުމު އޮންނާނީ އަތްފައި ބިނދިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް