އަދުލުވެރި ނޫސްވެރިކަން ކަނޑައަޅާނީ މިނިވަން ރައްޔިތުން

ހުރިހާ މީހުން ވެސް ދައްކަނީ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ވާހަކަ އެވެ. ވަކި އަތަކަށް ނުޖެހި ނޫސްވެރިކަން ކުރުމުގެ ވާހަކަ އެވެ. ޒިންމާދާރު ނޫސްވެރިކަމުގެ ވާހަކަ އެވެ. ތެދު ހާމަ ކުރުމުގެ ވާހަކަ އެވެ. ބިނާކުރުވަނިވި ނޫސްވެރިކަމެއްގެ ވާހަކަ އެވެ. އަދި އެންމެ ފަހުން އިއްޔެގެ ހުކުރު ޚުތުބާގައި އަޑު އިވިގެން ދިޔަ އަދުލުވެރި ނޫސްވެރިކަމުގެ ވާހަކަ ވެސް މި ލިސްޓަށް އިތުރު ކޮށްލަން ޖެހެ އެވެ.

މަތީގައި ބުނެވުނު ހުރިހާ ބައިތަކަކީ ވެސް ޖުމުލަ ގޮތެއްގައި ޒިންމާދާރު ނޫސްވެރިކަމެއްގެ ތެރޭގައި ހިމެނޭ ބައިތަކެވެ. އެހެން ނަމަވެސް ދުނިޔޭގެ އެއްވެސް ތަނެއްގައި ކުރެވޭ އެއްވެސް ނޫސްވެރިކަމެއްގައި މި ހުރިހާ ބައިތައް ފުރާ ފުރިހަމަ ވެފައި އޮތްތަން ފެންނާކަށް ނެތެވެ. ކޮންމެވެސް ސިފައެއްގައި އެއިން ކޮންމެވެސް އެއްބައެއް ނުވަތަ އެއަށް ވުރެ ގިނަ ބައިތައް އުނި ނޫން ނޫސްވެރިކަމެއް އެއްވެސް ބަޔަކު ކުރާ ތަނެއް ފެންނާކަށް ނެތެވެ.

ދުނިޔޭގެ އެންމެ ބޮޑެތި މީޑިއާތަކުގެ ތެރެއިން ފެންނާން ހުރި ބައެއް މިސާލުތައް ލިޔެލާނަމެވެ. ސީއެންއެން އަށް ބަލައިލާ އިރު ހުޅަނގުގެ ވިސްނުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ޕްރޮމޯޓު ކުރާތަން ފެނެ އެވެ. އިސްލާމް ދީނާއި މުސްލިމުންނާ ގުޅުން ހުންނަ ބޮޑެތި މައްސަލަތަކުގެ ކަވަރޭޖް ގެނެސްދޭ އިރު މިކަން ނިކަން ސާފުކޮށް ފެނެ އެވެ. ބީބީސީ އަށް ބަލައިލާ އިރު ވެސް ހުޅަނގުގެ ވިސްނުމަށް ވަރަށް ބޮޑަށް ތަބާވެފައި ވާތަން ފެންނާނެ އެވެ. ވަކީން ޚާއްސަ ގޮތެއްގައި އެ މީހުންގެ ދިރާސާ ރިޕޯޓުތަކުން މިކަން ފާހަގަވާލެއް ބޮޑެވެ. އަލް ޖަޒީރާއަށް ބަލައިލާއިރު މީގެ އިދިކޮޅު ފެނެ އެވެ. ސީއެންއެން އާއި ބީބީސީގެ ވިސްނުމާއި ދިމާ އިދިކޮޅު ފިކުރާއި ވިސްނުން ޕްރޮމޯޓުކޮށް ކުރިއަރުވާ މަންޒަރު އަލް ޖަޒީރާއިން ފެންނާނެ އެވެ. އެމެރިކާއިން އިރާގަށް އަރައި މުޅި ގައުމު އެއްކޮށް ތަޅައި ސުންނާފަތި ކުރި ގޮތުގެ މީޑިއާ ކަވަރޭޖް ބެލި ފަރާތްތަކަށް މި ބުނި ހަގީގީ މަންޒަރު ފިސާރި ސާފުކޮށް ފެނިފައި ހުންނާނެ އެވެ. އިރާގުގެ މައުސޫމް އެތައް ހާސް ރައްޔިތުންނެއްގެ ލެއިން އެ ގައުމުގެ ބިންތައް ކަޅިކުރި އިރު، އެ މަންޒަރު ބީބީސީ އާއި ސީއެންއެން އިން ގެނެސްދިން ގޮތް ބަލައި އެޔާ މެދު ވިސްނައި ފިކުރު ކުރި ބަޔަކަށް މި ހަގީގަތް އެނގޭނެ އެވެ. އަދި އެ މީޑިއާތައް ގަވައިދުން ބަލާ ފަރާތްތަކަށް މިފަދަ ކިތަންމެ ކިތަންމެ ކަމެއް އެ މީހުންގެ ރިޕޯޓުކުރުންތަކުގެ ތެރެއިން ސާފުކޮށް ފެންނާން ހުންނާނެ އެވެ.

ސީއެންއެނުން އެއްފަހަރަކު ފޮނުވި ވީޑިއޯ ފުޓޭޖެއްގައި ދައްކަނީ އިސްރާއީލު ސިފައިންގެ މީހަކު، އިސްރާއީލުގެ ހަނގުރާމަމަތީ ޓޭންކަރެއްގެ މަތީގައި އޮށޯވެލައިގެން ކޯކު ފުޅިއެއް ބޯލަބޯލައި އޮންނަ މަންޒަރެވެ. ފަސްމަންޒަރުން ފެންނަނީ ފަލަސްތީނުގެ ޒުވާނުންތަކެއް ޓޭންކަރާ ދިމާޔަށް ގާ އުކާ ތަނެވެ. ވީޑިއޯ ބެލި މީހަކަށް ފެންނާނީ، ސުލްހަވެރިކަމާ އެކު ކޯކު ބޯލަބޯލައި އޮތް އިސްރާއީލީ ސިފައިންގެ މީހެއްގެ ގަޔަށް، "ފަލަސްތީނުގެ ޓެރަރިސްޓުން" ގާ އުކާ މަންޒަރެވެ. ނަމަވެސް މި ވީޑިއޯ ސީއެންއެނުން ދެއްކި ފަހުން، ހަމަ އެ ވީޑިއޯ އަލްޖަޒީރާ ޓީވީން ވެސް ދެއްކި އެވެ. އަލްޖަޒީރާގެ ފުޓޭޖުގައި، މަންޒަރުގެ އިތުރު ބައެއް ފެނެ އެވެ. އެއްކަލަ ޓޭންކަރު އޮތީ ފަލަސްތީނުގެ އަވަށެއްގެ މަގުމަތީގަ އެވެ. ގެއެއްގެ ދޮރުމަތީގަ އެވެ. ޓޭންކުގެ ބޮޑުބަޑި ހުރީ ގޭގެ މައި ދޮރުން އެތެރެއަށް އަމާޒު ކޮށްފަ އެވެ. ގޭތެރޭގައި އަންހެނުންނާއި ކުޑަކުދީން ބިރުން ތުރުތުރު އަޅައަޅައި ތިއްބެވެ. ފަރާތަކަށް ގުޑިލާން ވެސް ނުކެރިފައި، ރޮއިލަރޮއިލަ އެވެ. މިހާލަތުގައި ފަލަސްތީނުގެ ނިކަމެތި އާންމުން ދެން އުކާނީ އޮށްގާ ނޫން ދެން ކޮން އެއްޗެއްތޯ އެވެ؟

އަޅުގަނޑު މި ވާހަކަތައް މިލިޔެލީ، އެ ފަދަ ގޮތަކަށް ރިޕޯޓުކުރުން ގެންގުޅުން އެއީ ރަނގަޅު ގޮތޭ ބުނާކަށް ނޫނެވެ. އަޅުގަނޑުގެ ނުކުތާ އަކީ ޚަބަރެއް ނުވަތަ ރިޕޯޓަކުން އެ ރައްދުވާ އެކި ފަރާތްތަކަށް މާނަ ކުރެވޭ ގޮތް ތަފާތު ވާނެ ވާހަކަ އެވެ. ވެރިފަރާތުގެ މަސްލަހަތު ހިމާޔަތް ނުކުރާނެ މީޑިއާއެއް ނޯންނާނެ އެވެ. ބީބީސީ ކަމަށް ވިޔަސް، ސީއެންއެން ކަމަށް ވިޔަސް، އަލް ޖަޒީރާކަމަށް ވިޔަސް، ވީޓީވީ ކަމަށް ވިޔަސް، ދި ޓީވީ ކަމަށް ވިޔަސް، ރާއްޖެ ޓީވީ ކަމަށް ވިޔަސް، ހަވީރު އަދި ސަން ކަމަށް ވިޔަސް މި ހަގީގަތުން ބަރީއައެއް ނުވެވޭނެ އެވެ.

ރާއްޖޭގެ މާހައުލުގެ ތެރެއިން ވިސްނާ ބަލާ އިރު، ރާއްޖެ ޓީވީގެ އިސް ފަރާތްތަކަކީ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުންނެވެ. ދިޓީވީ އަދި ދި އެފްއެމް ހިންގަވަނީ މަޝްހޫރު ވިޔަފާރިވެރިޔާ ޗަޕްމާ މުހައްމަދު މޫސާ (އުއްޗު) އެވެ. ވީ މީޑިއާ ހިންގަވަނީ ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމެވެ. ހަވީރު މިހާ ހިސާބަށް ހިންގެވީ ރައީސް މައުމޫނުގެ އެންމެ ގާތް އެއް ރަހުމަތްތެރިޔާ އަދި އެމަނިކުފާނުގެ ކެބިނެޓް މިނިސްޓަރު ޑރ. މުހައްމަދު ޒާހިރު ހުސެއިން އެވެ. ސަން މީޑިއާ ހިންގަވަނީ އެމްޑީއޭގެ ލީޑަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދެވެ.

މި ދެންނެވީ ހަގީގަތެވެ. މި ހަގީގަތްތަކަށް ބަލާއިރު، ކޮންމެ ފަރާތެއްގެ ވެސް ކޮންމެވެސް މަސްލަހަތެއް ނެތެކޭ ނުދެންނެވޭނެ އެވެ. ރާއްޖޭގެ މީޑިއާތަކުން މިހާތަނަށް ވެސް އަދި މިހާރު ވެސް މި ދެންނެވި މަސްލަހަތު ނުފެނެއެކޭ ނުދެންނެވޭނެ އެވެ. އެކަމަކު މީގައި މުހިންމީ އެ މަސްލަހަތު އެއީ އިސްލާމް ދީނުގެ މަސްލަހަތާއި ގައުމީ މަސްލަހަތާ އިދިކޮޅު މަސްލަހަތަކަށް ނުވުމެވެ. މުހިންމީ އެ މަސްލަހަތަކީ މައުލޫމާތު ފެތުރުމުގެ ބަދަލުގައި ގައުމު ނުބައި މިސްރާބަކަށް ގެންދާން ގޮވާލާ މަސްލަހަތަކަށް ނުވުމެވެ. މުހިންމީ އެ މަސްލަހަތަކީ އަނިޔާވެރިކަމާއި ދެކޮޅުވެރިކަމާއި ހަމަނުޖެހުމަށް ގޮވާލާ މަސްލަހަތަކަށް ނުވުމެވެ. މުހިންމީ އެ މަސްލަހަތަކީ ގައުމު ބައިބައި ކުރުމަށް ހިތްވަރުދޭ މަސްލަހަތަކަށް ނުވުމެވެ. މުހިންމީ އެ މަސްލަހަތަކީ ކަނޑައެޅިގެން އެނގިތިބެ ދޮގު މައުލޫމާތު ފަތުރާ މަސްލަހަތަކަށް ނުވުމެވެ.

މި ބުނި މަސްލަހަތުތަކާ ފުށު ނާރާ ނަމަ، މީޑިއާތަކުން އެކުރަނީ ޒިންމާދާރު މަސައްކަތެއް ކަމަށް ގަބޫލު ކުރާން ޖެހެ އެވެ. ފައިސާވެރިޔަކު ނުވަތަ ސިޔާސީ މީހަކު ހިންގުން އެއީ މީޑިއާއެއް ޒިންމާދާރު ނުވާނެ ކަމަށް ލޭބަލްކޮށް އެ ގޮތަށް ނިންމަން ޖެހޭ ސަބަބެއް ނޫނެވެ. އަދި ފައިސާވެރިޔަކަށް ނުވާ ނުވަތަ ސިޔާސީ މީހަކަށް ވެސް ނުވާ މީހަކު މީޑިއާއެއްގެ ވެރިޔަކަށް ވުމަކީ އެއީ އެ މީޑިއާ އަކުން ކަން ކުރާނީ އެންމެ ޒިންމާދާރު ގޮތުގައި ކަމަށް ކަނޑައަޅައި އެއީ އެންމެ ޒިންމާދާރު މީޑިއާ ނިންމޭނެ ސަބަބެއް ވެސް ނުމެ ނޫންމެ އެވެ.

އިތުބާރާއި ޒިންމާދާރުކަން ދައްކުވައިދޭ އެއްޗަކީ އެ މީޑިއާ އަކުން ފަތުރާ ޚަބަރާއި މައުލޫމާތެކެވެ. މި ޚަބަރުތަކާއި މައުލޫމާތުތަކަށް ގޮތެއް ނިންމާ ބަޔަކީ ޚަބަރާއި މައުލޫމާތު ލިބިގަންނަ އާންމު ރައްޔިތުންނެވެ. މިއަދު އަޅުގަނޑުމެންގެ ޢާންމު ރައްޔިތުންނަކީ ވަރަށް ތައުލީމީ، ތަހުޒީބީ ބައެކެވެ. ފެންނަ މަންޒަރާއި އަޑުން އަދި ލިޔެ ޗާޕުކޮށްގެން ނެރޭ މައުލޫމާތުތަކުގެ ތެރެއިން އިތުބާރު ކުރާންވީ ކޮން އެއްޗަކަށް ކަން ދެނެގަންނާން މިއަދުގެ ތައުލީމީ ދިވެހި މުޖުތަމައު ނިކަން ރަނގަޅަށް ދަންނާނެ އެވެ.

ރާއްޖޭގައި އެތަކެއް ޓިވީ އާއި ރޭޑިއޯ، އަދި ގިނަ އަދަދެއްގެ އޮންލައިން ނޫސް ހުރި އިރު، ވަކި މީޑިއާތަކަކަށް ރައްޔިތުންގެ އިތުބާރު ލިބިގެން ގޮސްފައިވާކަން އެއީ މި ބުނި ވާހަކަތަކަށް ބާރު ލިބޭ ކަމެކެވެ. އަދި ރާއްޖޭގައި އެތަކެއް މީޑިއާތަކެއް ހުރި އިރު، ދިރާސާ ކުރާ ބައިނަލްއަގުވާމީ އެކި އެކި ޖަމާއަތްތަކާއި ރަސްމީ އިދާރާތަކުގެ އިތުބާރު ވަކީ މީޑިއާ ތަކަކަށް ލިބިގެން ގޮސްފައިވާ ކަން އެއީ ވެސް މި ބުނި ވާހަކަތަކުގެ ސައްހަކަން ޔަގީން ކޮށްދޭ ކަމެކެވެ.

ހުރިހާ ގޮތަކުން މިނިވަން، ހުރިހާ ގޮތަކުން މީހެއްގެ ފާޑުކިޔުމެއް ރައްދު ނުވާ، ހުރިހާ ގޮތަކުން ވަކި އަތަކަށް ނުޖެހޭ މަޝްހޫރު މީޑިއާއެއް ދުނިޔޭގެ، އެހެން ތަނެއްގައި ވެސް އަދި މި ރާއްޖޭގައި ވެސް ނެތެވެ. އެއީ އެކަން ވާނޭ ވެސް ގޮތެވެ. އެކަމަކު އަޅުގަނޑުމެންނަށް މުހިންމީ ހަމަ އެންމެ ކަމެކެވެ. އިސްލާމް ދީނާއި ދިވެހި ގައުމުގެ ވިސްނުން ކުރިޔަށް ނެރިގެން ނޫސްވެރިކަން ކުރުމެވެ. ގަސްދުގައި ހަގީގަތް އޮޅުވައި ނުލުމެވެ. ތެދު ހާމަ ކުރުމެވެ. ބާކީ ބައި ރައްޔިތުންނަށް ދޫކޮށްލުން ފުދޭނެ އެވެ. ރައްޔިތުންނަށް ވިސްނޭނެ އެވެ. އެ މީހުން މީޑިއާތައް ގިންތި ކުރަނީ މި ދެންނެވި ހުރިހާ ކަމަކަށް ބަލައިގެނެވެ.

އެއްވެސް މީޑިއާ އައުޓްލެޓެއްގެ މިނިވަންކަމާއި ޒިންމާދާރުކަމާއި އަދުލުވެރިކަމުގެ ސަބޫތަކީ، އެ މީޑިއާއަކުން އެހެނޭ ކިޔައިފައި އަމިއްލަޔަށް ކުރާ ދައުވާތަކެއް ނޫނެވެ. މިނިވަން، ޒިންމާދާރު، އަދި އަދުލުވެރި މީޑިއާ އައުޓްލެޓަކުން، އަމިއްލަޔަށް އެ ދައުވާ ކުރާކަށެއް ނުޖެހޭނެ އެވެ. އަދުލުވެރި، މިނިވަން ޕަބްލިކް އެކަން އަމިއްލަޔަށް ކަނޑައަޅާނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް