ދުނިޔޭގެ އެންމެ ބޮޑު އިންފްރާރެޑް ޓެލެސްކޯޕްގެ މަސައްކަތް ހުއްޓާލައިފި

ދުނިޔޭގެ ވަށައިގެން ޖައްވުގެ ތެރޭގައި ދަތުރުކުރަމުންދިޔަ ދުނިޔޭގެ އެންމެ ބޮޑު އިންފްރާރެޑް ޓެލެސްކޯޕް ކަމަށްވާ "ހާޝެލް ސްޕޭސް އޮބްޒަވެޓޮރީ" ގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ޔޫރޮޕިއަން ސްޕޭސް އެޖެންސީ (އީއެސްއޭ) އިން ބުނެފި އެވެ.

ކައުނުގެ އިންފްރާރެޑް ފޮޓޯތައް ނެގުމުގެ ބޭނުމުގައި 2009 ވަނަ އަހަރު ލޯންޗުކުރެވުނު ހާޝެލް ސްޕޭސް އޮބްޒަވެޓޮރީގެ މަސައްކަތް ހުއްޓާލާފައި ވަނީ އެޓެލެސްކޯޕްގައި ބޭނުންކުރެވުނު އިލެކްޓްރޯނިކް އާލާތްތައް ފިނިކުރަން ބޭނުންކުރަމުން އައި ލިކުއިޑް ހީލިއަމް ކޫލަންޓް ހުސްވުމުގެ ސަބަބުން ކަމަށް އީއެސްއޭއިން ބުނެ އެވެ.

އީއެސްއޭ އަދި އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ގުޅިގެން ލޯންޗުކުރި 1.4 ބިލިއަން އެމެރިކާ ޑޮލަރުގެ ހާޝެލް ސްޕޭސް ޓެލެސްކޯޕް މަސައްކަތްކުރި ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެޓެލެސްކޯޕް މެދުވެރިކޮށް ކައުނުގެ ތެރޭގައިވާ އެކިއެކި ނެބިއުލާތަކާއި ގެލެކްސީތަކުގެ ހައި ކޮލިޓީ ފޮޓޯތަކެއް ވަނީ ނަގާފަ އެވެ.

މިގޮތުން "އީގަލް" ނެބިއުލާ އާއި "ހޯސްހެޑް" ނެބިއުލާގެ މަންޒަރުތައް ދައްކުވައިދޭ ގިނަ ފޮޓޯތަކެއް ހާޝެލްއިން ނަގާފައިވާއިރު، ހާޝެލްގެ އެންމެ ފާހަގަކޮށްލެވޭ ފޮޓޯއަކީ މިލްކީ ވޭގެ ކައިރީގައިވާ "އެންޑްރޮމެޑާ" ގެލެކްސީގެ ފޮޓޯ އެކެވެ.

އީއެސްއޭއިން ބުނީ ހާޝެލްގެ ސިސްޓަމް ޝަޓްޑައުން ވާން އުޅޭ ކަމުގެ ފުރަތަމަ ހެކިތައް ލިބިފައި ވަނީ އޮސްޓްރޭލިޔާގައި ހުރި ގުރައުންޑް ސްޓޭޝަނަކަށް ހާޝެލްގެ އިކުއިޕްމަންޓްތައް ހޫނުވަމުންދާ ކަމުގެ އިންޒާރުތައް ލިބުމުން ކަމަށެވެ.

ހާޝެލްއިން 35،000 ސައިންޓިފިކް އެކި ހޯދުންތައް ހޯދާފައި ވާއިރު، އެޓެލެސްކޯޕް މެދުވެރިކޮށް 25،000 ގަޑިއިރުގެ ޑޭޓާ ރެކޯޑުކުރެވިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. މިހޯދުންތަކާ ޑޭޓާތައް ވެގެންދާނީ ހާޝެލްއިން ސައެންސާއި ޓެކްނޮލޮޖީގެ ދާއިރާއަށް ދޫކުރާ ތަރިކައަށް ކަމަށް އީއެސްއޭއިން ބުނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު