ދައުލަތް ކަރުތާފެނުގައި

ބަޖެޓަށް މިހާރު ކުރިމަތި ވެގެން މި އުޅޭ މައްސަލަ ތަކާ ގުޅޭ ގޮތުން، ދާދި ފަހުން ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ އަށް ހާޒިރު ކުރުމުން އެ މަނިކުފާނު ވަނީ ބިރުވެރި ވާހަކަ ތަކެއް ދައްކަވައިފަ އެވެ. އާމްދަނީ އާއި ގުޅުން ހުރި ކަންކަން ހަމަޖެއްސުމަށް ޓަކައި މަޖިލީހުގެ ތެރެއިން ސަޕޯޓު ނުލިބިއްޖެ ނަމަ، ދިމާ ވެދާނެ ސީރިއަސް މައްސަލަ ތަކެއްގެ ވާހަކަ ވަނީ ވިދާޅުވެފަ އެވެ. ފަހި ކަމެއް ނައިސް ކުރިޔަށް ދާ ނަމަ، މުވައްޒަފުންގެ މުސާރަ ވެސް ކުޑަ ކުރާން ޖެހިދާނެ ކަމުގެ އިންޒާރު ވަނީ ދެއްވައިފަ އެވެ. މި ވާހަކަތަކުން އާންމު ރައްޔިތުންގެ ހިތްތަކުގައި އިތުރު ނުތަނަވަސް ކަމެއް ވަނީ އުފެދިފަ އެވެ.

ފިނޭންސް މިނިސްޓަރުގެ މައިގަނޑު އެއް ނުކުތާ އަކަށް ވެފައި ވަނީ ރިކަރަންޓް ޚަރަދު ބޮޑު ވުމެވެ. އޭގެ ތެރޭގައި މުވައްޒަފުންނަށް މުސާރަ ދިނުމަށް ކުރާން ޖެހޭ ހޭދަ ބޮޑުވުން ހިމެނެ އެވެ.

ރިކަރަންޓު ޚަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް މިހާ ބޮޑު "ވާން" ކަމެއް އައިސްގެން މި އުޅެނީ ކީއްވެ ހެއްޔެވެ؟ ދައުލަތް ބަރުހެލިވެ، ކަރުތާފެނަށް ގައުމު ވެއްޓި، ދެންމެ ދެންމެ ރައްޔިތުން ގެނބޭ ހާލަތަށް ކަންކަން ގޮސްގެން މި އުޅެނީ ކީއްވެ ހެއްޔެވެ؟ ރައްޔިތުން އަނގަޔާ އަތާ ދިމާނުވާ ހާލަތުގައި ތިއްބާ، އަނެއްކާ ވެސް މުސާރަކޮޅު ކަނޑައިލާ ވާހަކަ ދައްކާ އިރު، މި ހާލަތަށް މި ގައުމު ވެއްޓުމުގެ ޒިންމާ އުފުލާނީ ކޮން ބައެއްތޯ އެވެ؟

އަޅުގަނޑަށް ފެންނަ ތަނުގައި ގައުމުގެ މާލީ ހާލަތު މިހާ ދަށު ދަރަޖަ އަށް ވެއްޓެން ދިމާ ވެގެން މި އުޅެނީ ސިޔާސަތުގެ ތެރެއިން ނުކުމެގެން އުޅޭ ދޯހަޅި މައްސަލަ ތަކެއްގެ ސަބަބުންނެވެ. ބޭކާރު ޚަރަދު އިންތިހާ އަށް ބޮޑު ވެގެނެވެ. މިހާލަތު އައިސްގެން މި އުޅެނީ ގައުމުގައި ހުރި ވަރު ނުބަލައި ހިތުހުރި ވަރަކަށް މަގާމުތައް އުފައްދައިގެނެވެ. މި ހާލަތު އައިސްގެން މި އުޅެނީ އެއްވެސް މިސްރާބެއް، އަމާޒެއް ނުވަތަ މިންގަނޑެއް ނެތި ހިތު ހުރި ގޮތަކަށް މަގާމު ތަކުގެ މުސާރަ ތަކާއި އިނާޔަތްތައް ކަނޑައަޅައިގެނެވެ. ގައުމު މި ހާލަތަށް ވެއްޓިގެން މި އުޅެނީ ކުރާ ކޮންމެ ކަމެއްގެ ފަހަތުގައި އޮންނަން ޖެހޭ ގައުމީ މަސްލަހަތު ކުޑަވެ، ސިޔާސީ އެދުން ބޮޑު ވެގެނެވެ.
ބައެއް މިސާލުތައް އެބަ ހުއްޓެވެ. ސަރުކާރުގެ ވުޒާރާ ތަކަށް ބަލައިލާ އިރު، ބައެއް ތަންތަނުގައި މިނިސްޓަރުގެ ދަށުން ހަތަރު ފަސް ނައިބުން އެބަ ތިއްބެވެ. އެ ހުރިހާ ބޭފުޅުން ކުރައްވާ ކަމެއް ނޭނގެ އެވެ. އެނގޭ ކަމަކީ މިނިސްޓްރީ ތަކުން މާކަ ތަފާތު ބޮޑު ޚިދުމަތެއް ނުލިބޭ ކަމެވެ. ގިނަވީ ހަމަ އެކަނި ބޯތަކެއް ކަމެވ

މިނިވަން މުވައްސަސާ ތަކަށް ބަލައިލާ އިރު ވެސް މި ފަދަ އެވެ. ސިވިލް ސާވިސް ކޮމިޝަން، ހިއުމަން ރައިޓްސް ކޮމިޝަން، އެންޓި ކޮރަޕްޝަން ކޮމިޝަން، ޕޮލިސް އިންޓަގްރިޓީ ކޮމިޝަން، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން، ޕޭ ކޮމިޝަން މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. މީގެން ގިނަ ތަންތަނަކީ އެ ތަންތަނުގައި މަދު ވެގެން ފަހެއް ނުވަތަ ހަތް ބޭފުޅުން ތިއްބަވާ ކޮމިޝަން މެންބަރުންގެ ގޮތުގައި ތިބޭ ތަންތަނެވެ. ކޮންމެ ބޭފުޅެއްގެ މުސާރަ ވިހި ނުވަތަ ތިރީސް ހާހަށް ވުރެ މައްޗަށް އަރަ އެވެ. މީގެ އިތުރުން މި ފަދަ ކޮމިޝަން ތަކުގެ ރައީސުންނަށް ކާރާއި ސެކިއުރިޓީ ދޭން ޖެހެ އެވެ.

އަޅުގަނޑު ހިތަށް އަރަނީ މި ކޮމިޝަންތައް މިއަށް ވުރެ ޚަރަދު ކުޑަ މޮޑެލް އަކަށް ނުހިންގޭނެ ބާވަ އެވެ؟ ނުވަތަ ގިނަ ވެގެން ތިން މެންބަރުންނަށް މަދެއް ނުކުރެވޭނެ ބާވަ އެވެ؟ އޭރުން ހަމަ ގައިމުވެސް ޚަރަދު ކުޑަ ކުރެވޭނެ އެވެ.

ދެން އޮތީ ބޮޑު ވާހަކަ އެވެ. ލޯކަލް ކައުންސިލް ތަކުގެ ވާހަކަ އެވެ. ކޮންމެ ރަށު ކައުންސިލެއްގައި މަދު ވެގެން ފަސް މެންބަރުން ތިބޭ އިރު އެއިން ކޮންމެ މީހެއްގެ މަހު މުސާރަ އަކީ އެވްރެޖް ގޮތެއްގައި ދިހަ ހާސް ރުފިޔާ އެވެ. އަތޮޅު ކައުންސިލް ތަކުގައި އެވްރެޖް ގޮތެއްގައި ހަ މެންބަރުން ތިއްބަވާ އިރު އެއިން ބޭފުޅެއްގެ އެވްރެކް މުސާރަ އަކީ ވިހި ހާސް ރުފިޔާ އެވެ. މީގެ އިތުރުން ސިޓީ ކައުންސިލްތައް އަދި ހުރީ އެވެ. ގާތްގަނޑަކަށް 1000 ކައުންސެލަރުން ރާއްޖޭގެ މި ދެންނެވި ކައުންސިލް ތަކުގައި ތިބި އިރު މި މީހުންގެ މުސާރަ އަށް މަހަކު ގާތްގަނޑަކަށް 11 މިލިއަން ދައުލަތުގެ ބަޖެޓުން ޚަރަދުވެ އެވެ. އެއީ އަދި މީހެއްގެ މުސާރަ 10000 ކަމަށް ހިސާބު ޖެހުމުންނެވެ.

މަހަކު ދިހަ މިލިއަން ރުފިޔާ ހަމައެކަނި ކައުންސެލަރުންނަށް ޚަރަދު ކުރާ އިރު، އެއްކަލަ "ގޮބޮޅި" ކަތީބުން ތިބި އިރު ރައްޔިތުންނަށް ނުލިބި އޮތް، އިތުރު މޮޅު ތަކެއް މިހާރު ވަކި ލިބެއެކޭ ބުނެވޭކަށް ނެތެވެ. ނުވަތަ ރައްޔިތުން ސީދާ އިންތިޚާބު ކުރާ ބަޔަކު ރައްޔިތުންގެ ވެރިކަން ކުރާން ތިބުމުން އެ މީހުން ރައްޔިތުންނާ ގާތުން ވެރިކަން ކުރާނޭ ބުނި ބުނުން ސީދާ ވެއްޖެއޭ ބުނެވޭކަށް ވެސް ނެތެވެ. އެފަދަ އެއްވެސް މަންޒަރެއް ފެންނާކަށް ނެތެވެ.
ވީ އިރު މި ކައުސެލަރުންގެ އަދަދު ވެސް ރަށަކަށް އެންމެ ގިނަ ވެގެން އެކެއް، ދޭއް ނުވަތަ ތިނަކަށް މަދު ކޮށްލައިގެން ލިބޭނެ ގެއްލުމެއް އޮންނާނެ ކަމަކަށް ނުފެނެ އެވެ. ހަމަ ގައިމުވެސް ދައުލަތުގެ ބަޖެޓުން މަހަކު އެތައް މިލިއަނެއް ސަލާމަތް ކުރެވޭނެތަން އެބަ ފެނެ އެވެ. އެހެންވީމާ މި މީހުންގެ އަދަދު މަދު ކުރުމާ މެދު ސިޔާސަތުގެ ވެރީން ދެކޮޅު ހަދާންވީ ސަބަބެއް އަމުދުނަ ނުފެނެ އެވެ.

ދައުލަތުގެ ބަޖެޓަށް ބަރު ބޮޑުވެ، ގައުމުގެ ކޮނޑުގައި އެ ބުރަ ނުއުފުލޭ ވަރު ވެގެން މި ދިޔައީ ރައްޔިތުންގެ ކުށަކުން ނޫނެވެ. ރައްޔިތުންނަށް ލާޒިމު ކުރި ކޮންމެ ޓެކުހެއް ރައްޔިތުން އެ ދަނީ ދައްކަމުންނެވެ. ދަތި އުނދަގުލުގައި ނަމަވެސް މާ ބޮޑު ޝަކުވާއެއް ނެތި އާދައިގެ ރައްޔިތުން އެ ދަނީ ދިރިއުޅެވޭތޯ ބަލަމުންނެވެ. އެހެން އޮއްވައި މިހާރު ލިބޭ އެތިކޮޅުވެސް ކުޑަ ކުރާން ޖެހިދާނެ ކަމުގެ ވާހަކަ އިވުމުން، އެއްކަލަ ސިޔާސީ މަގާމު ތަކުގައި ތިބޭ މީހުނަށާއި މުއައްސަސާ ތަކުގައި ތިބި ބޮޑު މުސާރަ ލިބޭ މީހުނަށް މާ ބޮޑު އަސަރެއް ނުކުރިޔަސް އާދައިގެ ރައްޔިތުންގެ ލަގޮނޑިއަށް މި ވާހަކަ ތަކުން ފުން އަސަރެއް ކުރެ އެވެ.

މިކަމަށް އޮތް ދާއިމީ ހައްލަކީ ބޮންޑު ވިއްކުމެއް ނޫނެވެ. މި ކަމަށް އޮތް ދާއިމީ ހައްލަކީ ލޯނު ނެގުމެއް ވެސް ނޫނެވެ. މިކަމަށް އޮތް ހައްލަކީ ދައުލަތުން މަޖިލިސް ކުށްވެރު ކުރުމެއް ނޫނެވެ. މަޖިލީހުން ދައުލަތް ކުށްވެރި ކުރުމެއް ވެސް ނޫނެވެ.

މި ކަމަށް އޮތް ހައްލަކީ މުޅި ދައުލަތުގެ މުސާރައިގެ އޮނގަނޑު ކުއްލި މައްސަލައެއްގެ ގޮތުގައި ދިރާސާ ކުރުމެވެ. މުއައްސަސާތައް ކޮށައި ކުޑަ ކުރުމެވެ. ކިރިޔާ ފުދޭ މިންވަރަށް މެންބަރުން ބޭތިއްބުމެވެ. ސިޔާސީ މަގާމުތައް މަދު ކުރުމެވެ. ރަށު ކައުންސިލް ތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލް ތަކުގެ މެންބަރުންގެ އަދަދު ދެބައިކުޅަ އެއް ބަޔަށް ނުވަތަ އެއަށްވުރެ ވެސް މަދު ކުރުމެވެ. މި ނޫން ގޮތަކަށް މި ކަމެއް ނުވާނެ އެވެ.
ޚަރަދު ކުރާން ޖެހޭނީ ގައުމުގައި ހުރި ވަރަކުންނެވެ. ޚަރަދު ކުރާން ޖެހޭނީ ކޮންމެހެން ބޭނުންވާ ކަންކަމަށެވެ. "ބޮޑު އިއްތިހާދެއް" ހަދައިގެން ބޮޑު މަގާމުތަކެއް ހަދައިގެން ބޮޑު މުސާރަތަކެއް ދިނަކަސް ކަމަކު ނުދާނެ އެވެ.

މި ބުނި ފަދަ އަވަސް ގޮތެއްގައި މުސާރަ އާއި އިނާޔަތްތަކުގެ މައްސަލަ ހައްލު ނުވެއްޖެ ނަމަ، ހީވެސް ނުކުރާ ފަދަ ފުން އަނދަވަޅަކަށް މި ރާއްޖެ ވެއްޓޭން މާކަ ގިނަ ދުވަހެއް ނުނަގާނެ އެވެ. އެކަމަކު މި ކަންކަން ވާނީ ސިޔާސީންގެ އިޚުލާސްތެރިކަމެއް ހުރެގެނެވެ. އެ މީހުންގެ ސިޔާސީ ފިކުރުގައި ގައުމީ ޝައުގު ބޮޑު ވެގެނެވެ. އެ މީހުންގެ ހިތްތަކުގައި ގައުމީ ލޯބި އިތުރުވެގެނެވެ. ގައުމުގެ އުޖާލާ ކުރިމަގު ފެންނާނީ މި ލޯތްބާއި ޝައުގުވެރިކަން ކުރިޔަށް ނެރެގެން ކުރެވޭ އިޚުލާސްތެރި މަސައްކަތްތަކެއްގެ ތެރެއިންނެވެ.

މީ ނޫން ގޮތަކަށް ދާނަމަ މާދަމާ މި ގައުމުގައި ތިން ހަތަރު ރައީސުލްޖުމްހޫރިއްޔާއިން ތިބޭތަން ފެނުމަކީ ވެސް ހަމަ ނުވެ ނުދާނޭ ކަމެކެވެ. މިއަދުގެ ސިޔާސީ ހަގީގަތް އޮތީ މި ކަހަލަ ގޮތަކަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް