ކުނިވެފައި ހުންނަ ތާޒާ މަހުގެ ވާހަކަ

މިހެން ބުނުމުން ބައެއް މީހުން ހައިރާން ވެދާނެ އެވެ. އެކަމަކު އެއީ ހަމަ ތާޒާ މަހެވެ. ފެނުމުގައި ތާޒާ މަހެވެ. އެކަމަކު އެއަށް އަޅުގަނޑު ކިޔާނީ ކުނި މަހެވެ. ތާޒާ ކުނި މަހެވެ. ސަބަބުތައް ބައިވަރެވެ.

ހަވީރުގެ ވަގުތެވެ. ފަހަރަކު މަސްދޯންޏެއް ފަޅަށް ވަންނަމުންދެ އެވެ. މަސް ބާނައިގެން އަންނަ ދޯނި ލަފާ އިރު، މަސް ހުންނަނީ ތައްޓު މައްޗަށް ނަގައިފަ އެވެ. ބައެއް ދޯނިފަހަރުގައި ތައްޓު މައްޗަށް މަސް ޖަހާފައި ހުންނަ އިރު އެންދަމާ ދާ އެ މަސްތައް މަތީން އަޅާފައި ހުރެ އެވެ. މިހެން ހަދަނީ މަހަށް ސީދާ އަވި އެޅުމުން އަވަހަށް ހަލާކުވާނެތީ އެވެ.

މަސް ދޯނި ފަހަރު ފަޅު ތެރޭގައި ބަނދަރު ކުރުމަށް ފަހު، މާރުކޭޓަށް މަސް ވިއްކަން އަރުވަން ފަށަ އެވެ. މި ގޮތުން މާރުކޭޓު ތެރެއަށް ވިއްކަން ވައްދަނީ މަދުމަދުން، ވިކޭ ވަރު ބަލައިގެނެވެ. މި މަރުހަލާ ކުރިޔަށް ދާ އިރު، ދޯނީގައި ހުންނަ މަސްތައް ތާޒާކޮށް ބެހެއްޓުމަށް ޓަކައި، އެ މަސް ތަކަށް ދޭތެރެ ދޭތެރެއިން ފެން ޖަހާތަން ފެނެ އެވެ. މި ގޮތުން އަޅުގަނޑު ހުރި ސަރަހައްދުގައި އޮތް ދެ ދޯނިން ވެސް މަސްތަކަށް ޖަހަން ފެން ނެގީ ދޯނި އޮތް ތަނުން މޫދު ތެރެއިންނެވެ.

މާރުކޭޓު ސަރަހައްދުގެ މޫދުތެރޭގެ ސާފުކަމުގެ ވާހަކަ ރަނގަޅު ވާނީ ނުދެއްކިއްޔާ އެވެ. އެ ސަރަހައްދުގެ މޫދު ތެރޭގައި އެކަށީގެންވާ މިންވަރަށް އޮޔެއެއް ނުދެމެ އެވެ. އެހެން ކަމުން މޫދުތެރޭގެ ލޮނުގަނޑު ސާފެއް ނުވެ އެވެ. ބައެއް ދޯނި ފަހަރުގެ މީހުން ކުޑަކަމު ދަނީ އެ ތަނަށެވެ. އަނެއްބައި ދޯނި ފަހަރުގެ މީހުން ބޮޑުކަމުދާ ތަކެތި ވެސް ދައުރު ވަނީ މި ސަރަހައްދުގެ މޫދު ތެރޭގަ އެވެ. މީގެ އިތުރުން އިންޖީނު މަރާމާތު ކުރުމުގެ މަސައްކަތްތައް ފަޅު ތެރޭގައި ދޯނި ބާއްވައިގެން ކުރާތީ، އަޑީ ތެލާއި، ޑީސަލް އަދި ރޮޓެއްލާ އާއި މި ނޫން ވެސް މި ފަދަ ވިހަ މާއްދާތައް މި ސަހަރައްދުގެ މޫދު ތެރެއިން ފެންނާން ހުއްޓެވެ. ބޮޑުކަމުގޮސްފައި ހުރި ޕުއްޕު ވެސް ހުއްޓެވެ. މީގެ އިތުރުން އަޅުގަނޑު އެތަނުގައި ވީ ކުޑަ ވަގުތު ކޮޅުގެ ތެރޭގައި އެތައް ބަޔަކު ދުފާފައި ރަތްކުޅު ގަނޑު ވެސް ޖަހައިލަނީ ހަމަ މި ތަނަށެވެ. ރޯގާ އާއި އެކި ކަހަލަ ބަލިމަޑުކަން ހުންނަ މީހުން ކުޅު ޖަހަނީ ވެސް ހަމަ ތަނަށެވެ. ރޯގާ ފޮޅަނީ ވެސް އެތަނަށެވެ.

މި ހުރިހާ ކަމެއް އެކުލެވިގެންވާ "ތާޒާ" ފެނުން ދޮވެގެން، މާރުކޭޓަށް ވިއްކަން އަރުވާ މަހުގެ ތާޒާކަން ހުންނާނެ މިންވަރުގެ ވާހަކަ ރަނގަޅު ވާނީ ނުދެއްކިއްޔާ ނޫންތޯ އެވެ. މި ސަރަހައްދުން ލޮނުފެން ނަގައި މަސްތަކުގެ މައްޗަށް އިރުއިރުކޮޅުން އަޅަނީ އެ މަސްތައް ތެތްކަންމަތީ ތާޒާކޮށް ބެހެއްޓުމަށެވެ. ފެން ޖަހާ ކޮންމެ ފަހަރަކު، އެ ފެން މަހުގެ ކަރުގަނޑު ތެރެ އަށާއި މަހުގެ ބޮލުގެ އެތެރެއަށާއި މަސްގަނޑު ތެރެއަށް ވާސިލުވެގެން ދާނެ އެވެ.

މާރުކޭޓު އެތެރޭގެ ހާލަތު ވެސް ވަކި ރަނގަޅެއް ނޫނެވެ. އެތެރޭގައި މަސް ބަހައްޓާފައި ހުންނަނީ ތަޅުންގަނޑު މަތީގަ އެވެ. މަސްތައް އެރުވުމާ ހަމަޔަށް މީހުން ހިނގާނީ ވެސް އެ ތަޅުމުގެ މަތީގަ އެވެ. ކޮންމެ ރެޔަކު ވެސް މަސްވިއްކައި ނިމުމުން އެތަން ދޮވެ އެވެ. އެކަމަކު މި ދޮވުމުގެ ފެންވަރު ހެނދުނު މާރުކޭޓުގެ އެތެރެއަށް ވަދެ ނޯއް ދަމައިލުމުން އެނގިގެން ދާނެ އެވެ. މާރުކޭޓުގެ ނިވައިދަށުން ދާ މީހަކަށް ނޯށް ދަމައިލަން ކެރޭ ވަރެއް ނުވާނެ އެވެ. ދުވާ މަސްކުނި ވަހުންނެވެ.

މާލޭ މަސްމާރުކޭޓުގައި ވިއްކާ މަހާއި އެ ސަރަހައްދާއި ގުޅޭ ގޮތުން ތަފާތު ވާހަކަތައް ދޭތެރެ ދޭތެރެއިން ދެކެވެ އެވެ. ދާދި ފަހުން އެ ތަނުގައި ވަޅެއްގެ ތެރެއަށް އެރި އުޅުނު ބަޔަކު މަރުވެފައިވެ އެވެ. އެ ކަމާ ގުޅިގެން މާރުކޭޓު ސަރަހައްދުގެ ފެނުގެ ތަހުލީލު ތަކެއް ކުރި އެވެ. އަދި އެ ސަރަހައްދުގެ ބިމުގެ ފަށައިލައިގައި އެކުލެވޭ ފެނުގައި ވިހަ މާއްދާތައް ގިނަކަން އެނގިގެން ދިޔަ އެވެ. އޭގެ ފަހުން އެތަނަށް ސަޕްލައި ފެން ދޫކޮށްފައި ހުރެ އެވެ. އެކަމަކު އެއީ ހަމައެކަނި މަސްކަނޑާ އިސްކުރު ތަކަށެވެ. އިސްކުރު ތަކާއި ހަމަޔަށް މަސް ގެންދާ އިރު މަހުން ކުނިވަސް ނުދުވި ނަމަ ވެސް، އެ މަސްގަނޑުގެ ތެރެއަށް އިންސާނުންގެ ބޮޑުކަމުދާ ތަކެއްޗާއި، ކުޑަކަމުދާ ތަކެއްޗާއި އެކި ކަހަލަ ކެމިކަލްތަގެ ވިހަ ވާސިލް ވެފައިވާ ނަމަ ކަނޑާ އިރު އެ ދޮވެލާ ދޮވެލުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟

މަސް މާރުކޭޓު ތެރެއަށް ނަޖިސް ލީކު ވެފައި ހުއްޓާ މަސް ވިއްކި މައްސަލައެއް ވެސް ވަނީ ފެންމަތި ވެފަ އެވެ. ހަމަ އެފަދައިން ކުނިވެފައި ހުންނަ މަހާއި ތަޣައްޔަރު ވެފައި ހުންނަ މަސް މާރުކޭޓު ތެރޭގައި ބަހައްޓައިގެން ވިއްކާ ވާހަކަ އަކީ ވެސް ހަގީގީ ވާހަކަ އެކެވެ.

ދިވެހިންގެ އަސާސީ ކެއުމަކީ މަސް ކަމަށް ވެފައި، ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައިމީހުން ކާން މަސް ގަންނަ މާރުކޭޓާއި މާރުކޭޓު އިންވެގެން އޮތް މާހައުލުގެ ހާލަތު މި ފެންވަރުގައި އޮތުމަކީ ދެރަވަރު ކަމެކެވެ. ވަރަށް ދެރަވަރު ކަމެކެވެ. މި ތަނުގެ ޚިދުމަތްތައް ރަނގަޅު ކުރާން އަޅަން ޖެހޭ ފިޔަވަޅުތައް ލަސްވެގެން ދިޔުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ.

މަސްވެރިން މަސް ބާނައިގެން ގެނެސް މާރުކޭޓު ސަރަހައްދަށް ބަނދަރުކުރުމާ އެކު، އެ މަސް ރަނގަޅު ސިއްހީ ނިޒާމެއްގެ ތެރެއަށް ވަދެގެން ދާނޭ ގޮތް ހެދެން ޖެހޭނެ އެވެ. މަސް މާރުކޭޓުގައި މަސް ވިއްކާ ސަރަހައްދާއި މަސް ބަހައްޓާ ސަރަހައްދުގެ ސިއްހީ ކަންކަން ރަނގަޅު ފެންވަރެއްގައި އަބަދުމެ ބެލެހެއްޓެމުން ދާން ޖެހެ އެވެ. މި ކަމުގެ ޒިންމާ ނަގަން ޖެހޭ ފަރާތްތަކުން އެ ޒިންމާ ނެގުން އަވަސް ކުރާން ޖެހެ އެވެ. "ތާޒާ ކުނި މަސް" ނުކައި އުޅެވޭނެ ގޮތެއް ހަމަޖައްސައިދޭން އެބަ ޖެހެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް