65 އަހަރުން މަތީ މީހުންނަށް ދޭ އިނާޔަތުގެ ފައިސާ ބަރާބަރަށް ލިބެމުންނުދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ޝަކުވާ ކުރަމުން އެބަދޭ

14:30


އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ސަރުކާރުން ދެމުން އައި އިނާޔަތުގެ ފައިސާ ބަރާބަރަށް ލިބެމުންނުދާ ކަމަށް ބުނެ ބައެއް ފާރާތްތަކުން ޝަކުވާކުރަމުން އެބަދެ އެވެ.


ސަންއެފްއެމުން ގެނެސްދޭ ރައްޔިތުންގެ ނޫހުގެ ނައިޓް އެޑިޝަންގައި ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ބުނީ ސަރުކާރުން ދެމުން ގެންދިޔަ ދެ ހާސް ރުފިޔާގެ އިނާޔަތުގެ ފައިސާ ހުސްވި މަހުގެ ކުރީ މަސްތަކުގައި ލިބެމުން ނުދާ ކަމަށާއި އަދި މިހާރު އެކަންތައް ކުރިއަށްދާ ގޮތުން އޮޅުން އަރަމުންދާ ކަމަށެވެ.


މިކަމާ ގުޅިގެން މޯޑިވްސް ނެޝަނަލް ސޯޝަލް ޕްރޮޑެކްޝަން އޭޖެންސީން (އެންސްޕާ)ގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު އިސްމާއިލްފުޅު މިއަދު ވިދާޅުވީ 65 އަހަރުން މަތީގެ މީހުންނަށް ސަރުކާރުން ދޭ އިނާޔަތުގެ ފައިސާ ހުސްވި މަހުން ފެށިގެން ދެމުން ގެންދަނީ ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ޕެންޝަން އެޑްމިނިސްޓްރޭޝަނާ ބެހޭ ބައިން ކަމަށެވެ. ހުސްވި މަހުގެ ފައިސާ ފިޔަވައި އެހެން މަސްތަކުގެ ފައިސާ ލިބެމުންނުދާ ކަމަށް ބުނެ އެ އެޖެންސީއަށް ވެސް ބައެއް ފަރާތްތަކުން ޝަކުވާ ހުށަހަޅަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މީގެ ކުރިން އެންސްޕާ އިން ފައިސާ ދެމުންދަނީ ޕޯސްޓްގެ ހިދުމަތް މެދުވެރިކޮށް ކަމަށް ވާތީ، އެ ފައިސާ ނުލިބިވާ ފަރާތްތަކުގެ ނަންތައް އެންސްޕާއަށް ހުށަހެޅުމަށް ޕޯސްޓް އޮފީހަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިވީހާ ތަނަށް އެ ނަންތައް ހުށަހަޅާފައިނުވާ ކަމަށާއި މިމައްސަލަ ދިމާވެގެން މިއުޅެނީ އެކަމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ވެސް މުހައްމަދު އިސްމާއިލްފުޅު ވިދާޅުވި އެވެ.


ފިނޭންސް މިނިސްޓްރީގެ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެންސްޕާއިން ހުށަހަޅައިފައިވާ 65 އަހަރުން މަތީގެ ތޭރަ ހާސް މީހުންގެ ފޯމުގެ ތެރެއިން އެގާރަ ހާސް ހަ ސަތޭކަ ސާޅީސް ފޯމްގެ ސައްހަ ކަމަށް ބަލައި، އެ ފަރާތްތަކުގެ އެކައުންޓަށް ހުސްވި މަހުގެ ފައިސާ ޖަމާކޮށްދީފައިވާނެ ކަމަށެވެ. އަދި އެ އޮފީހުގެ މަސައްކަތް ފެށިފައި ވަނީ މިދިޔަ މަހުގައި ކަމަށްވާތީ، ފާއިތުވެދިޔަ މަސްތަކުގެ ފައިސާ ބައެއް ފަރާތްތަކަށް ނުލިބޭތީ، އެ ނަންތައް ދެނެގަތުމަށް އެންސްޕާއާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޕެންޝަން އެޑްމިނިސްޓްރޭޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު