ތިމަރަފުށީ ބިން ހިއްކުމާއި އެއާޕޯޓްގެ ހެދުމުގެ އަމަލީ މަސައްކަތް ފައްޓައިފި

ތ. ތިމަރަފުށީ ބިންހިއްކުމާއި އެ ރަށުގައި އެއަޕޯޓް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީ މިއަދު ފަށްޓަވައި ދެއްވައިފި އެވެ.


މި މަސައްކަތް ފަށްޓަވައިދެއްވުމަށްޓަކައި މިއަދު ހަވީރު ތިމަރަފުށީގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒަކީ ވިދާޅުވީ އެ މަޝްރޫއުގެ ސަބަބުން މުޅި ރާއްޖެ އަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި ހާއްސަ ގޮތެއްގައި ތިމަރަފުށްޓާއި އެ ޕްރޮވިންސްގެ އެހެން ހުރިހާ ރަށްރަށަށް ތަރައްޤީގެ އިތުރު ފުރުސަތުތަކެއް ހުޅުވި، އެ ސަރަހައްދުގައި އިޤްތިސާދީ މަސައްކަތް އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމުގައި އޭނާ ވިދާޅުވި އެވެ.


ތިމަރަފުށީ ބިން ހިއްކުމާއި އެއާޕޯޓް ހެދުމުގެ މަސައްކަތް ހަވާލުކުރައްވާފައި ވަނީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމުގައިވާ ހޭންސެންގް އާ އެވެ. އެ މަޝްރޫއުގެ ދަށުން އެ ރަށުގައި އެއާޕޯޓް ހެދުމަށް ބޭނުންވާ 31 ހެކްޓަރާއި ރަށަށް އިތުރު ކުރެވޭ 10 ހެކްޓަރާ އެކު މުޅި ޖުމްލަ 41 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ. އަދި އަމަލީ މަސައްކަތް ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ބިންހިއްކުމުގެ މަސައްކަތް ނިންމުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު