އިލެކްޝަންސް ކޮމިޝަންގެ އެންގުން: ޕާޓީތަކުގެ ހަރަކާތްތަކަށް ހުރަސް އަޅައި ތަޅާފޮޅުމަށް ޖާގަ ލިބޭ ގޮތަށް އެއްވެސް ފަރާތަކުން އަމަލުކޮށްގެން ނުވާނެ

ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކަށް ހުރަސްއަޅައި ތަޅާފޮޅުމާއި ލޭ އޮރުވުމަށް ޖާގަ ލިބޭނެ ގޮތަށް އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އަންގައިފި އެވެ.


ސިޔާސީ ޕާޓީތައް ރަޖިސްޓްރީ ކުރުމާއި ރެގިއުލޭޓް ކުރުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ، ސިޔާސީ ޕާޓީތަކުގެ ބެލެނިވެރިޔާ، އިލެކްޝަން ކޮމިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ ޑިމޮކްރެޓިކް ވެއްޓެއް ގާއިމު ކުރުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރާ މަސްދަރަކީ ގާނޫނީ ހުކޫމަތް ކަމަށާއި ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ހިންގަން ވާނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށެވެ.


ހަމައެއާ އެކު ކޮމިޝަނުން ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުން ބާއްވާ ހަރަކާތްތަކަށް އެއްވެސް ފަރާތަކުން ހުރަސް އަޅައި ތަޅާފޮޅުމާއި ލޭ އޮހޮރުވުމަށް ޖާގަ ލިބޭ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށެވެ. އަދި އެފަދަ ކަންކަމަށް ހިތްވަރު ނުދިނުމަށެވެ.


ކޮމިޝަނުން ބުނީ ގާނޫނާއި ގަވައިދާ ހިލާފު ކަންކަން ސިޔާސީ ހަރަކާތްތަކުގައި އިތުރުވަމުންދާ ކަން ފާހަގަ ކުރެވޭ ކަމަށާއި އޭގެ ސަބަބުން އާންމު މަސްލަހަތު ގެއްލި ރައްޔިތުންގެ ހައްގުތަކަށް އުނިކަން އަންނާތީ ކޮމިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.


ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަތައް ގާނޫނޫގެ އިމުގައި ކުރުމަށް އިލްތިމާސް ކޮށްފައިވާ ބަޔާނުގައި ބުނަނީ  ދިގު ދެމިގެންވާ ބޮޑު ހަމަނުޖެހުންތަކަކުން ގައުމު ސަލާމަތް ކުރުމަށްޓަކައި ސިޔާސީ ފަރާތްތަކުން، ސިޔާސީ ޕާޓީތަކުން ސުލްހައިގެ މަގު އިހުތިހާރުކޮށް ކެތްތެރިކަމާއި މަޑުމައިތިރިކަމާ އެކު ހިޔާލު ތަފާތުވުންތައް ނައްތާލަން ވާހަކަ ދެއްކުމަށް ގޮވާލާ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު