"ޕްރައިވެޓް ޑިޖިޓަލް ޑާޓާ"އާ ބެހޭ ވަސިއްޔަތުނާމާ!

ތިބާގެ ހަޔާތުގައި "ޑިޖިޓަލް މީޑިޔާ" ބޭނުން ކޮށްގެން އެއްކޮށްފައިވާ މައުލޫމާތާއި އަދި އެކިފަރާތްތަކާއެކު ހިއްސާކުރެވިފައިވާ ލިޔެކިޔުންތަކާމެދު ތިބާ ނެތް ދުނިޔެއެއްގައި އަމަލުކުރެވެންވީ ކިހިނެތްތޯ ވަސިއްޔަތެއްގެ ގޮތުގައި ނަމަވެސް ގޮތެއް ނިންމުމަކީ "ތިބާ ބޭނުންވެއްޖެ ހާލަތެއްގައި" އޭގެ ފައިދާ ތިބާއަށާއި އަދި ތިބާއަށް ހެޔޮއެދޭ ފަރާތްތަކަށް ކޮންމެވެސް ގޮތަކުން ރަނގަޅު މަންފާއެއް ކޮށްފާނޭ ކަމެކެވެ.

"ގޫގަލް އެކައުންޓްސް" ބޭނުން ކުރާ ފަރާތްތަކަށް ގޫގަލްއިން މިހާރުވަނީ "ގޫގަލް ވަސިއްޔަތު ނާމާ" ތައްޔާރު ކުރާނޭ މަގެއް ކޮށައިދީފައެވެ. އެގޮތުން ހުސްވި ހަފްތާގެ ތެރޭގައި ގޫގަލްއިން އަލަށް ތައާރަފް ކުރި "އިނެކްޓިވް އެކައުންޓް މެނޭޖާ"އަކީ ތިބާ ދިރިހުރި އިރު ގޫގަލްގެ ވަސީލަތްތައް ބޭނުން ކޮށްގެން ތިބާ ކޮށްފައިވާ އެންމެހައި ޑިޖިޓަލް މުއާމަލާތަކާ ބޭހޭގޮތުން ތިބާ ނެތް ދުނިޔެއެއްގައި އަމަލު ކުރެވެންވީގޮތް ކަނޑައެޅުމަށް ބޭނުން ކުރެވިދާނޭ ރަނގަޅު ވަސީލަތެލެވެ.

ގޫގަލްގެ ޕްރޮޑަކްޓް މެނޭޖަރު އެންޑްރިއަސް ޓުއަކް އޭނާގެ ބްލޮގް ޕޯސްޓެއްގައި ބުނެފައިވަނީ "ކަލޭމެން ނެތިދިއުމަށްފަހު ކަލޭމެންގެ ޖީމެއިލް މެސެޖްތަކާއި އަދި ގޫގަލްގެ އެހެނިހެން ހިދުމަތްތައް ބޭނުން ކޮށްގެން އެއްކޮށްފައިވާ މައުލޫމާތުތަކާ ދޭތެރޭގައި އަމަލު ކުރެވެންވީގޮތެއް އަހަރެމެން ކައިރީ ބުނެގެން އެއާމެދު ގޮތެއް ނިންމޭނޭ މަގު މިހާރު ގޫގަލްއިން މިވަނީ ތަނަވަސް ކޮށްދީފައި،" ކަމަށެވެ.

ގޫގަލް ސެޓިންގްސް ތެރެއަށްވަދެ "އިނެކްޓިވް އެކައުންޓް މެނޭޖާ" ނެގުމަށްފަހު އޭގައި ތިބާ ބޭނުން ސެޓިންއެއް ހަދާލަންވީއެވެ. މިސާލަކަށް ތިބާގެ އެކައުންޓް އެއްގޮތަކަށްވެސް ބޭނުން ނުކުރާތާ ތިންމަސް، ހަމަސް، ނުވަމަސް ނުވަތަ ބާރަމަސް ދުވަސް ވެއްޖިއްޔާ އެޔާމެދު އަމަލު ކުރަންވީ ސެޓިން އެއް ހެދިދާނެއެވެ. އެގޮތުން އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، "އެކައުންޓުގައި ހުރި ހުރިހާ ޑާޓާއެއް ޑިލީޓް ކޮށްލުން' ނުވަތަ "އެކައުންޓާ ގުޅިފައިވާ +1؛ ބްލޮގާ؛ ކޮންޓެކްޓްސް އަދި ސާކަލްސް؛ ޑްރައިވް؛ ޖީމެއިލް؛ ގޫގަލް+ ޕްރޮފައިލްސް، ޕޭޖަސް، ސްޓްރީމްސް؛ ޕިކާސާ ވެބްއަލްބަމްސް؛ ގޫގަލްވޮއިސް އަދި ޔޫޓިޔުބް،" ފަދަ ވަސީލަތްތަކުގައި ހުރި ޑާޓާތައް ގޫގަލް ސިސްޓަމުން ގޮތެއް ނިންމުމުގެ ކުރިން ތިބާގެ އިތުބާރު ކުރެވޭ ފަރާތަކަށް ފޯރުކޮށްދިނުން، ނުވަތަ ނައްތާލުންފަ ވަސިއްޔަތެއް ކުރެވިދާނެއެވެ.

ގޫގަލްއިން ބުނެފައިވަނީ އަލަށް ތައާރަފް ކުރެވުނު "ޓޫލް"އަކީ ތިބާގެ ޑިޖިޓަލް ހަޔާތުގައި ބޭނުން ކޮށްފައިވާ މުވާސަލާތުތައް ރައްކާތެރި ކަމާއެކު ނައްތާލުން ނުވަތަ ތިބާގެ ހެޔޮއެދޭފަރާތަކަށް ރައްދުކޮށްދިނުން ނުވަތަ އެނޫންގޮތަކަށްވެސް އެޔާމެދު އަމަލުކުރުމަށް ބޭނުންކުރެވޭނޭ އަގުހުރި ވަސިއްޔަތުނާމާއެއްކަމުގައި ވާނޭކަމަށް އުއްމީދު ކުރާކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު