ފުރާވަރުގެ ކުދިންނަށް ހާއްސަކޮށްގެން ފޭސްބުކުން "ޕްރައިވެސީ ކެމްޕޭން"އެއް ފަށައިފި

މަޝްހޫރު ސޯޝަލް ނެޓްވޯލް "ފޭސްބުކް" ބޭނުންކުރަމުން ގެންދާ "ފުރާވަރު"ގެ ކުދިންނަށް އެ ނެޓްވޯކް ބޭނުން ކުރުމުގައި ރައްކާތެރި މާހައުލެއް ގާއިމް ކޮށްދިނުމުގެ ބޭނުމުގައި ފުރާވަރުގެ ކުދިންނަށް ހާއްސަކޮށްގެން ފޭސްބުކުން "ޕްރައިވެސީ ކެމްޕޭން"އެއް ފަށައިފި އެވެ.

ފޭސްބުކްގެ އެ ކެމްޕެއިން އިއުލާނު ކޮށްފައިވަނީ "ޑިޖިޓަލް ޕްރައިވެސީ"އާ ބެހޭގޮތުން ގައުމީ ފެންވަރުގައި މީހުން ހޭލުންތެރި ކުރުމުގެ ގޮތުން މޭރީލޭންޑްސްގައި ބޭއްވުނު ކޮންފަރެންސެއްގައެވެ. އެމެރިކާގެ 19 ލޯޔަރުންނާއެކު ފޭސްބުކް ޓީމުން ފެށި ހޭލުންތެރި ކުރުވުމުގެ ކެމްޕޭނުގައި ޅައުމުރު ފުރައިގެ ކުދިންނަށް "ފޭސްބުކް" ރައްކާތެރި ގޮތުގައި ބޭނުން ކުރާނޭ ގޮތާއި، ފޭސްބުކްގައި ހިމެނޭ ސަލާމަތީ ގޮތުން ރައްކާތެރިވުމަށް ބޭނުންކުރެވިދާނޭ ވަސީލަތްތައް ރަނގަޅުގޮތުގައި ބޭނުންކުރާނޭ ގޮތާއި އަދި އެފަދަ އިޖްތިމާއީ ވިއުގައެއްގެ ތެރޭގައި ޒުވާނުންނާއި ޅައުމުރުފުރައިގެ ކުދިން ހަރަކާތްތެރިވާންޖެހޭ މިންގަޑު ތަކާއި، އެފަދަ ވިއުގައެއް ބޭނުންކޮށްގެން އެހެން މީހުންގެ ހައްގަށް އަރައިގަނެވޭ ގޮތްތަކާއި، ތިމާގެ ހައްގުތައް ރައްކާތެރިކޮށް ބައެއްގެ ފަރާތުން ތިމާއަށް ލިބިދާނޭ ގެއްލުމުން ރައްކާތެރިވާނޭ ގޮތާބެހޭ މައުލޫމާތުތައް ފޯރުކޮށްދެވޭނެއެވެ.

ފޭސްބުކް ސައިޓަށް އަހުލުވެރި ކުރުވުމާއި ހޭލުންތެރިކުރުވުމުގެ ގޮތުން ހިންގާ އެ ކެމްޕެއިންގައި ފޯރުކޮށްދޭ މައުލޫމާތުގެ ތެރޭގައި ފޭސްބުކް ޓީމުން އެކި ތަންތަނަށް ޒިޔާރަތްކޮށް އެކިފަރާތްތަކުން ކޮށްފައިވާ ސުވާލުތަކުގެ ޖަވާބާއި، މީގެ އެތަކެއް ދުވަސްކުރިން ސައިޓު މެދުވެރިކޮށް އެކިފަރާތްތަކުން ކޮށްފައިވާ މުހިއްމު ސުވާލުތަކުގެ ޖަވާބާއި އަދި އެކިއެކި މުހިއްމު މައުލޫމާތު ހިމެނޭ ވީޑިއޯ ކްލިޕްތައް ހިމެނެއެވެ. އެގޮތުން ފޯރުކޮށްދޭ މައުލޫމާތުތައް ހުންނާނީ" www.facebook.com/fbsafety"ގަ އެވެ.

ފޭސްބުކުން އެފަދަ ކެމްޕެއިނެއް ފަށާފައި މިވަނީ ފޭސްބުކް ބޭނުންކޮށްގެން ބައެއް ފަރާތްތަކުން ފުރާވަރުގެ ކުދިނަށް ޖިންސީ ގޯނާކުރުމާއި، ދިމާކުރުމާއި، އަދިވެސް އެފަދަ ނޭދެވޭ އެތައް ކަމެއްގެ ސަބަބުން ބައެއް ކުދިންގެ ފުރާނައަށް ނުރައްކާވާފަދަ ހާދިސާތައް ހިނގައިފައި ހުރުމުގެ ސަބަބުން އެކުދިން އެފަދަ ނޭދެވޭ އަމަލުތަކުގެ ޝިކާރައަކަށް ވުމުން ރައްކާތެރި ކުރުމާއި، ރަނގަޅުގޮތުގައި ސޯޝަލް މީޑިޔާ ބޭނުން ކުރުމަށް އެފަދަ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފޭސްބުކް ބޭނުންކުރާ ފަރާތްތަކުގެ އަދަދު ބިލިޔަނަކަށްވުރެ އިތުރު ވެފައިވާއިރު ފޭސްބުކް ވެގެން ގޮސްފައިވަނީ ވިޔަފާރީގެ އުފެއްދުންތައް މާކެޓް ކުރުމަށާއި އިޝްތިހާރުކުރުމަށްވެސް މުހިއްމު ވަސީލަތަކަށެވެ. އެހެން ކަމުން ފޭސްބުކް ރަނގަޅު ގޮތުގައި ބޭނުން ކުރުމަކީ ހުރިހާ ފަރާތްތަކަށްވެސް އޭގެ ފައިދާ އެންމެ އެދެވޭ ގޮތުގައި ކުރާނޭ ގޮތް ކަމަށާއި ފޭސްބުކްގައި ހިމަނާ ކޮންމެ މައުލޫމަތަކީވެސް އެމައުލޫމާތެއް ނުވަތަ ފޮޓޯއެއް ނަމަވެސް، ފޭސްބުކްގައި އެ "ލިޔުނު ނުވަތަ ޝާއިއުކުރި ފަރާތެއް ޒިންމާވާން ޖެހޭނޭ އެއްޗެއް" ކަމަށް ފޭސްބުކު ޓީމުން ވަނީ ބުނެފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު