މައިކްރޯސޮފްޓާއި ގޫގަލްގެ ފައިދާ މައްޗަށް ޖެހިލައިފި

ޓެކްނޯލޮޖީގެ ބޮޑު ދެބާރުކަމަށްވާ މައިކްރޯސޮފްޓް އަދި ގޫގަލްއަށް ލިބުނު ފައިދާ އަހަރުގެ ފުރަތަމަ ތިންމަސް ދުވަހުގެ ތެރޭގައި ބޮޑަށް މައްޗަށް ޖެހިފައިވާކަމަށް އެދެ ކުންފުނިން ބުނެފިއެވެ.

މައިކްރޯސޮފްޓް އިންޑޯޒް 8 ތައާރަފްކުރުމާ ގުޅިގެން ފުރަތަމަ ކޮޅުގައި މާބޮޑު ތަރުހީބެއް ލިބިފައި ނުވިނަމަވެސް އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ ފުރަތަމަ ތިންމަސް ދުވަހު އެކުންފުންޏަށް ލިބިފައިވާ "ނެޓް-ޕްރޮފިޓް" ގާތްގަނޑަކަށް ހަ ބިލިޔަން ޑޮލަރަށް އަރައެވެ. އެއީ ފައިބެ އަހަރާ އަޅާ ކިޔާއިރު ގާތްގަނޑަކަށް 17 އިންސައްތައިގެ ކުރިއެރުމެކެވެ.

މާކެޓް ދިރާސާކުރާ ފަރާތްތަކުން ބުނަނީ މައިކްރޯސޮފްޓުގެ ފައިދާ އެހާ ރަނގަޅުވެފައި އެވަނީ އެކުންފުނީގެ "ކޯޕަޓް-ކްލަޔަންޓުން"ނަށް އެކުންފުނީގެ އުފެއްދުންތައް ވިއްކުމުގައި ގެނެވުނު ހެޔޮ ބަދަލުތަކާއި އަދި ކުންފުނީގެ އުފެއްދުންތަކުގެ އަގުތަކަށް ގެނެވުނު ހެޔޮ ބަދަކުގެ ސަބަބުން ކަމަށެވެ.

މަޝްހޫރު އިންޓަނެޓް ސާޗް އިންޖިން ގޫގަލްގެ ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ ތިންމަސް ދުވަހުގެ ތެރޭގައި އެކުންފުނީގެ "ނެޓް-ޕްރޮފިޓް"ވަނީ 3.35 ބިލިޔަން ޑިލަރަށް މައްޗަށް ޖެހިލާފައެވެ. އެއީ ވޭތުވެދިޔަ އަހަރުގެ ފައިދާއަށް ބަލާއިރު 16 އިންސައްތައިގެ ކުރިއެރުމެކެވެ. ގޫގަލްގެ ފައިދާގެ ބޮޑު ބައެއް ހިއްސާކުރަނީ އޮންލައިން އިޝްތިހާރު ތަކުންނެވެ.

މައިކްރޯސޮފްޓާއި ގޫގަލްގެ ފައިދާ އުފުލިފައިވާއިރު ޓެކްނޯލޮޖީގެ ގިނަ އުފެއްދުންތަކެއް ބާޒާރަށް ނެރޭ "ޑެލް"އިން ވަނީ އެކުންފުނީގެ ފައިދާ ދަށަށް ގޮސްފައިވާކަމަށް ހާމަކޮށްފައެވެ. އަދި އޭގެ އެންމެ ބޮޑު ސަބަބެއް ކަމަށް ބެލެވިފައިވަނީ އެކުންފުންޏަށް ލިބިފައިވާ "ޑީލްސް"ތައް ވަގުތަށް ނުނިންމުމާއި އަދި ޖަޕަނީޒް ޔެންގެ އަގު ދަށް ވުން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު