ލޯކަލް ކައުންސިލްތަކުގެ އިންތިހާބު: އިންތިހާބުގެ ގަވައިދަށް ބަދަލު ގެނެސް އަލުން ގެޒެޓް ކުރަން ރައީސް އޮފީހަށް ފޮނުވައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ބެހޭ ގަވައިދަށް ބައެއް އިސްލާހުތައް ގެނެސް އެ ގަވައިދު އަލުން ގެޒެޓް ކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ރައީސް އޮފީހަށް އިއްޔެ ފޮނުވައިފި އެވެ.


ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ ކެންޑިޑޭޓުންނަށާއި ވޯޓުލާ މީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ގަވައިދަށް ބައެއް ބަދަލު ގެނެސްފައިވާނެ ކަމަށާއި ނަމަވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައި ނުވާނެ ކަމަށެވެ.


"މަދު މާއްދާތަކަކަށް ކުދިކުދި ބަދަލުތަކެއް ގެނައީ،" ފުއާދު ވިދާޅުވި އެވެ.


ކޮމިޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު ޝުއައިބު ޔޫސުފު ވިދާވީ އިސްލާހު ކުރި ގަވައިދު އަންނަ އާދީއްތައާ ހަމައަށް ގެޒެޓް ކުރެވޭނެ ކަމަށް ކޮމިޝަނުން ބައްލަވާ ކަމަށެވެ. އޭނާ ވިދާޅުވީ ގަވައިދު އިސްލާހު ކުރިއިރު 15 ވަނަ މާއްދާގައި ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާ ނަމަ އައިޑީކާޑު ގެންދަން ޖެހޭ ގޮތަށް އޮންނަ އޮތުމުގެ ބަދަލުގައި ކާކުކަން އެނގޭނެ ފަދަ ރަސްމީ ލިޔުމެއް ހުށަހަޅޭ ގޮތަށް ބަދަލުކޮށްފައި ވާނެ ކަމަށެވެ. މީގެ އިތުރުން އެ މާއްދާގެ (ފ) އަށް ވެސް ކޮމިޝަނުން އިސްލާހެއް ގެނަ އެވެ.


‹އެނޫން ބައެއް ބަދަލުތައް ވެސް ހުންނާނެ ކުދިކުދި ބަދަލުތައް. އެބައިބައި ގަވައިދު އަލުން ގެޒެޓްވުމުން އަޅުގަނޑުމެން އާންމުންނަށް އޮޅުން ފިލުވައިދެމުންދާނަން›


 ޝުއައިބު ވިދާޅުވީ ގަވައިދުގެ 16 ވަނަ މާއްދާ އަށް ވެސް ބަދަލު ގެނެސްފައިވާ ކަމަށާއި އެ ގޮތުން ކެންޑިޑޭޓުން އެޕްލިކޭޝަން ހުށަހަޅާ އިރު ހުށަހަޅަން ޖެހޭ 50 މީހުންގެ ސޮއި ހިމެނޭ އެޕްލިކޭޝަނާއި ލޯގޯ އާއި ފޮޓޯޖެހި ލިޔުމުގެ ސޮފްޓް ކޮޕީ ހުށަހަޅަން މިހާރު ނުޖެހޭނެ ކަމަށެވެ. އަދި ގަވައިދު 21 ވަނަ މާއްދާ އާއި 22 ވަނަ މާއްދާ އަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. އެ ދެ މާއްދާއަކީ ޕާޓީތަކުގެ އޮބްޒާވަރުންނަށް ފާސް ދޫކުރުމާއި ނޫސްވެރިންނަށް ފާސް ދޫކުރުން ބަޔާން ކުރާ ދެ މާއްދާ އެވެ. އެ ދެ މާއްދާއަށް ގެނައި ބަދަލަކީ ފާސް ދޫކުރުން އިލެކްޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ހަމަޖެއްސުމެވެ.


ގަވައިދުގެ 29 ވަނަ މާއްދާއަށް ވެސް ބަދަލު ގެނެސްފައިވެ އެވެ. އަދި 32 ވަނަ މާއްދާއިން އަކުރެއް އުވާލުން ވެސް ހިމެނެ އެވެ.


"އެނޫން ބައެއް ބަދަލުތައް ވެސް ހުންނާނެ ކުދިކުދި ބަދަލުތައް. އެބައިބައި ގަވައިދު އަލުން ގެޒެޓްވުމުން އަޅުގަނޑުމެން އާންމުންނަށް އޮޅުން ފިލުވައިދެމުންދާނަން،" ޝުއައިބު ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު