ޑީއާރްޕީގެ މުޒާހަރާ: މުޒާހަރާ ރޫޅައިލުމުގެ ތެރޭގައި ފުލުހުން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި

"އުނބަށްޖެހި ވަޒީރުން"ގެ ނަމުގައި ޑީއާރްޕީން ފެށި ސިލްސިލާ މުޒާހަރާގެ ތެރޭގައި ރޭ ފުލުހުން ހައްޔަރު ކުރި އެންމެ ދޫކޮށްލައިފި އެވެ.


ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ރޭގެ މުޒާހަރާގައި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި ނަމަވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ރޭ މެންދަމު ދޫކޮށްލާފައިވާ ކަމަށެވެ.


ޑީއާރްޕީ އޮފީސް ކައިރިން ރޭ ގާތްގަނޑަކަށް 9:00 ޖެހި އިރު ފެށި މުޒާހަރާގައި ބައިވެރިން މަގުތަކަށް ނުކުމެ ފުލުހުންގެ ސަފުތައް ފޫދުއްވާލައި މުލިއާގެ ކައިރިއަށް ދާން މަސައްކަތް ކުރުމުގެ ތެރޭގައި  ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރޫދާއިރާގެ މެންބަރު އަލީ އާރިފާއި ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާނާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ އިތުރުން ޑީއާރްޕީގެ މީޑިޔާ ކޯޑިނެޓަރު އަލީ ސޯލިހާއި އަދި އެޕާޓީގެ އިތުރު ކައުންސިލު މެންބަރެއްގެ އިތުރުން އާންމުންގެ ބައެއް މީހުންނާ އެކު ޖުމްލަ 14 މީހުން ހައްޔަރުކުރި ކަމަށް ޑީއާރްޕީން މިއަދު ބުންޏެވެ.


ރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުންގެ އަދަދު ފުލުހުން ބުނެފައެއް ނުވެ އެވެ. ނަމަވެސް ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޯށްލާފައިވާ ކަމަށެވެ. އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ ލައިންތައް ކްރޮސް ކުރުމުން ކަމަށެވެ. އަދި  މެންބަރު އަލީ އާރިފާއި ނިހާނާއި މަހުލޫފު ގެންގޮސްފައި ވަނީ އެ ވަގުތު ގާއުކަމުން ދިއުމާ އެކު އެ ބޭފުޅުންގެ ސަލަމާތަށްޓަކައި ކަމަށެވެ.


ޑީރާއްޕީގެ މިޑިޔާ ކޯޑިނޭޓްރު އަލީ ސޯލިހު ވިދާޅުވީ އޭނާ އާއި މަހުލޫފާއި ނިހާނާއި އާރިފު ދޫކޮށްލީ ރޭގެ ދަންވަރު 1:30ގައި ކަމަށާއި އެހެން މީހުން ދޫކޮށްލީ އަތޮޅުވެއްސަށް ގެންދިއުމަށް ފަހު ރޭ މެންދަމު 4:00 ޖެހަން އުޅެނިކޮށް ކަމަށެވެ.


އަލީ ސޯލިހު ވިދާޅުވީ ފުލުހުން މުޒާހަރާގެ ތެރެއިން ރޭ މީހުން ހައްޔަރުކޮށްފައި ވަނީ މުލީއާގެ ކުރިމައްޗަށް ދިއުމުން ކަމަށާއި އެމީހުން ހައްޔަރު ކުރީ މުލިއާގޭ ކުރިމައްޗަށް ދިއުމަށް ފަހު ހުކުރު މިސްކިތުގެ ގޯތިތެރޭގައި ތިއްބާ ކަމަށެވެ. އެންމެވެސް ގެންދިޔައީ ބިޑިއެޅުވުމަށް ފަހު ފުލުހުންގެ ޖިޕްގައި ކަމަށެވެ.


ޕެޕަ ސްޕްރޭއާއި ކަރުނަ ގޭސް ޖަހައިގެން ރޭ ރޫޅައިލި މުޒާހަރާ ދަރުމަވަންތަ މިސްކިތް ކައިރިން ހަމަނުޖެހުމަކަށް ބަދަލުވެގެން ދިޔަ ވަގުތު ބައެއް މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އޭގެތެރެއިން އެކެއްގެ ކަށިމަތި ފަޅައިގެން ދިޔައިރު އެހެން މީހެއްގެ ބޮލުގައި ގާބުރިއަކުން ޖެހި ފަޅައިގެންދިޔަ އެވެ. އަދި އެނޫން ކުދި އަނިޔާތައް ވެސް ބައެއް މީހުންނަށް ލިބުނެވެ.


ފުލުހުން ބުނީ މުޒާހަރާގެ ތެރޭގައި އަނިޔާ ލިބުނު މީހުންގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.


ޑީއާރްޕީގެ މިޑިޔާއާ ކޯޑިނޭޓަރު އަލީ ސޯލިހު ވިދާޅުވީ އަނިޔާ ލިބުނު މީހުންގެ މައުލޫމާތު ޕާޓީން އޮޅުން ފިލުވަމުންދާ ކަމަށާއި ބޮޑަށް ގެއްލުން ލިބުނު ދެ މީހުންގެ ވެސް ސީރިއަސް އަނިޔާއެއް ނެތް ކަމަށެވެ.


"އެ ދެ މީހުނަށް ވެސް ވަނީ ހޮސްޕިޓަލުން ފަރުވާދީފައި،" ސޯލިހު ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު