ހުޅުމާލޭގެ ބިން ހިއްކުމުގެ މަސައްކަތަށް ބިޑް ކުރީ ދެ ފަރާތަކުން: އެޗްޑީސީ

ދެ ވަނަ ފިޔަވަހީގެ ދަށުން ހުޅުމާލޭގެ ބިން ހިއްކުމުގެ މަސައްކަތައް ބިޑް ކުރެއްވީ ދެ ފަރާތަކުން ކަމަށް ހައުސިން ޑިވެލޮޕް ކޯޕަރޭޝަން(އެޗްޑީސީ) ބުނެފި އެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިއްކުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ކުރިން ބުނެފައިވާ އިރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޝުހެއިލް އަހުމަދު މިއަދު ވިދާޅުވީ އެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިއުލާން ކުރުމުން ދެފަރާތަކުން ބިޑް ހުށައަޅާފައިވާ ކަމަށެވެ. އަދި މިއަދު އިވެލުއޭޝަން ފަށާފައިވާ ކަމަށާއި މިމަހުގެ ތެރޭގައި މަސައްކަތް ހަވާލުކުރެވޭނެ އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކޮންޓެކްޓުގައި ކަނޑައަޅާފައި ހުންނާނީ އެގުރިމެންޓުގައި ސޮއިކުރާތާ ހަ މަސް ދުވަސް ބައި ތެރޭގައި ހިއްކުމުގެ މަސައްކަތް ނިންމުމަށް. އަދި މިކޮންޓުރެކްޓުގައި އިންނަ ތޮށިލުމުގެ ބައި ނިންމަން މިއިންނަނީ އިތުރު އެއް އަހަރަށް،" ޝުހެއިލް ވިދާޅުވި އެވެ.

ޝުހެއިލް ވިދާޅުވީ މިފަހަރު ބިޑް ހުށައަޅާފައި ވަނީ ޔެންޑްނޮލް ކިޔާ ހޮލެންޑުގެ ކުންފުންޏަކާއި ބުރިޖިން އިންޓަނޭޝަނަލް ކިޔާ ބެލްޖިއަމް ކުންފުންޏެއް ކަމަށެވެ. އަދި ވިދާޅުވީ މަސައްކަތް ނުފެށި ލަސްވީ އީއައިއޭ ހެދުން ލަސްވުމާއި ގުޅިގެން ކަމަށެވެ.

ހުޅުމާލޭ ބިން ހިއްކުމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ނިންމާފައި ވަނީ ފަރުކޮޅުފުއްޓާ ދިމާލުން 230 ހެކްޓަރުގެ އެވެ. އެއީ 100000 މީހުންގެ އާބާދީ އަކަށް އަމާޒުކޮށްގެން ހިއްކާ ސަރަހައްދެކެވެ. ފުރަތަމަ ފިޔަވަހީގައި 60،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށް 188 ހެކްޓަރުގެ ބިން ހިއްކާފައިވާ އިރު 20000 އަށް ވުރެ ގިނަ މީހުން މިހާރު ހުޅުމާލޭގައި ދިރިއުޅެމުންދާ ކަމަށް އެޗްޑީސީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު