ރީތި ފުޓްބޯޅައެއް ނުކުޅެވުނަސް، މާދަމާގެ މެޗުން މުހިއްމީ ތިން ޕޮއިންޓް: ޕޮޕޯފް

ޔަންގޮން ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގައި ރީތި ފުޓްބޯޅައެއް ނުކުޅެވުނަސް މުހިއްމީ ތިން ޕޮއިންޓު ކަމަށް ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބުގެ ކޯޗް ވެލިޒާ ޕޮޕޯފް ބުނެފިއެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް އެފްގައި ވާދަކުރާ ރާއްޖޭގެ ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބާއި މިޔަންމާގެ ޔަންގޮން ޔުނައިޓެޑް ވާދަކުރާ މެޗާ ބެހޭގޮތުން މިއަދު ގަލޮޅު ދަނޑުގައި އޮތް ނޫސް ކޮންފަރެންސްގައި ޕޮޕޯފް ބުނީ އޭނާގެ ކުލަބު ދެވަނަ ބުރަށް ދާން ބޭނުން ކަމުގައި ވެއްޖިއްޔާ މާދަމާގެ މެޗުން ކޮންމެހެންވެސް މޮޅުވާން ޖެހޭކަމަށެވެ.

"މާދަމާ އަހަރެން ބޭނުމެއް ނުވޭ ރީތި ފުޓްބޯޅައެއް ކުޅޭކަށް. މާދަމާ މުހިއްމީ ތިން ޕޮއިންޓު ހޯދުން. ސަބަބަކީ އަހަރެމެން ދެވަނަ ބުރަށް ދާން ބޭނުންކަމުގައި ވެއްޖިއްޔާ އެބަޖެހޭ ކޮންމެ ގޮތެއް ހަދާފައިވެސް ތިން ޕޮއިންޓް ހޯދަން. އަހަރެން ބޭނުމެއް ނުވޭ ފަހުވަގުތާ ޖެހެންދެން މަޑުކުރާކަށް. މާދަމާގެ މެޗު އަހަރުމެންނަށް ކާމިޔާބު ކުރެވިއްޖެނަމަ އަހަރުމެންނަށް ދެވަނަ ބުރަށް ދެވިދާނެ،" ޕޮޕޯފް ބުންޏެވެ.

ގްރޫޕް ސްޓޭޖްގައި މިދެޓީމެ މިޔަންމާގައި ކުޅުނު މެޗުން ނިއުވަނީ ދޭއްސުމަކުން ބަލިވެފައެވެ. އެމެޗުގައި ނިއުގެ ފޯވަޑް އަލީ އުމަރަށް މެޗުގައި ނުކުޅެވުނު އިރު، ކުލަބުގެ އެންމެ މުހިއްމު ފޯވަޑް އަލީ އަޝްފާގު (ދަގަނޑޭ) އަށް ވެސް ވަނީ އަނިޔާގެ ސަބަބުން މެޗުގެ ފުރަތަމަ ހާފުގެ ވަކި ހިސާބަކުން ކުޅުމާ ދުރަށް ދާންޖެހިފައެވެ.

އަލީ އުމަރާއި އަޝްފާގަށް އަނިޔާގެ ސަބަބުން މާދަމާގެ މެޗުގައިވެސް ކުޅެވޭނޭ ކަމުގެ މާބޮޑު ޔަގީންކަމެއް ނެތްއިރު ކޯޗު ބުނީ އެދެކުޅުންތެރިން ނެތުމަކީ ޓީމަށް ކުރިމަތިވާނޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި އެހެން ނަމަވެސް މަސަކަތް ކޮށްފި ނަމަ ކޮންމެ ކަމެއްވެސް ހާސިލް ކުރެވޭނޭ ކަމަށާއި އެހެން ކަމުން އޭނާ ބަލާނީ 100 އިންސައްތަ ފިޓް ކުޅުންތެރިން ބޭނުންކޮށްގެން މާދަމާގެ މެޗަށް ނިކުތުމަށް ކަމަށެވެ.

"ދަގަނޑޭ އާއި އަލީ އުމަރު ނުލައި އަހަރުމެން ޖެހޭނީ ގޭމް ސްޓައިލަށް ބަދަލުތަކެއް ގެންނަން. އެކުޅުންތެރިންނާ ނުލައި އަހަރެން ބޭނުންވާ ސްޓައިލްގެ ފުޓްބޯޅަ ކުޅުމަކީ އުނދަގޫ ކަމެއް. އެއީ ޓީމުގައި ތިބި އެންމެ ކްރިއޭޓިވް ދެ ކުޅުންތެރިން. އެހެން ކަމުން އެކުޅުންތެރިންނާ ނުލައި ކުޅުމަކީ އުނދަގޫ ކަމަކަށްވާނެ. އެހެން ކަމުން އަހަރެން ބޭނުންވަނީ 100 ޕަސެންޓް ފިޓް ކުޅުންތެރިން އަރުވައިގެން މެޗު ކުޅެން،" ނިއުގެ ކޯޗު ބުންޏެވެ.

ނިއުގެ ކޯޗުގެ ޕޮޕޯފް އާއި ކެޕްޓަން އިމްރާން މުހައްމަދު ވަނީ ކުލަބުގެ ސަޕޯޓަރުންނާއި ރާއްޖޭގެ ފުޓްބޯޅައަށް ލޯބިކުރާ އެންމެންގެ ކިބައިން މާދަމާ ދަނޑަށް ގޮސް ޓީމަށް ސަޕޯޓްކުރުމަށް ވަރަށްބޮޑަށް އެދިފައެވެ. އެގޮތުން އިމްރާން ބުނީ ސަޕޯޓަރުންނަކީ ޓީމުގެ ބާރަވަނަ ކުޅުންތެރިޔާ ކަމަށާއި އެހެންކަމުން ސަޕޯޓަރުން ކުޅިވަރުގެ ރޫހާއެއްގޮތަށް ނިއުއަށް ސަޕޯޓް ކޮށްފިނަމަ ގަލޮޅު ދަނޑުގައި މާދަމާގެ މެޗުން ޔަންގޮން އަތުން މޮޅުވުމަކީ ނިއުއަށް ނުވާވަރު ކަމެއް ނޫން ކަމަށެވެ.

މެޗާބެހޭ ގޮތުން ޔަންގޮންގެ ކޯޗު ބުނީ މާދަމާގެ މެޗުގެ ނަތީޖާއާ ދޭތެރޭ އެއްވެސް އެއްޗެއް ބުނަން ނޭނގޭ ކަމަށާއި އޭނާ ބަލާނީ މާދަމާގެ މެޗުގައި ޓީމުގައި ތިބި ޖޫނިއާ ކުޅުންތެރިންނަށް ފުރުސަތު ދީގެން ރަނގަޅު ނަތީޖާއެއް ނެރެވޭތޯ ކަމަށެވެ. އަދި ގުރޫޕްގައި ބާކީ ތިންމެޗު ކުޅެން އޮތްއިރު ދެވަނަބުރަށް ދެވިދާނެތޯ ނޫންތޯ ބުނަން އަވަސް ކަމަށާއި މިވަގުތު އޭނާ ވިސްނަނީ ކުރިއަށް ހުރި މެޗުތަކާ ދޭތެރޭގައި ކަމަށެވެ.

ގްރޫޕް ސްޓޭޖްގައި މިހާތަނަށް ކޮންމެ ޓީމެއް ތިންމެޗު ކުޅެފައިވާއިރު ކުޅުނު ތިންމެޗު ކާމިޔާބުކޮށްގެން ނުވަ ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތީ ޔަންގޮން ޔުނައިޓެޑެވެ. އަދި ތިންމެޗު ކުޅެގެން ދެމެޗުން މޮޅުވެ ހަޕޮއިންޓައެކު ނިއު އޮތީ ދެވަނައިގައެވެ.

ނިއުއާއި ޔަންގޮން ވާދަކުރާމެޗުގެ ކުޅުން ފަށާނީ މާދަމާ ހަވީރު 4:00ގައެވެ. މެޗުގެ ޓިކެޓްގެ އަގު އުޅެނީ ގޮނޑި ބަރިން 50 ރުފިޔާ އަދި ސިޑިބަރިން 15 ރުފިޔާ އަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު