އިމްތިޔާޒުގެ ގާނޫނާ ގުޅޭ ގޮތުން އެމްޖޭއޭ އިން ހުށަހެޅި މައްސަލަ ތާވަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ބައެއް މާއްދާތައް ބާތިލުކޮށްދިނުމަށް އެދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައިކޯޓަށް ހުށަހެޅި މައްސަލަ މި މަހުގެ 30 ވަނަ ދުވަހަށް ޝެޑިއުލް ކޮށްފި އެވެ.

އެމްޖޭއޭގެ އޮފިޝަލަކު ވިދާޅުވީ މި މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ކޯޓަށް ހާޒިރުވުމަށް ހައިކޯޓުން އެ ޖަމްއިއްޔާ އަށް ޗިޓް ފޮނުވާފައިވާ ކަމަށެވެ.

އެމްޖޭއޭ އިން ހުށަހެޅި ދުސްތޫރީ މައްސަލައިގައި އިމްތިޔާޒުގެ ގާނޫނުގެ 17 ވަނަ މާއްދަގެ (ހ) އާއި އެ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) އަދި (ށ) އަކީ ގާނޫނު އަސާސީގެ 28 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާއި ޚަބަރާއި މައުލޫމާތުގެ މަސްދަރު ހިމާޔަތްކޮށްފައި ވުމުގެ ގަވާއިދާއި ގާނޫނު އަސާސީގެ 53 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދީފައިވާ ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އޮންނަ ހައްގާ ޚިލާފު މާއްދާއެއްކަމަށް ކަނޑައަޅައި އެ މާއްދާ ބާތިލްކޮށް ދިނުމަށް ވަނީ އެދިފަ އެވެ.

އިމްތިޔާޒުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ށ)ގައި ބުނާ ގޮތުން މަޖިލީހުގެ ކޮމެޓީ އަށް ހާޒިރުކުރާ މީހާއާ ކުރާ ސުވާލުތަކަށް ޖަވާބު ނުދީފި ނަމަ އެމީހަކީ މަޖިލީހުގެ އަމުރަށް ނުކިޔަމަންތެރިވި މީހެއް ކަމަށް ބެލެވޭނެ އެވެ. އަދި އެފަދަ ކުށެއް ކުރި މީހެއްގެ އަދަބަކީ 1000ރ. އާއި 3000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ހަ މަސް ދުވަހަށް ޖަލަށް ލުންކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު