އެކައުންޓްގައި ފައިސާ ނެތި ޗެކު ދޫކުރާ ފަރާތްތައް ދެ ގުނައިން ޖޫރިމަނާ ކުރުމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފި

އެކައުންޓްގައި ފައިސާނެތި ޗެކް ދޫކުރާ ފަރާތްތައް އެ ޗެކްގައިވާ އަދަދުގެ ދެގުނައިން ޖޫރިމަނާކޮށް އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމުގެ އަދަބު ކަނޑައަޅައި އެކައުންޓްގައި ފައިސާނެތި ޗެކް ދޫކުރުން މަނާ ކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ ޕީއޭ އަށް ނިސްބަތްވާ، މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު ހުށަހެޅުއްވި ބިލް އަދި މަޖިލީހަށް ބަލައިގަތް ކަމެއް ނޭނގެ އެވެ.


ބިލްގައި އަޒީ ވިދާޅުވެފައި ވަނީ، އެކައުންޓްގައި ފައިސާ ނެތި އެކި ފަރާތްތަކުން ޗެކް ދޫކުރަމުން ގެންދިއުމަކީ ގައުމުގެ އިގްތިސާދަށް ނުރަނގަޅު އަސަރުތަކެއް ފޯރަމުންދާ ކަމެއް ކަމަށެވެ. އަދި އެ ގާނޫނަކީ އެކަމުގެ ސަބަބުން ޗެކުން ކުރެވޭ މުއާމަލާތްތަކުގެ އިތުބާރު ގެއްލެމުންދާތީ އެކައުންޓްގައި ފައިސާނެތި ޗެކް ދޫކުރަމުން ގެންދިއުން ހުއްޓުމަކަށް ގެނައުމަށްޓަކައި އެކުލަވާލާފައިވާ ގާނޫނެއްގެ ބިލެއް ކަމަށް ވެސް އަޒީ ވިދާޅުވެފައިވެ އެވެ.


ބިލުގައިވާ ގޮތުން އެކައުންޓްގައި ފައިސާ ނެތް ހާލަތެއްގައި ޗެކެއް ލިޔެ އެ ޗެކުގައިވާ އަދަދަށް ފައިސާ ނެތްކަން އެނގި ހުރެ، ނުވަތަ ޗެކު ލިޔެ ދޫކުރި އެކައުންޓުގައި ޗެކުގައިވާ މުއްދަތުގައި ފައިސާ ނުހުންނާނެކަން އެނގި ހުރެ އެފަދަ ޗެކެއް ލިޔެ އެއްވެސް ފަރާތަކަށް ދޫކުރުމަކީ ކުށެކެވެ. އަދި ދޫކޮށްފައިވާ ޗެކެއްގައި ލިޔެފައިވާ ތާރީހަށް ފައިސާ ނަގަން ބޭންކަށް ހުށަހެޅުމުގެ ކުރިން ޗެކު ދޫކުރި ފަރާތުން އެ ޗެކުގައިވާ އަދަދަށް ފައިސާ ދޫނުކުރަން ބެންކަށް އެންގުމަކީ ވެސް ކުށެކެވެ. މީގެ އިތުރުން ޗެކު ލިޔެ ދޫކުރި އިރު އެކައުންޓްގައި ފައިސާ ހުރި ނަމަވެސް ޗެކްގައިވާ ތާރީހަށް ބެންކަށް ޗެކު ހުށަހަޅާ އިރު ޗެކުގައިވާ އަދަދަށް އެކައުންޓްގައި ފައިސާ ނުބެހެއްޓުމަކީ ކުށެއް ކަމަށް ވެސް ބިލުގައި ކަނޑައަޅާފައިވެ އެވެ.


ބިލުގައިވާ ގޮތުން އެކައުންޓްގައި ފައިސާ ނެތި ޗެކް ލިޔެ ދޫކޮށްފައި ވާކަން ސާބިތުވެއްޖެ ނަމަ ދެ ގަޑިއިރުގެ ތެރޭގައި އެކަމުގެ ފުރިހަމަ މައުލޫމާތު ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް، ބޭންކުން ފޯރުކޮށްދޭން ޖެހޭނެ އެވެ. އަދި އެ މައުލޫމާތު އިމިގްރޭޝަނަށް ލިބުމާ އެކު ޗެކްލިޔެ ދޫކޮށްފައިވާ ފަރާތް ނުވަތަ ފަރާތްތައް ރާއްޖޭން ބޭރަށް ފުރައިގެންދިއުން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް 24 ގަޑިއިރުގެ ތެރޭގައި އަޅަން ޖެހެ އެވެ. އަދި ޗެކް ބޭންކަށް ހުށަހަޅާ އިރު ޗެކްގައިވާ އަދަދަށް ފައިސާ ނެތްކަމަށް ބޭންކުން ލިޔުމުން އަންގައިފި ނަމަ އެކައުންޓްގައި ފައިސާ ނެތި ޗެކް ލިޔެ ދޫކޮށްފައިވާކަން ސާބިތު ކުރެވުނީ ކަމަށާއި އެކައުންޓްގައި ފައިސާ ނެތި މީލާދީ އަހަރެއްގެ ތެރޭގައި ފަސްޗެކް ލިޔެ ދޫކޮށްފި ނަމަ ބޭންކުގައިވާ، އެ ފަރާތެއްގެ އެކައުންޓް މުޅިން ބަންދު ކުރެވޭނެ ކަމަށް ވެސް ބިލުގައި ކަނޑައަޅާފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު