ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ފާރިޝް އަދި އަންހެން ސިންގަލްސް ޗެމްޕިއަންކަން އިރުފާ ހޯދައިފި

މިދިޔަ މަހުގެ 22 އިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ 19 ވަނަ އެސޯސިއޭޝަން ޓެނިސް ޗެޕްޕިއަންޝިޕްސްގެ ފިރިހެން ސިންގަލް ޗެމްޕިއަންކަން އަލީ ފާރިޝް އަދި އަންހެން ސިންގަލްސް ޗެމްޕިއަންކަން އާމިނަތު އިރުފާ ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅުނު ފިރިހެން ސިންގަލްސް ފައިނަލް މެޗުގައި ފާރިޝް ޗެމްޕިއަންކަން ހޯދީ ސާއީ ވަހީދުއާ ވާދަކޮށް މޮޅުވެގެންނެވެ. އަދި އިރުފާ ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި އާމިނަތު ރީމް ޝާމް އާ ވާދަކޮށްގެންނެވެ. 1998 ވަނަ އަހަރު އިސްދަރު ސްކޫލްގެ ފަރާތުން "މިނީ ޓެނިސް" މުބާރާތުގައި ބައިވެރިވެ، ޓެނިސް ކުޅުމުގެ ތެރެއަށް ނުކުތް އިރުފާ ބުނީ މުބާރާތުގެ ޗެމްޕިއަންކަން ދިފާއު ކުރެވުމުން ވަރަށް އުފާވާ ކަމަށާއި މިފަހަރުގެ މުބާރާތުން ޗެމްޕިއަންކަން ލިބުމުން، މެދު ނުކެނޑި އެ މުބާރާތުގެ ޗެމްޕިއަންކަން ފަސްވަނަ ފަހަރަށް ދިފާއު ކުރެވުނީ ކަމަށެވެ.

ކަލާފާނު ސްކޫލްގެ ފަރާތުން އިންޓާ ސްކޫލް މުބާތުގައި ބައިވެރިވެ ޓެނިސް ކުޅުމުގެ ތެރެއަށް ނުކުމެ އުމުރުން 16 އަހަރުގައި ގައުމީ ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށްފަހު އެ މުބާރާތުގެ ޗެމްޕިއަންކަން މެދުނުކެނޑި ދިހަވަރަކަށް ފަހަރު ހޯދާފައިވާ އަލީ ފާރިޝް ބުނީ، އެންމެ ކުޑައިރުސްސުރެވެސް އެކުޅިވަރަކަށް ޝައުގުވެރިކަން ހުންނަ ކުޅިވަރުގެ ޗެމްޕިއަންކަން އަލުން ލިބުމުން ވަރަށް ބޮޑަށް އުފާވާ ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރު މުބާރާތުގައި ބައިވެރި ނުވެނީ އަނިޔާގެ ސަބަބުން ކަމަށް ވެސް އޭނާ ބުންޏެވެ.

މިއަދު ނިމުނު ޓެނިސް ޗެމްޕިއަންޝިޕްގެ 45 އަހަރުން މަތީގެ ޑަބަލްސް ފައިނަލުގައި ދެ މުހައްމަދު މަނިކާއި ވާދަކޮށް ޗެމްޕިއަށްކަން ހޯދާފައި ވަނީ، އިބްރާހީމް ހުސައިން އާއި އިބްރާހީމް ޚާލިދުއެވެ. އަދި މުބާރާތުގެ އަންހެން ޑަބަލްސްގައި ރާޔާ އަހްމަދު މަންސޫރާއި އާމިނަތު ރީމް ޝާމް އާއި ވާދަކޮށް ޗެމްޕިއަންކަން ހޯދީ އާމިނަތު އިރުފާއާއި އީމާ އަބްދުއްސައްތާރުއެވެ. މިކްސްޑް ޑަބަލްސްގައި އަލީ ފާރިޝްއާއި އާމިނަތު ރީމް ޝާމް އާ ވާދަކޮށް ޗެމްޕިއަންކަން ހޯދީ އަހްމަދު ސާއީ ވަހީދުއާއި ރާޔާ އަހްމަދު މަންސޫރުއެވެ.

އެކި އުމުރު ފުރައަށް ބަހާލައިގެން 54 ފިރިހެން ކުޅުންތެރިންނާއި 29 އަންހެން ކުޅުންތެރިން ބައިވެރިވި 19 ވަނަ އެސޯސިއޭޝަން ޓެނިސް ޗެމްޕިއަންޝިޕް ނިންމުމަށްފަހު ވަނަވަނައަށް އައި ފަރާތްތަކަށް ތައްޓާއި ހަނދާނީ ލިޔުން ބައްސަވައި ދެއްވީ ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު ފަސީހުއާއި ރާއްޖޭގެ ކުރީގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އާމިރު މަންސޫރުއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު