ހަތަރެއް ސުމަކުން އޭވައިއެލް ބަލިކޮށް ވިކްޓަރީ ތާވަލުގެ ތިންވަނައަށް

ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ވިކްޓަރީ ސްޕޯޓްސް ކުލަބާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) ބައްދަލު ކުރިމެޗު، ހަތަރެއް ސުމަކުން އޭވައިއެލް ބަލިކޮށް ވިކްޓަރީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.

މިއަދުގެ މެޗުގެ ފުރަތަމަ މިނިޓުގައި ވިކްޓަރީގެ ފުތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވަޑް ޗިނެޑޫ އެމެނުއަލް ކާލޫއެވެ. އަދި އޭގެ އަށް މިނިޓުފަހުން ވިކްޓަރީގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހުސައިން ޝިމާޒު (ކޮކީ)އެވެ. ކޮކީ ލަނޑުޖެހިތާ މިނިޓެއްގެ ތެރޭގައި ވިކްޓަރީގެ ތިންވަނަ ލަނޑު އެ ކުލަބަށް ކާމިޔާބުކޮށްދިނީ ކަލޫ ތަނަވަސްކޮންދިން ފުރުސަތަކުން އިބްރާހިމް ޝަފްރާޒްއެވެ. އަދި މެޗުގެ 20 ވަނަ މިނިޓުގައި ވިކްޓަރީގެ ހަތަރުވަނަ ލަނޑު އެކުލަބަށް ކާމިޔާބުކޮށްދިނީ ހުސައިން ނިހާންއެވެ.

މިއަދުގެ މެޗުގައި ވިކްޓަރީ އިން ފުރަތަމަ ހާފުގައި ހަތަރު ލަނޑު ކާމިޔާބު ކުރިނަމަވެސް އޭވައިއެލްއިންވެސް ވަނީ ދާދި ހަމަހަމަ ކުޅުމެއް ދައްކައި އަދި ވިކްޓަރީގެ ހާފުތެރޭގައި ގިނަވަގުތު ބޯޅަ ގެންގުޅެ ވިކްޓަރީގެ ކޮޅަށް ނުރަށްކާ ކުރުވާފައެވެ. އަދި ހަމަ އެހެންމެ ހަތަރު ލަނޑުގެ ބުރަޔަކާއެކު ދެވަނަ ހާފު ފެށި އޭވައިއެލްގެ ގޯލަށް ފަހުހާފުގައިވެސް ވިކްޓަރީއިން ނުރައްކާތެރި ބޯޅަތަކެއް ފޮނުވާލިނަމަވެސް ދެވަނަ ހާފުގައި އެކުލަބަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި މެޗު ނިމުނީ ހަތަރެއް ސުމަކުން ވިކްޓަރީ ކުރީގައި އޮވެގެންނެވެ.

މިއަދުގެ މެޗުން ހަތަރެއް ސުމަކުން މޮޅުވި ނަމަވެސް ވިކްޓަރީގެ ކޯޗު ސްލޮވާކިއާގެ ވަލްޑަމީރު ގޮފާ ބުނީ އެ ކުލަބުގެ ކުޅުމާ ދޭތެރޭގައި އޭނާ އެއްވެސް ވަރަކަށް ހިތްހަމަ ނުޖެހޭ ކަމަށާއި އަދި ވިކްޓަރީގެ ފެންވަރު އެއްބަހުން އޭނާ ސިފަކުރާނަމަ ބުނާނީ އެއީ "މުސީބާތެއް" ކަމަށެވެ. އަދި ވިކްޓަރީ، ސްކޫލް މުބާރާތުގައި ވާދަނުކޮށް ދިވެހި ލީގުގައި މިހާރު އެކުޅެނީ ކުލަބުގެ "ނަސީބު ރަނގަޅުކަމުން" ކަމަށެވެ.

ގޮފާ އިތުރަށް ބުނީ، ތިންވަނަ ޑިވިޝަން ފެންވަރުގެ ކުޅުންތެރިން ތަކެއް ގޮވައިގެން ފުޓްބޯޅަ ކުޅޭނޭ ގޮތެއް ނޭނގޭ ކަމަށާއި، އެހެން ކަމުން އޭނާގެ ޓީމުން ކުޅޭ ފުޓްބޯޅައިގައި އެއްވެސް ކޮލިޓީއެއް ނެތްކަމަށެވެ. އަދި އޭނާ ގަބޫލު ކުރާގޮތުގައި އެ ކުލަބުގައި ތިބީ ރަނގަޅު އެންމެ ތިން ކުޅުން ތެރިން ކަމަށާއި އެއީ ގޯލް ކީޕަރަކާއި ދެ ސެންޓްރަލް ޑިފެންޑަރުން ކަމަށެވެ. ދެން ކުލަބުގައި ބާކީ ތިބީ ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަންގެ ލެވެލްގެ ކުޅުންތެރިން ކަމަށެވެ. އަދި މިއަދުގެ މެޗުން މޮޅުވީ ނަސީބު ރަނގަޅު ކަމުން ކަމަށާއި އެހެން ނަމަވެސް އިދިކޮޅު ޓީމުގެ ކުޅުން މާބޮޑަށްވެސް ރަނގަޅު ކަމަށް ގޮފާ ބުންޏެވެ.

ވިކްޓަރީއާ ދޭތެރޭގައި ގޮފާގެ ވާހަކަ އެގޮތަށް ހުރިކަމުގައި ވީނަމަވެސް އޭވައިއެލްގެ ކޯޗް، އަހުމަދު ނާޝިދު (ނާދު) ބުނީ ތަޖުރިބާ މަދު ކުޅުންތެރިން ތަކަކާއެކު ނުކުތް ކަމުގައިވީނަމަވެސް ވިކްޓަރީގެ ކުޅުން ރަނގަޅު ކަމަށާއި އަދި އޭނާގެ ޓީމު މިއަދުގެ މެޗުން އެފަދަ ބޮޑު ނަތީޖާއަކުން ބަލިވާން ދިމާވީ ޓީމުގެ ފަހަތަށް ކުޅޭ ތިން ކުޅުންތެރިއަކު ވަރަށް ބޮޑަށް އަނިޔާގައި ތިބުމުގެ ސަބަބުން ކަމަށެވެ.

ނާދު ފާހަގަކުރި ގޮތުގައި އޭނާގެ ޓީމު މިއަދުގެ މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން އިދިކޮޅު ޓީމުގެ ހާފުތެރޭގައި ކުޅުނު ކަމަށާއި އޭވައިއެލްއަށް ދިމާވާ އަނެއް މައްސަލައަކީ ޓީމުގައި ލަނޑު ޖަހާނޭ ރަނގަޅު ކުޅުންތެރިއެއް ނެތުން ކަމަށެވެ.

މިއަދުގެ މެޗުން މޮޅުވުމުން ވިކްޓަރީ ވަނީ މުބާރާތުގައި އެ ކުލަބު މިހާތަނަށް ކުޅުނު ފަސްމެޗުގެ ތެރެއިން ދެމެޗުން މޮޅުވެ، އެއްމެޗުން އެއްވަރުކޮށް ހަތް ޕޮއިންޓު ހޯދައިގެން ތާވަލުގެ ތިންވަނަ ހޯދާފައެވެ. އަދި ފަސްމެޗު ކުޅެގެން އެންމެ މެޗަކުން އެއްވަރުވެ ލިބުނު އެއް ޕޮއިންޓާއެކު އޭވައިއެލް އޮތީ ތާވަލުގެ ފުލުގައެވެ.

ދިރާގު ދިވެހި ލީގުގެ މެޗެއް ދެން އޮންނާނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެދުވަހު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ވާދަކުރާނީ 12 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާއި ހަ ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައި އޮތް ކުލަބު ވެލެންސިޔާއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު