އާތާ ބްރަދާސްގެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން ބުނެފި

ދުނިޔޭގެ އެކި ގައުމުތަކުގައި ސިޔާސީ އިސް ފަރާތްތަކާ ގުޅިގެން ބޮޑެތި ޖަރީމާތައް ހިންގުމުގެ އިތުރުން ޑްރަގްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކަމަށް ތުހުމަތު ކުރެވޭ، އަރްމީނިއާގެ، އާތާ ބްރަދާސްގެ ބަޔަކު ރާއްޖެ އައި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އާތާ ބްރަދާސްގެ މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ.

އާތާ ބްރަދާސްގެ ބަޔަކު ރާއްޖޭގައި އުޅޭ ކަމުގެ މައުލޫމާތު ލިބުމުން އެ މައުލޫމާތު ހިއްސާކުރަން ޖެހޭ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް މިދިޔަ ޖެނުއަރީ މަހު ހިއްސާކޮށްފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

އާތާ ބްރަދާސް އިން ވަނީ "އާތާ ބްރަދާޒް ވޯލްޑް ކަނެކްޝަން ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި ރާއްޖޭގައި ކުންފުންޏެއް ވެސް ރަޖިސްޓްރީކޮށްފަ އެވެ. އިކޮނަމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ ކުންފުނި ރަޖިސްޓްރީ ކޮށްފައި ވަނީ އަރުތޫރު ސަރުގެސިއަންއާއި، އާތަކް ސަރުގެސިއަންގެ ހިއްސާއާ އެކު ކަމަށެވެ.

ޓޫރިޒަމްގެ ވިޔަފާރި ކުރުމަށް ހުއްދަ ނަގާފައިވާ، އާތާ ބްރަދާޒް ވޯލްޑް ކަނެކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަސް ހިއްސާދާރުންގެ ތެރޭގައި ދިވެއްސަކު ހިމެނެ އެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 14 ވަނަ ދުވަހު ރަޖިސްޓަރީކޮށްފައިވާ ކުންފުނީގެ ދިވެހި ހިއްސާދާރެއްގެ ގޮތުގައި އެންމެ ފުރަތަމަ ހުރީ ހ. އެވާޗާންސް، އިސްމާއިލް ވަސީމެވެ.

އާތާ ބްރަދާޒްގެ ދެބެންނާއި، އިސްމާއިލް ވަސީމްގެ އިތުރުން ކުންފުނި ރަޖިސްޓްރީކުރި އިރު ހިއްސާދާރުންގެ ގޮތުގައި ބަޔާންކޮށްފައި ވަނީ ފަރަންސޭސިވިލާތުގެ ދެ މީހުން ކަމަށްވާ ގޮޑަޒިން ސަރުގެސިއަންއަކާއި އެޑްގާ ސަރުގެސިއަން އެވެ.

ކުންފުނީގެ ހިއްސާތައް ބަހާފައިވާ ގޮތަކީ އަރުމީނިއާގެ ދެބެންގެ ތެރެއިން އެކަކަށް ކުންފުނީގެ 61 ޕަސެންޓް ހިއްސާއާއި ދެވަނަ އާތާ ބްރަދާސް އަށް 19 ޕަސެންޓް ހިއްސާ އެވެ. ފަރަންސޭސި މީހުންގެ ތެރެއިން އެކަކަށް 10 އިންސައްތަ ހިއްސާ ދީފައިވާ އިރު، ފަރަންސޭސިވިލާތުގެ އަނެއް މީހާ އަށް ދީފައި ވަނީ ހަތް ޕަސެންޓް ހިއްސާ އެވެ. ކުންފުނީގައި ހިމެނޭ ދިވެހި ހިއްސާދާރަށް ދީފައި ވަނީ ތިން ޕަސެންޓް ހިއްސާ އެވެ.

އިކޮނަމިކް މިނިސްޓްރީގެ އޮފިޝަލު ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އިސްމާއިލް ވަސީމަށްވާ ތިން ޕަސެންޓް ހިއްސާ ވަނީ ހ. އެވާޕީސް، އަބްދުﷲ ޝައްފަތުއަށް ބަދަލުކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު