މިލޭނިއަމް ޑިވެލޮޕްމެންޓް ގޯލްސް ކާމިޔާބުކުރުމަށް ފިޔަވަޅުތައް އަވަސްކުރުމަށް އދ. އިން ގޮވާލައިފި

ދުނިޔެ އިން ފަގީރުކަން ނައްތާލުމަށް ކަނޑައަޅާފައިވާ މިލޭނިއަމް ޑިވެލޮޕްމެންޓް ގޯލްސް (ސާސްކަފުގެ ލަނޑުދަނޑިތައް) ހާސިލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އދ. އިން ގޮވާލައިފި އެވެ.

އދ. އިން މިކަމަށް ގޮވާލީ މިލޭނިއަމް ޑިވެލޮޕްމެންޓްގޯލްސް ހާސިލްކުރުމަށް ކަނޑައަޅާފައިވާ ތާރީހު އައުމަށް 1000 ދުވަހަށް ވުމުން އެކަން ފާހަގަކުރުމުގެ ގޮތުންނެވެ.

ރާއްޖޭގައި ހުންނަ އދ.ގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިލޭނިއަމް ޑިވެލޮޕްމެންޓް ގޯލްސް ހާސިލުކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ކަމަށްވާ 2015 ވަނަ އަހަރު ނިމެން، އިއްޔެ އާ ހަމައަށް 1000 ދުވަހަށް ވެފައި ވާތީ ރާއްޖޭގައިވާ ޔުނައިޓެޑްނޭޝަންސް ސިސްޓަމާއި ބައިވެރިން އެދުވަސް ފާހަގަކުރާ ކަމަށެވެ.

އަދި ބުނެފައި ވަނީ އެތާރީހީ ދުވަސް ފާހަގަކުރުމަށް ދުނިޔޭގެ ކަންކޮޅުތަކުގައިވާ އދ.ގެ އޮފީސްތަކާއި ސިވިލްސޮސައިޓީތަކާއި ބައިނަލްއަގުވާމީ ބައިވެރިން ތަފާތު އެކި ގޮތްގޮތަށް އެދުވަސް ފާހަގަކުރި ކަމަށެވެ.
ދުވަހާ ގުޅިގެން އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ދެއްވި ހިތާބުގައި ވިދާޅުވެފައި ވަނީ މިލޭނިއަމް "ޑިވެލޮޕްމެންޓް ގޯލްސް (އެމްޑީޖީ) އަކީ ފަގީރުކަން ނައްތާލުމަށް ދުނިޔޭގައި ކުރެވުނު އެންމެ ކާމިޔާ މަސައްކަތް" ކަމަށެވެ.

އެމްޑީޖީގައި ހިމެނޭ ކަންތައްތަކަކީ ތައުލީމީދާއިރާއާއި ޖެންޑާ ދާއިރާއާއި ހަމަހަމަކަމާއި ތުއްތުކުދިން މަރުވާ މިންވަރު މަދުކުރުމާއި ދަރިމައިވުމުގެ ސިއްހަތާއި އެޗްއައިވީ އެއިޑްސް އާއި މެލޭރިއާ ފަދަ ބަލިތަކާ ދެކޮޅަށް މަސައްކަތް ކުރުމާއި ތިމާވެށި ހިމާޔަތްކުރުމާއި ދުނިޔޭގެ ގައުމުތައް ގުޅިގެން މަސައްކަތް ކުރުން ފަދަ ކަންތައްތަކުގައި 2015 ވަނަ އަހަރު ނިމެންވާ އިރަށް ހާސިލުކުރަން ޖެހޭ ލަނޑުދަނޑިތަކެވެ. އެ ދާއިރާތަކުން ލަނޑުދަނޑިތަކެއް ކަނޑައަޅައި ހާސިލު ކުރުމަށް އދ.ގައި ހިމެނޭ ހުރިހާ ގައުމަކުން އެއްބަސްވެފައި ވަނީ 2000 ވަނަ އަހަރުއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު