ކޮރެޔަން ޕެނިންސިއުލާގައި ހަނގުރާމައެއް ފެށުމުގެ ފުރްސަތު ވަރަށް ކުޑަ

ވޮޝިންޓަން (މާޗް 6): އުތުރުކޮރެޔާގެ ހަރުކަށި އިންޒާރުތަކާއެކު ވެސް ކޮރެޔަން ޕެނިންސިއުލާގައި ހަނގުރާމައެއް ފެށުމުގެ ފުރްސަތު ވަރަށް ކުޑަކަމަށް އެންމެފަހުން އެމެރިކާ ވެސް ބުނެފި އެވެ.

ވައިޓް ހައުސްގެ ތަރްޖަމާން ޖޭ ކާނީ ވިދާޅުވީ އުތުރުކޮރެޔާ އިން އިތުރު ނިއުކްލިޔަރ ބޮމެއް ނޫނީ ދުރުރާސްތާގެ މިސައިލެއް ތަޖްރިބާކޮށްފާނެ ކަމަށާއި ނަމަވެސް އުތުރުކޮރެޔާ އިން ހަނގުރާމައެއް ފަށާފާނެ ކަމަށް ނުބެލެވޭކަމުގަ އެވެ. އެމެރިކާ މިހެން ބުނެފައި މި ވަނީ ފާއިތުވި ދެ ހަފްތާގައި އުތުރުކޮރެޔާ ދެމުންގެން ދިޔަ ހަނގުރާމައިގެ އިންޒާރުތަކާ މެދު ވަރަށް ސީރިޔަސްވެ ކަންބޮޑުވާކަން ހާމަކުރުމަށްފަހުގަ އެވެ. އަދި އުުތުރުކޮރެޔާ ދީފާނެ މިސައިލް ޙަމަލާތަކެއްގެ ދިފާޢުގައި ގުއާމްގައި މިސައިލް އައްޑަނައިގެ ނިޒާމެއް ރުކުރުވާލުމަށްފަހުގަ އެވެ.

އުތުރުކޮރެޔާ އިން ވަނީ ދެކުނު ކޮރެޔާއާ ދެކޮޅަށް ހަނގުރާމަ އިޢްލާންކޮށް ދެކުނު ކޮރެޔާ އާއި ގުވާމް އާއި ހަވާއި ގައިވާ އެމެރިކާގެ ޢަސްކަރީ މަރުކަޒުތަކަށް އިސްވެ ޙަމަލާދޭނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ. މީގެއިތުރުން އެމެރިކާގެ ބިރުދެއްކުންތައް ކުރިޔަށްދާ ނަމަ އެމެރިކާއާ ދެކޮޅަށް ނިއުކްލޮޔާ ޙަމަލާއެއް ދޭނެކަމުގެ އިންޒާރު ވެސް އުތުރުކޮރެޔާ ވަނީ ދީފަ އެވެ. މީގެއިތުރުން އުތުރުކޮރެޔާ ވަނީ ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް މެކުހަށް ޖަހައި ދެކޮރެޔާގެ ގުޅިގެން ޤާއިމްކޮށްފައިވާ ސިނާޢީ ސަރަހައްދުގެ މަސައްކަތް ހުއްޓާލައި ދުރުރާސްތާގެ ދެމިސައިލް ވެސް ތައްޔާރީ ޙާލަތަށް ގެނަސްފަ އެވެ.

މިހުރިހާ އިންޒާރުތަކަކާއެކު ވެސް އުތުރުކޮރެޔާގެ އެއް މިލިޔަން ސިފައިން ހިމެނޭ ބިޔަ ލަޝްކަރު ހަނގުރާމައަށް ތައްތާރުވަމުންދާ ކަމުގެ އެއްވެސް ހަރަކާތެއް ޢަމަލީގޮތުން ނުފެންނަކަން މުރާސިލުން ފާހަގަކުރެ އެވެ. އުތުރުކޮރެޔާގެ ހަނގުރާމައިގެ އިންޒާރުތަކާ ގުޅިގެން އެމެރިކާ ވަނީ ބީ ޓޫ މަރުކާގެ ނިއުކްލިޔާ ބޮންއަޅާ ބޯޓާއި ހަނގުރާމައިގެ ދެމަނަވަރު ދެކުނު ކޮރެޔާއަށް ފޮނުވާފަ އެވެ.

މުޙައްލިލުުން ބުނާ ގޮތުގައި އުތުރުކޮރެޔާގެ ޒުވާން ޒަޢީމް ކިމް ޖޮންގް އުންގެ އެއްމަޤްސަދަކީ ހަނގުރާމައިގެ އިންޒާރުތައް ދީގެން އޭނާގެ ވެރިކަމުގެ ބާރުތަކާއި ނުފޫޒު މުޅިދެކުނު ކޮރެޔާއަށް އިތުރަށް ހިންގުމެވެ. އަނެއް މަޤްސަދަކީ ނިއުކްލިޔާ ހަތިޔާރާއި ދުރުރާސްތާގެ މިސައިލް އިތުރަށް އުފައްދައި ތަޖްރިބާކޮށްގެން އެމެރިކާ ޖެހިލުންވާފަދަ ބާރުގަދަ ނިއުކްލިޔާ ގައުމަކަށް އުތުރުކޮރެޔާ ހެދުމެވެ. ހަނގުރާމައިގެ ޙާލަތުގައި ގައުމު ބާއްވައިގެން މިކަންކަން ކުރަން ފަސޭހަވާނެތީ އެވެ. އެމެރިކާ ޖެހިލުންވާ ފަދަ ނިއުކްލިޔާ ބާރަކަށް ވެއްޖެ ނަމަ އުުތުރުކޮރެޔާ ވެއްޖެ ނަމަ އެގައުމަށް ދޫދީ އުތުރުކޮރެޔާ އެކު ސުލްހައިގެ މުޢާހަދާ އެއްގައި ސޮއިކޮށް އިޙްތިރާމް ކުރަން އެމެރިކާ އަށް މަޖްބޫރުވާނެ ކަމަށް މިފަރާތްތަކުން ދެކެ އެވެ.
އެހެންކަމުން މުޙައްލިލުން ވަނީ އުތުރުކޮރެޔާގެ އިންޒާރުތަކާއެކު ވެސް އެގައުމުން ހަނގުރާމައެއް ފަށާނެކަމަށް ނުބެލެވޭ ކަމަށް ކުރިންވެސް ލަފާކޮށްފަ އެވެ. (ނޫސްއެޖެންސީތައް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު