ކޯލިޝަން ހެދުމަށް އަބަދުވެސް ޝައުގުވެރިކަން ހުރޭ: ޔާމީން

އެހެން ޕާޓީތަކާ އެކު ކޯލިޝަން ހެދުމަށް އަބަދުވެސް ޝައުގުވެރިކަން ހުންނަ ކަމަށް ޕިޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޔާމީން މިހެން ވިދާޅުވީ ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުންނެވެ.

ޔާމީން ވިދާޅުވީ ކޯލިޝަން ހެދުމަކީ އޭނާ ވަރަށް ޝައުގުވެރިވާ ކަމެއް ކަމަށާއި އެގޮތުން މީގެ ކުރިން ވެސް އެކަމަށް މަގުފަހިކޮށް ވާހަކަ ދައްކަވާފައިވާނެ ކަމަށެވެ. ނަމަވެސް ކޯލިޝަން ހަދަން ޖެހޭނީ ރިޔާސީ ޓިކެޓް ލިބުމުން ނޫންކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމީ ވަރަށް ޝައުގުވެރިކަން ހުންނަ މީހެއް ކޯލިޝަން ހެދުމަށް. އެއީކީ ކޮންމެހެން ޕާޓީ ޓިކެޓް ލިބުނީމާއެއް ނޫން. އޭގެކުރިން ވެސް ޕާޓީ ވަރުގަދަ ކުރަންޏާ ކޯލިޝަން ހަދަންވީ،" ޔާމީން ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ޕާޓީގައި ގިނަ މެންބަރުން ތިބެން ޖެހޭ ކަމަށާއި އަތޮޅުތެރެއަށް ވަޑައިގެން އެ ޕާޓީގެ މެންބަރުންގެ އަދަދު 31،000 އަށް އިތުރު ކުރެއްވީ އޭނާ އާއި އޭނާގެ ޓީމުން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

މިހާނަތަށް ބޭއްވި ބައި އިލެކްޝަންސްތައް ޕީޕީއެމް އަށް ކާމިޔާބުކޮށްދިނުމަށް ޔާމީން ވަރަށް ބޮޑު ދައުރެއް އަދާކުރައްވާފައިވާނެ ކަމަށާއި އެގޮތުން 19 ބައި އިލެކްޝަން ޕީޕީއެމް އިން ކާމިޔާބު ކޮށްފައި ވަނީ އޭނާ އިސްވެ ހުންނަވައިގެން ކުރެއްވި ބުރަ މަސައްކަތުން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.


ޑީއާރްޕީގައި އުޅުއްވި އިރު އާ ސިޔާސީ ޕާޓީއެއް ހެދުމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ އޭނާ ކަމަށާއި އުމަރު ނަސީރަކީ އެކަމާ ދެކޮޅު ހެއްދެވި ބޭފުޅެއް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އަދި ސަރުކާރުގެ އެކި ވުޒާރާތަކުގެ އިސް މަގާމްތައް އަދާކޮށް ނަތީޖާ ނެރެދީފައިވާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ފިނިކޮޓަރީގައި އޮންނަ ވާހަކަ އުމަރު ދައްކަވާ އިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމުން އެންމެ ފުރަތަމަ ކުރި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވެ، އެކަން ކުށްވެރިކޮށް އޭނާ ވާހަކަ ދައްކާފައިވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ މުޒާހަރާތައް ފެށިގެން ގޮސް ވަކި ހިސާބަކުން މަޑުޖެހެން ފެށުމުން މުޒާހަރާތައް ވަރުގަދަ ކުރުމަށް ޕީޕީއެމްގެ ތެރެއިން ވަކާލާތު ކުރެއްވީ އޭނާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު