ގެވެށި އަނިޔާގެ ބިލު: ލޯ މައްޗަށް ވެއްޓިފައިވާ ފަރުދާ ކަހައިލަނީ!

"ވަލްނަރަބަލް" ނުވަތަ ނާޒުކު މީހުންގެ ގޮތުގައި ގުނާލެވޭ އަންހެނުންނާއި، ކުޑަކުދިން އަދި މުސްކުޅިންނަށް ލިބޭ އަނިޔާތައް ހުއްޓުވާނެ މަގެއް ކޮށާލެވިއްޖެ ކަމަށް މިއަދު މަދަނީ ޖަމިއްޔާތަކުން ގަބޫލު ކުރެއެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ އިބްތިދާއީ ބަހުސް މަރުހަލާގައިވާ "ގެވެށި އަނިޔާ ހުއްޓުވުމުގެ" ބިލެވެ. މި ބިލަކީ، މަޖިލީހުގެ ތަޅުމުން ބޭރުވެ "ޑަސްބިނަ" ށް ވައްޓާލައި ބިލަކަށްވިޔަ ނުދިނުމަށާއި އެއްވެސް "ހުސްކަމެއް" ނެތް ބިލަކަށް ހެދުމަށް، ބައެއް މަދަނީ ޖަމިއްޔާތަކުން ވަނީ އަތުގުޅާލައިފަ އެވެ.


އާއިލާ ތެރޭ ހިންގާ އަނިޔާވެރި އަމަލުތަކާއި އަދި ދެމަފިރިން އެކަކު އަނެކަކަށް ކުރާ އަނިޔާތައް ހުއްޓުވައި، އެކަން ކުރާ ބަޔަކަށް ޝަރީއަތް މެދުވެރިކޮށް ހައްގު އަދަބު ލިބޭނެ ގޮތަށް ތައްޔާރުކޮށްފައިވާ މި ބިލުގެ ޒަރިއްޔާއިން، މުޖުތަމައު އިން އެފަދަ ކުށްތައް މަދުކުރެވޭނެ ކަމަށް ޖަމިއްޔާތަކުން ގަބޫލުކުރެ އެވެ.


ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލަށް ކެމްޕޭން ފަށާފައިވާ އެންޖީއޯތަކުގެ ތެރޭގައި ހިމެނޭ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ގެ ނަޝީތު ތޯހާ ވިދާޅުވީ، އެ ބިލަށް އެންޖީއޯ ތަކުން ބޮޑު އިސްކަމެއް ދެނީ، އެއީ ގޭތެރޭގައި އުޅޭ ވަރަށް "ނާޒުކު" ބަޔެއްގެ ހައްގުތައް ރައްކާތެރިކޮށްދޭ ބިލަކަށް ވާތީ ކަމަށެވެ.


އޭނާ ވިދާޅުވި ގޮތުގައި ގެވެށި އަނިޔާތަކުގެ ވާހަކައަކީ މަދުން ނޫނީ ނުދެކެވޭ ވާހަކައަކަށް ވިޔަސް އެއީ ރާއްޖޭގައި އާއްމުކޮށް ހިނގާ ކަމެކެވެ.


ގޭތެރޭގެ ފަރުދާގެ ފުރަގަހުގައި ހިނގާ އަނިޔާތަކުގެ ޝިކާރައަކަށް ގިނަ ފަހަރު ވަނީ އަންހެނުންނެވެ.  ރާއްޖޭގައި އަންހެނުންނަށް ކުރާ އަނިޔާ އާއްމުވެފައިވާ މިންވަރު ބެލުމަށް 2006 ވަނަ އަހަރު ޖެންޑާ ޑިޕާޓްމަންޓާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ގުޅިގެން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، އުމުރުން 15 އަހަރާއި 49 އަހަރާ ދެމެދުގެ ކޮންމެ ތިން އަންހެނެއްގެ ތެރެއިން އެކަކު ބުނެފައިވަނީ، އެމީހުންގެ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ޖިންސީ އަދި ޖިސްމާނީ އަނިޔާއާ ކުރިމަތިލާންޖެހޭ ކަމަށެވެ. އަދި އެ އުމުރު ފުރައިގެ ކޮންމެ ފަސް އަންހެނަކުން އެކަކު ބުނެފައިވަނީ، އެމީހުންގެ ބައިވެރިޔާ ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށެވެ.


ހަމަ އެ ދިރާސާއިން އެނގުނު ގޮތުގައި، 15 އަހަރާއި 49 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން މާބަނޑުވި 6.3 ޕަސަންޓު އަންހެނުން، އެމީހުން ބަލިވެއިން ދުވަސްވަރު، ބަނޑުގައި ކޮޅުފައިން ޖެހުން ފަދަ ތަފާތު އަނިޔާތަކުގެ ޝިކާރައަކަށް ވެފައި ވެއެވެ.


ކުޑަކުދިންނަށް ގޭތެރޭގެ މާހައުލުގައި ލިބޭ ނަފްސާނީ، ޖިސްމާނީ އަދި ޖިންސީ ހާނިއްކަތަކުގެ ވާހަކަ ކަމާބެހޭ މުއައްސަސާތަކުން ގެންދަނީ ތަކުރާރުކޮށް ފާހަގަކުރަމުންނެވެ. ހަމައެއާއެކު މުސްކުޅި މައިންބަފައިންނަށް ދަރިން އިހާނެތިކޮށް ހިތާ މައްސަލައަކީ ވެސް ހައްލެއް ލިބިފައި ނުވާ ބޮޑު މައްސަލަ އެކެވެ.  


ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މަޖިލީހަށް ވައްދާފައިވާ ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލުގެ ބޭނުމަކީ، މިފަދަ ކުށްތައް ޤާނޫނެއްގެ ތެރެއިން ކަނޑައަޅައި އުގޫބާތް ލިބޭނެ ގޮތް މަގުފަހިކޮށްދީ ޑޮމެސްޓިކް ވަޔަލެންސް މަދު ކުރުމެވެ. އެ މަގަށް ވާސިލްވުމަށްޓަކައި، ބޮޑެތި ބާރުތަކެއް ދީފައިވާ ގެވެށި އަނިޔާގެ ބިލު ދިރާސާކޮށް، އޭގައި ހުރި "ހުސްކަން" ފިލުވައި، ވީހާވެސް ފުރިހަމަ ގޮތެއްގައި އެ ޤާނޫނު ރައްޔިތުންނާ ހަމައަށް ގެނެސް ދިނުމަށް ކުރަން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް މިކަމުގައި ނަގާ ކިޔާ މަދަނީ ޖަމިއްޔާތައް ދަނީ ބުނަމުންނެވެ.


ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވަމުންދާ މޯލްޑިވިއަން ނެޓްވޯކް އޮން ވައަލެންސް އެގެއިންސްޓް ވިމެން އާއި ޑިމޮކްރެސީ ހައުސް އާއި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި، މޯލްޑިސް އެންޖީއޯ ފެޑެރޭޝަންގެ އިތުރުން ސޯސައިޓީ ފޯރ ވިމެން އެގެއިންސްޓް ޑްރަގްސް އަދި ތަފާތު އެހެން ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން މިމަހުގެ 22 އިން 23 އަށް ބަނޑޮސް ރިސޯޓުގައި މަސައްކަތު ބައްދަލުވުމެއް ބާއްވައި، ގެވެށި އަނިޔާގެ ބިލު ދިރާސާކުރުމަށް ވަނީ ނިންމާފަ އެވެ. ބޭނުމަކީ އެންމެ އެކަށީގެންވާ ގޮތެއްގައި ބިލު މަޖިލީހުން ފާސްކުރުމަށް ބާރު އަޅާނެ "ލޮބީން ޕްލޭން" އް އެކުލަވައިލުމެވެ.


"މިކަމުގައި އުޅުއްވާ ފަންނީ ބޭފުޅުން އެއްކޮށްގެން މި ބިލު ދިރާސާކޮށް، މި ބިލުގައި ހުރި ގެޕްތައް (ހުސްކަން) އައިޑެންޓިފައިކޮށް އަދި އޭގެ އިތުރުން ބިލުގައި ހުރި އަޅުގަނޑުމެން ދޫކޮށްލަން ބޭނުން ނުވާ މާއްދާތައް ހޯދައި އެ ހުރިހާ މާއްދާތަކަށް މަޖިލީހުގައި ނަގައި ކޮމިޓީއަށް ލޮބީކުރާ ޕްލޭނެއް އެކުލަވާލާނެ،" ކަމަށް އެމްޑީއެންގެ ޕާލިމެންޓް ވޮޗްގެ ޑިރެކްޓަރު ނަޝީތު ވިދާޅުވި އެވެ.


މި ބިލާ މެދު މަޖިލިސްގެ ތެރޭގައި މިހާރު ވެސް ހިޔާލުތައް ކަފިވެފައިވާތީ މަދަނީ ޖަމިއްޔާތަކުގެ "ބަސް" މަޖިލީހުން އަޑުއަހާނީ ކިހާވަރަކަށްތޯ އެއީ އުފެދޭ ސުވާލެކެވެ؟


ގެވެށި އަނިޔާގެ ބިލަކީ މުހިންމު ބިލެއް ކަމަށް މަޖިލީހުގައި ގިނަ މެމްބަރުން ފާހަގަކުރާއިރު ބައެއް މެމްބަރުން ވިދާޅުވަނީ، ބިލުގައި ކަނޑައަޅާފައިވާ އަދަބުތައް މާބޮޑު ކަމަށެވެ.


މިފަދަ ގާނޫނުތައް ހަދައި އަމަލު ކުރުމުގެ ސަބަބުން މުޖުތަމައުގައި އިތުރު ބައިބައިވުންތަކާއި އިތުރު ކުށްތައް އުފެދޭނެކަމަށާއި ކޮންމެ ކަމަކީ ގާނުނަކުން ހައްލު ކުރެވޭނެ ކަމެއްނޫން ކަމަށް ވެސް މެމްބަރަކު ވަނީ ވިދާޅުވެފަ އެވެ.


މި ބިލަށް ދެކޮޅު ހަދާނެ މީހުންގެ ލިސްޓުގެ ކުރީގައި "ދީނީ ހަރުކަށި ޚިޔާލުތައް ގެންގުޅޭ މީހުން ވެސް ހިމެނޭނެ" ކަމަށް މަދަނީ ޖަމިއްޔާތަކުން ފާހަގަކުރެ އެވެ. ނަމަވެސް، އިސްލާމް ދީނަކީ އަންހެނުންނަށް އޯގާތެރިވުމަށް ބާރުއަޅައި، އަދި އަންހެނުންނަށް އަނިޔާ ކުރުން ކަނޑައެޅިގެން ހަރާންކޮށްފައިވާ ދީނެއް ކަމަށް ގިނަ އިލްމެރިން އިއްތިފާގު ވެއެވެ.


އެމްއެންބީސީ ވަންގައި ދެއްކި ޕްރޮގްރާމެއްގައި އިސްލާމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝައިހު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިސްލާމްދީނުގެ ނަމުގައި، ދީން ރަނގަޅަށް އޮޅުން ފިލާފައި ތިބި ބަޔަކު އަންހެނުންނާ އިދިކޮޅަށް ވާހަކަ ނުދައްކާނެ ކަމަށާއި އެމީހުން އެގޮތަށް ވާހަކަ ދައްކާ އަންހެނުންނަށް އަނިޔާވެރިވަނީ ދީނުގެ ހުކުމްތައް ރަގަޅަށް ނޭގޭތީ ކަމަށެވެ.


"އިސްލާމީ ޝަރީއަތް މުތާލިއާކުރެވިގެން މިފަދަ ބިލެއް އަތުވެއްޖެނަމަ ވާނީ މުޖުތަމައު ވަރަށް ފައިދާ ހުރި ބިލެއް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ގޭގެ ވެށީގައި ހިނގާ އަނިޔާވެރި އަމަލުތަކަށް އިންސާފު ނުލިބި ދަނީ، ޤާނޫނެއް ނެތުމުން ނުވަތަ ބަލައި ފާރަވެރިވާ ފަރާތްތަކުގެ ފަރުވާކުޑަވުމުން އެކަންޏެއް ނޫނެވެ. އަނިޔާތަކުގެ މައްސަލަތައް ރިޕޯޓުކުރެވޭނެ ގޮތާއި ރިޕޯޓް ކުރެވޭނެ މިންވަރު ވެސް މަދުވެގެންނެވެ. އާއިލާތެރޭގައި ހިނގާ މިފަދަ އަނިޔާތައް ފޮރުވުމުގެ ސަގާފަތެއް އުފެދިގެންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް