މަހުދީ އަށް މިނިސްޓަރުގެ ނާއިބުކަން ދެއްވައިފި

ކްރަޕްޝަނަށް ތުހުމަތުކޮށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޗީފް އެގެޒެކެޓިވް އޮފިސަރު (ސީއީއޯ) މަހުމަދީ އިމާދު މަގާމުން ވަކިކުރިތާ 24 ގަޑި އިރު ވެސް ނުވަނީސް އޭނާ އަށް ޓްރާންސްޕޯޓް މިނިސްޓަރުގެ ނާއިބުގެ މަގާމު ދެއްވައިފި އެވެ.
މަހުދީ އަށް ޓްރާންސްޕޯޓް މިނިސްޓަރުގެ ނާއިބުކަން ދެއްވިކަން ރައީސް އޮފީހުން މިއަދު ވަނީ ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

މަހުދީ އެމްޕީއެލްގެ ސީއީއޯ މަގާމުން ވަކިކުރެއްވި އިރު އޭނާއާ އެކު އެމްޕީއެލް ބޯޑުގައި ތިއްބާވާ އަށް މެންބަރުންގެ ބޯޑު ވެސް ރައީސް ވަނީ މިދިޔަ ހަފްތާގައި އުވާލައްވައިފަ އެވެ.

އަށް މެންބަރުންގެ އެމްޕީއެލް ބޯޑުގައި ތިއްބެވީ އެމްޕީއެލްގެ މެނޭޖިންޑައިރެކްޓަރު އަދި ބޯޑުގެ ޗީފް އެގްޒެކެޓިވް އޮފިރު މަހުދީ އިމާދާއި ހ. ތެމާ މުހަންމަދު ޝިޔާމާއި ށ. ކޮމަންޑޫ ހިޔަލީގޭ އަބްދުލްމަތީން އަހުމަދާއި އިބްރާހިމް ޒަކީ (ހަޒާޝް ޒަކީ) އާއި ސ. ހުޅުދޫ ރިޔާޒާއި މ. މީދުއްފަރު އަހުމަދު ނާސިރާއި ދަފްތަރު ހުސައިން އަރީފާ އަދި މުހަންމަދު ހާޝިމެވެ.

އެމްޕީއެލްގެ ބޯޑު ރައީސް އުވާލައްވާފައި އެ ބޯޑު މެންބަރު މުހައްމަދު ޝިޔާމް ވަކިކުރެއްވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ރައީސް އަށް އިލްތިމާސްކޮށްފައި ވަނިކޮށެވެ. އޭނާ ބޯޑުން ވަކި ކުރެއްވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ރައީސަށް ހުށަހެޅުއްވީ އެ ކޮމިޝަނަށް ބޭނުންވާ، ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ލިޔުންތަކެއް ނުދިން ކަމަށް ކުރާ ތުހުމަތަކާ ގުޅިގެންނެވެ.

އެ މައްސަލައިގެ އިތުރުން އެމްޕީއެލްގެ ޗީފް އެގްޒެކެޓިވް އޮފިރު މަހުދީ އިމާދަށް 120،000ރ. އާއި 130،000ރ.ގެ މުސާރައެއް ބޯޑުން ކަނޑައެޅި ކަމަށް ބުނާ މައްސަލައެއް ވެސް ވަނީ މީޑިއާގައި ފެންމަތިވެފަ އެވެ.

މަހުދީ އަކީ ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މަސްއޫދު އިމާދުގެ ބޭބެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު