ޑރ. މުސްތޮފާ ލުތުފީ އަކީ އިސްލާމްދީނުގެ ހައިބަތު ފަނޑުކުރާ ބޭފުޅެއް! އޭނާ ވަޒީރުކަމުން ވަކިކުރުން ލާޒިމު!: ސަލަފު

އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސަތޮފާ ލުތުފީ އަކީ އިސްލާމްދީނުގެ ހައިބަތު ފަނޑުކޮށް ދިވެހި ރައްޔިތުންނަށް ހިޔާނާތްތެރިވަމުންދާ ބޭފުޅެއް ކަމަށާއި އޭނާ ވަޒީރު ކަމުން އަޒުލު ކުރުމަށް ލާޒިމުވެއްޖެ ކަމަށް ސަލަފު ޖަމިއްޔާއިން ބުނެފި  އެވެ.


ސަލަފުގެ ރައީސް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ސޮއިކުރައްވާ މިއަދު ނެރުނު ބަޔާނުގައި ބުނަނީ ޑރ. މުސްތޮފާ ލުތުފީ އަކީ އިސްލާމްދީނުގެ މައިގަނޑު އުސޫލުތަކަށް ބުރޫއަރާ ފަދަ ގޮތަކަށް ދިވެހި ތައުލީމީ އޮނިގަނޑު ފަރުމާކޮށް ރާއްޖޭގެ ގާނޫނު އަސާސީއަށް ރިޔާއަތްކުރުމަކާ ނުލައި ދިވެހި މުސްލިމުންގެ އިހުސާތަކާ ސީދާ އިދިކޮޅަށް ރާއްޖެއިން އިސްލާމްދީން ފަނޑުކޮށް އެންމެހާ ދީންތަކާއި އަގީދާތައް މިކްސް ކުރައްވާ ބޭފުޅެއް ކަމަށެވެ.


"...އަހުލާގާއި އަބުރުވެރިކަން ނެތި ގޮސްފައިވާ ދިވެހި ޖީލެއް ނުކުންނާނޭހެން ގައުމީ ސިޔާސަތުތައް ހީލަތްތެރިކަމާއެކު ބައްޓަން ކުރަމުން ދިވެހި ރައްޔިތުންނަށް ހިޔާނާތްތެރިވަމުންދާ މީހެއް ކަމުގައި ޖަމިއްޔަތުލް ސަލަފަށް ކަށަވަރުވެއްޖެ ހިނދު، އޭނާ އެ މަގާމުން އަޒުލުކޮށް އެއްކިބާ ކުރާން ލާޒިމުވެފައިވާކަން ދިވެހި ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަންގައި އިއުލާނު ކުރަމެވެ،" މުސްތޮފާ ލުތުފީ އާއި މުޅި ތައުލީމީ ސިޔާސަތަށް ފާޑުކިޔާފައިވާ ބަޔާނުގައި ވެއެވެ.


ސަލަފުގެ ބަޔާނުގައި ބުނެފައި ވަނީ 2009ގައި ބޭއްވި މަހާސިންތާގައި ސަލަފުން ބައިވެރިވި ކަމަށާއި އެ މަހާސިންތާގައި އިސްލާމީ އަގީދާ ވަރުގަދަ، ކުދިންތަކެއް އުފެއްދުމަށް އިއްތިފާގުވެފައިވާއިރު ޑރ. މުސްތޮފާ ލުތުފީގެ އިރުޝާދުގެ ދަށުން ނެރެފައިވާ ގަރާރުގައި އިއްތިފާގުވީ ގޮތާ ހިލާފަށް ދިވެހި ރައްޔިތުންނަށް ހިޔާނާތްތެރިވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ގައުމީ މަންހަޖު އިސްލާހު ކުރުމަށް މިހާތަނަށް ނިންމާފައިވާ ނިންމުންތަކާއި އެންމެހާ އިންތިޒާމުތައް ދަނީ އެކަންކަން ހިނގަންޖެހޭ އަމާންތެރި މަގުން ނޫން ކަމަށާއި އެކަން ހެއްކާ ގާރީނާއާއެކު ސަލަފަށް ކަށަވަރުވެފައިވާ ކަމަށް ބުނެފައި ވެއެވެ.


"...ރައްޔިތުންނަށް އެކަމުގައި މަކަރާއި ހީލަތާއި އޮޅުވާލުންތައް އޮޅުވާލަމުންދާކަން ހާމަވެފައިވާކަން ބުނަންޖެހެ އެވެ. ހަމަ އެހެންމެ ގައުމީ މަންހަޖު އެކުލަވައިލުމުގެ ޕޮލިސީ ކަނޑައެޅުމުގެ ހައްސާސް މަސައްކަތް ކުރަމުންދަނީ ގޮތް ނޭނގޭ ބޭރުގެ ކްރިސްޓިއަނުން ކަމަށްވެފައި އަދި އެކަން މިހާތަނަށް ސިއްރު ކުރެވިފައިވާކަމީ އެކަމާމެދު ދިވެހި ރައްޔިތުން ކަންބޮޑުވެ މުސްތަގުބަލާ މެދު ސުވާލު އުފެދޭނެ ކަމެއް ކަމުގައި ވެސް ދަންނަވަންޖެހެ އެވެ،" ބަޔާނުގައި ވެއެވެ.


ސަލަފުގެ ބަޔާން ބުނަނީ ގާނޫނު އަސާސީގެ ރޫހާ ހިލާފަށް ޑރ. މުސްތޮފާ ލުތުފީ، ދިވެހި އިސްލާމް މާއްދާ އިހުތިޔާރީކޮށް ރައްޔިތުންނަށް ސިހުމާއި ހައިރާންކަން ގެނުވައިފައިވާ ކަމަށާއި ރައްޔިތުން އެކަމާ އިހުތިޖާޖްކުރަން ފެށުމުން މީޑިޔާތަކުގައި ހަގީގަތް އޮޅުވާލާފައިވާ ކަމަށެވެ.


ތިން ގަނޑުގެ ބަޔާނުގައި، ފާހިޝް ކަންތައްތަކަށް މަގުފަހިވާނެ ގޮތަށް ދެ ޖިންސު މަސްހުނިކޮށް ތަރުބިއްޔަތުގެ މާހައުލެއް ނެތި ތައުލީމުގެ ސިޔާސަތު ރާއްޖޭގައި އާންމުކޮށް ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ދިވެހި ރާއްޖޭގެ ދަރިންގެ އަހުލާގާއި ތައުލީމު ހަލާކުވާނޭހެން ސިޔާސަތު ބައްޓަން ކުރުމުގެ އިތުރުން އެ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރުންގެ އަހުލާގު ވެސް ކިލަނބުކޮށް، އަބުރު ހަޑިވާ ފަދަ ކަންކަމަށް ޓީޗަރުންނަށް މަޖުބޫރު ކުރުވަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.


ބަޔާން ނިންމަމުން ބުނެފައި ވަނީ ޑރ. މުސްތޮފާގެ ފަރާތުން ވަކާލާތުކޮށް ދިފާއުކުރުމަށް މަސައްކަތްކުރާ ފަރާތަކަށް އެއްވެސް ހައިސިއްޔަތަކުން އެހީތެރިކަން ނުދިނުމަށް ސަލަފުން އިލްތިމާސްކުރާ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު