ދަރިންގެ ހަރަދަށް ދޭންޖެހޭ ފައިސާ 1000ރ. އަށް ބޮޑުކޮށްފި

އާއިލާއާ ބެހޭ ގަވާއިދު ދަށުން ދަރިންގެ ހަރަދުގެ ގޮތުގައި ދޭން ޖެހޭނެ ކަމަށް ކަނޑައެޅި 450ރ. ކުޑަ ކަމަށް ފާހަގަ ކުރެފައިވިގެން އެ ފައިސާ 1000ރ. އަށް ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީން ފާސްކޮށްފި އެވެ.

ގަވާއިދު ކޮމެޓީން ފާސްކޮށް، އާއިލާއާ ބެހޭ ގަވައިދުގެ 65 ވަނަ މާއްދާއަށް ގެނައި އިސްލާހުގައި ބުނަނީ ގިނަ ދަރިން ތިބޭ ކަމަށްވާނަމަ ކޮންމެ ކުއްޖަކު އުމުރުން 18 އަހަރު ފުރެންދެން ކުއްޖާގެ ހަރަދުގެ ގޮތުގައި ބައްޕަގެ ފަރާތުން ނަގައިދެވޭނީ މަދުވެގެން މަހަކު 1000ރ. ކަމަށެވެ. ނަމަވެސް އެންމެ ކުއްޖަކު ހުންނަނަމަ އެ ކުއްޖާއަށް 18 އަހަރު ފުރެންދެން 2000ރ. މަހަކު ހަރަދުގެ ގޮތުގައު ނަގައިދޭންޖެހޭނެ ކަމަށް ވެސް އެ ގަވާއިދަށް ގެނައި އިސްލާހުގައި ބުނެ އެވެ.

އާއިލާއާ ބެހޭ ގަވާއިދުގެ 63 މާއްދާއަށް ގެނައި އިސްލާހުގައި ބުނަނީ ވަރިކޮށްފައި އިންނަ އަންހެނާގެ އިއްދަ ހަމަވަންދެން އިއްދައިގެ ހަރަދަށް މަދުވެގެން މަހަކު 2000ރ. ދޭންޖެހޭނެ ކަމަށެވެ.

އާއިލާއާ ބެހޭ ގަވާއިދަށް އިސްލާހު ހުށަހަޅާފައިވަނީ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ. އެ އިސްލާހު ހުށަހަޅަންޖެހުނު ސަބަބު ބަޔާންކޮށް ރޮޒައިނާ ވިދާޅުވެފައި ވަނީ އާއިލާއާ ބެހޭ ގަވާއިދު އެންމެ ފަހުން އިސްލާހުކޮށްފައި ވަނީ 2006 އަހަރުގައި ކަމަށާއި ނަމަވެސް މިހާރު އޭގެ ފަހުން ހަ އަހަރުފާއިތުވެފައިވުމުން ތަކެތީގެ އަގަށް ބޮޑު ބަދަލުތަކެއް އައިސްފައިވުމުން އާއިލާއާ ބެހޭ ގަވާއިދަށް އިސްލާހު ގެންނަންޖެހޭނެ ކަމަށް ރޮޒައިނާ ވިދާޅުވެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު