ރައީސް ނަޝީދުގެ އަޑުން ވާހަކަ ދެއްކެވުނީ ގަސްތުގައެއް ނޫން: ޔާމީން

ޖަލްސާއެއްގައި ރައީސް ނަޝީދުގެ އަޑުފުޅުން ވާހަކަ ދެއްކެވުމުން އަމާޒުވި، އަދި އެކަމާ ގުޅިގެން އަމާޒުވަމުންދާ ހުރިހާ ފާޑުކިޔުންތަކެއް ބަލައިގަންނަ ކަމަށާއި އެއީ ގަސްދުގައި ކުރެއްވި ކަމެއް ނޫން ކަމަށް ޕީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.


ޑީއާރްޕީގެ ޖަލްސާއެއްގައި ޔާމީން ރައީސް ނަޝީދުގެ އަޑުފުޅުން ވާހަކަ ދެއްކެވީ މިދިޔަ ޖުލައި މަހު ޑީއާރްޕީން އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާއެއްގަ އެވެ. އެތަކެއް ސަތޭކަ މީހުންގެ ހާޒިރުގައި އެ ޖަލްސާގައި ޔާމީން އެ މޭރުމުން ވާހަކަފުޅު ދެއްކެވުމުން ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް ޔާމީނަށް ރައްދުވި އެވެ.


"އެކަމާ ގުޅިގެން އައި، އަދި އަންނަ ހުރިހާ ފާޑުކިޔުންތަކެއް އަޅުގަނޑު ގަބޫލު ކުރަން. އެކަމާ ދެކޮޅަށް އެއްޗެއް ބުނާކަށެއް ނެތިން،" ޔާމީން ވިދާޅުވި އެވެ.  


ޔާމީން ވިދާޅުވީ ޑީއާރްޕީ ޖަލްސާގައި އެ ރޭ ވާހަކަ ފެއްޓެވުނީ ސީރިއަސްކޮށް ކަމަށް ވިޔަސް އެ ރޭ ހުންނެވީ ވަރަށް ބޮޑަށް ސަމާސާ ކުރެއްވުމުގެ މޫޑެއްގައި ކަމަށެވެ.


ޑީއާރްޕީގެ އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހީމަށް ވެސް ޔާމީން އެ ރޭ ހަޖޫ ޖައްސަވާފައިވެ އެވެ. ހަމަ އެ ޖަލްސާގައި ގާސިމް ޔާމީނަށް ވެސް ހަޖޫޖެއްސެވި އެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ޔާމީން ވިދާޅުވީ އޭނާ އަކީ ވެސް އިންސާނެއް ކަމަށާއި އިންސާނުންނަށް ގޯސް ހެދޭނެ ކަމަށެވެ.


"އަޅުގަނޑަކީ ވެސް އިންސާނެއް އިންސާނުން ބްލަންޑާސް ހަދާނެ،" ޔާމީން ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ އެގޮތަށް ވާހަކަ ދެއްކެވުމުން އެވްރެޖް މީހުންނަށް މަޖާ ކަމަކަށްވި ނަމަވެސް ވިސްނުން ހުރި ރަނގަޅު މީހުންނަށް އެއީ ކަމުދާ ކަމަކަށް ނުވާނެ ކަން ގަބޫލުފުޅު ކުރައްވާ ކަމަށާއި އެކަމާ ގުޅިގެން ރައްދުވާ ހުރިހާ ފާޑުކިޔުމެއް ބަލައިގަންނަ ކަމަށެވެ.


"އެއީ އޮޓޯއިން ދިޔަ ކަމެއް. އަޅުގަނޑު ގަސްދުގައި ކުރި ކަމެއް ނޫން، އެއީ ދިޔަ ކަމެއް،" ޔާމީން ވިދާޅުވި އެވެ.


ރައީސް ނަޝީދުގެ އަޑުފުޅުން ވާހަކަ ދެކެވުނު ގޮތް ވެސް ޔާމީން ވަނީ ސަންއެފްއެމް އޮންލައިނަށް ވިދާޅުވެ ދެއްވައިފަ އެވެ. ވިދާޅުވީ ވަރަށް ފަހުން "އިހުތިޖާޖް"ގެ ނަމުގައި ދަތުރުތަކެއް ކުރި އިރު އުތުރުގައި އެމްޑީޕީގެ އެންމެ ވަރުގަދަ އެއް ރަށް ކަމަށްވާ ހއ. އިހަވަންދޫއަށް ވަޑައިގެންނެވުނު ކަމަށެވެ.


"(އިހަވަންދޫއަށް) އަޅުގަނޑުމެން ލެފިއިރު ވެސް ތިން ބަރިޔަށް ތިބި މީހުން ޑަބިޔާ ހިފައިހެން ފުރައްސާރަކުރަން ނުކުމެ. ހަމަ އެހެން އަޅުގަނޑުމެންގެ މީހުން ވެސް ތިބި، އެހެންވެ އެ ދަތުރުވެގެން ދިޔައީ ވަރަށް ވަރުގަދަ ދަތުރަކަށް. އެ ރަށުގައި ކުރިން ޑީއާރްޕީގެ ޖަލްސާތައް ވެސް ނުބޭއްވޭ،" ޔާމީން ވިދާޅުވި އެވެ.


ޔާމީން ވިދާޅުވީ އެ ރަށުގައި ޖަލްސާ ބޭއްވި އިރު ފީފާތަކާއި އެމްޕްލިފަޔަރުތައް ހިފައި ނުކުމެ އަޑުގަދަކޮށް ޖެއްސުން ކުރި އިރު ޖަލްސާ ގެންދިޔައީ ވަރަށް ފޯރީގައި ކަމަށާއި "އެއީ އެ ރަށް ފަތަހަ ކުރުންފަދަ ދަތުރެއް" ކަމަށެވެ.


"ފޯރި ގަދަކޮށް ދަނިކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޔޫސޭ (ޔޫސުފު އަބްދުލްޣަފޫރު) ކުރެއްވި ކަމަކީ އެމްޑީޕީގެ ފަސް ވައުދު އަންނިގެ އަޑުން ހަމަ އަންނި ވިދާޅުވާ ގޮތަށް ކިއީ. އެކަންވީ އަޅުގަނޑަށް ވެސް އެންމެނަށް ވެސް ވަރަށް މަޖާ ކަމަކަށް. އެ ދަތުރު މަތީގައި އަޅުގަނޑު ވެސް އެގޮތަށް ވާހަކަ ދައްކައި ބޮޑު ސަކަރާތްގަނޑެއްގެ ތެރޭގައި އުޅުނީ" ޔާމީން ވިދާޅުވި އެވެ. "އިހަވަންދޫގައި އެ ސަކަރާތްޖަހާފައި ދަތުރުމަތީގައި ވެސް އަންނިގެ އަޑުން ވާހަކަ ދައްކައި އުޅުމުގެ ތެރޭގައި އެހެންވީ. އެއީ އަޅުގަނޑު ގަސްދުގައި ކުރި ކަމެއް ނޫން. އެކަމަކީ އޮޓޯއިން ދިޔަ ކަމެއް."

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު