ފަޒާގައި ލަގްޒަރީ ޓޫރިސްޓް ހޮޓަލެއް

ޓޫރިސްޓުން ގޮތުގައި ޖައްވަށްދާ މަހުޖަނުން މިހާރު ދާންޖެހެނީ ފަޒާގައިވާ ބައިނަލްއަގުވާމީ ބަނޑަހަގެއަށެވެ. ނަމަވެސް ޖައްވަށްދާން ނިޔަތް ގަންނަ މަހުޖަނުންނަށް ދެން ފަޒާގެ ބަނޑަހަގެއަށް ގޮސް ފިތިގެން ހުންނާކަށް ނުޖެހޭނެ އެވެ. ޖައްވުގައި ޓޫރިސްޓް ލަގްޒަރީ ހޮޓަލެއް ހެދުމުގެ މަސައްކަތް ރަޝިޔާގެ ކުންފުންޏަކުން ދަނީ ހަލުއި ކުރަމުންނެވެ.


މި "ކޮސްމިކް ހޮޓެލް" ގެ ހުވަފެން ހަގީގަތަކަށް ހެދުމުގެ މަސައްކަތް ކުރަމުންދަނީ ރަޝިޔާގެ އޯބިޓަލް ޓެކްނޮލޮޖީސް (އޯބިޓެކް) އިންނެވެ. އެ ކުންފުނިން ބުނީ، ޖައްވީ ލަގްޒަރީ ހޮޓާ 2016 ވަނަ އަހަރު ތެރޭ ފަޒާގައި ގާއިމްކުރުމުގެ ގާބިލުކަން އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ. ވިހި ކިއުބިކް މީޓަރަށް ހަދާ މި ހޮޓަލުގައި ހަތަރު ބެޑްރޫމާއި، ޖުމްލަ ހަތް ގެސްޓުންގެ ޖާގަ ހުންނާނެ ކަމަށް އޯބޮޓެކް އިން ބުނެއެވެ.  


ޖައްވަށް ދަތުރުކުރަން ބޭނުންވާ މަހުޖަނުންނާއި ފަލަކީ އިލްމްވެރިންނަށާއި ރިސާޗް ކުންފުނިތަކަށް އަމާޒުކޮށްގެން ހަދާ، މި ހޮޓަލަށް ގެސްޓުން ގެންދާނީ، އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ނުވަތަ "ޖައްވީ ބަނޑަހަގެ" އަށް މީހުން ގެންދާ ފަދަ ޖައްވީ އުޅަނދެއްގަ އެވެ.


ހަބަރުތައް ބުނާ ގޮތުގައި، އޯބިޓެކް އިން މި މަސައްކަތް ހަވާލުކޮށްފައިވާ ޖެނެރަލް ކޮންޓްރެކްޓަރަކީ، ޖައްވީ އުޅަނދު އުފެއްދެމުގެ އެންމެ މަތީފަންތީގައި އުޅޭ ރަޝިޔާ ސަރުކާރުގެ ކުންފުންނި، އެނޭޖިޔާ އެވެ. އެހެން ހޮޓާތަކުގައި ލިބެން ހުންނަ ފަދަ ލަގްޒަރީ ހިދުމަތްތައް މި ކޮސްމިކް ހޮޓެލުން ވެސް ތަފާތެއް ނެތި ލިބޭނެ އެވެ. މި ހޮޓަލުގައި ގާއިމްކުރާ "ޖައްވީ ލޯތަކުގެ" އެހީގައި، ވަރަށް ގާތުން  ދުނިޔޭގެ މަންޒަރުތައް ހަމަލޮލާ ކައިރިކޮށްދޭނެ އެވެ.


ނަމަވެސް، ހޮޓާ ގާއިމްކުރަނީ ކިހިނެއްކަމާއި އެކަމަށް ހަރަދުވާނެ ފައިސާ އާއި ހޮޓަލުގައި ހުރުމަށް ހޭދަކުރަންޖެހޭ ފައިސާގެ އަދަދު މިހާތަނަށް އޯބިޓެކްއިން ހާމަކޮށްފަ އެއް ނުވެއެވެ.


މިއީ ފަޒާގައި ހޮޓަލެއް ހެދުމުގެ ވާހަކަދެކެވޭ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން  2007 ގައި އެމެރިކާގެ ކުންފުންޏަކުން ވެސް ވަނީ މިފަދަ ޕްރޮޖެކްޓެއް އެކުލަވައިލައި ޖައްވަށް އެކްސްޕެރިމެންޓަލް ސްޕޭސްކްރާފްޓެއް ފޮނުވާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް