ރާއްޖޭން ބޭރުގައި ބީއެމްއެލްގެ ޑެބިޓް ކާޑު ބޭނުންކޮށްގެން ފައިސާ ނެގޭ މިންވަރު 400 ޑޮލަރަށް އިތުރު ކުރަން ނިންމައިފި

ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑު ބޭނުންކޮށްގެން ބޭރުގެ ޕީއޯއެސް މެޝިންތަކުން ފައިސާ ނެގޭ މިންވަރު ދުވާލެއްގެ މައްޗަށް 200 ޑޮލަރުން 400 ޑޮލަރަށް އިތުރުކުރުމަށް ނިންމައިފި އެވެ.


ބީއެމްއެލްގެ އިއުލާނެއްގައި ބުނެފައި ވަނީ އެ ބޭންކުގެ ޑެބިޓްކާޑު ބޭނުންކޮށްގެން ބޭރުގެ ބޭންކްތަކުން މުއާމަލާތް ކުރެވޭނެ އަދަދަކީ، ދިވެހިންނަށް ރުފިޔާ އެކައުންޓަކުން ނަމަ ކުރިންވެސް އޮންނަ ގޮތަށް 200 އެމެރިކާ ޑޮލަރު ކަމަށެވެ. ނަމަވެސް އަންނަ ނޮވެންބަރު މަހުން ފެށިގެން ޕީއޯއެސް މެޝިންތަކުން ފައިސާގެ މުއާމަލާތްކުރެވޭ އަދަދު 400 ޑޮލަރަށް ބަދަލުކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ޑޮލަރު އެކައުންޓަކުން ނަމަ އެ ފަރާތެއްގެ އެކައުންޓުގައި ފައިސާ ބޭނުންކުރެވެން ހުރި އަދަދަކުން މުއާމަލާތް ކުރެވޭނެ ކަމަށް ވެސް ބީއެމްއެލުން ބުނެ އެވެ.


ބީއެމްއެލްގެ ކާޑް ސެންޓަރުގެ ހެޑް، މުހައްމަދު ޝަރީފު ވިދާޅުވީ 2009 ވަނަ އަހަރުގެ އޮގަސްޓް 20 ން ފެށިގެން ދޫކޮށްފައިވާ ބީއެމްއެލްގެ ޑެބިޓް ކާޑު ބޭނުންކޮށްގެން ބޭރު ބޭންކްތަކުގެ ޕީއޯއެސްތަކުން 400 ޑޮލަރު ނެގޭ ގޮތަށް ހަމަޖެއްސީ ރާއްޖޭން ބޭރުގައި ކާޑު ބޭނުންކުރާ ދިވެހިންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ. މީގެ އިތުރުން ބިދޭސީންނަށް ދިވެހި ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑު އެހެން ބޭންކްތަކުގެ އޭޓީއެމް އަދި ޕީއޯއެސް މެޝިނުން އެއްވެސް މުއާމަލާތެއް ނުކުރެވޭނެ ކަމަށް ބީއެމްއެލުން ބުނެ އެވެ. އަދި އެ ތާރީހުން ފެށިގެން ބިދޭސީންނަށް ޑެބިޓް ކާޑު ހަދައިދެވޭނީ ހަމައެކަނި ޑޮލަރު އެކައުންޓުން ކަމަށްވެސް ބީއެމްއެލްގެ އެ އިޢުލާންގައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު