ޑެފިސިޓް ބަޖެޓާއި އަޑިއަޅާލާފައިވާ އިގްތިސޯދު

ކޮންމެ އަހަރަކުވެސް ރާއްޖެ ކުރިމަތިލާން ޖެހެނީ ބޮޑު ޑެފިސިޓް ބަޖެޓަކާ އެވެ. މިދިޔަ އަހަރުގެ ބަޖެޓްވެސް ތިން ބިލިއަން ރުފިޔާއިން ޑެފިސިޓްވި އެވެ. މިއަހަރުގެ ބަޖެޓްވެސް 15.3 ބިލިއަން ރުފިޔާއަށް އަރާއިރު ބަޖެޓް ޑެފިސިޓް ގާތްގަނޑަކަށް މިދިޔަ އަހަރާއި އެއްވަރުވާނެ އެވެ. ބަޖެޓް އަހަރުން އަހަރަށް ޑެފިސިޓް ވުމަކީ ރާއްޖެ ކުރިމަތިލާން ޖެހޭ ބޮޑު މައްސަލަ އެކެވެ. އެ މައްސަލަ ސީރިއަސް ވަނީ ބަޖެޓާ އެއްވަރުގެ އުފެއްދުންތެރިކަމެއް ނުފެންނާތީ އެވެ. ކޮންމެ އަހަރަކުވެސް ބަޖެޓުން ބޮޑު ބައެއް ހޭދަވަނީ ރިކަރަންޓް ހަރަދުތަކަށެވެ. ބަޖެޓްގެ ދެ ބައިކޮށްފަ އެއްބަޔަށް ވުރެ ބޮޑު ބައެއް ހަރަދު ކުރަން ޖެހެނީ މުވައްޒަފުންގެ މުސާރަ އާއި ކަރަންޓް ބިލްތަކާއި އެހެނިހެންވެސް ސްޓޭޝަނަރީ ފަދަ ތަކެއްޗަށެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ މީގެ ނަތީޖާއަކީ އިގްތިސޯދަށް ކޮބައިބާ އެވެ؟

"ރިކަރަންޓް ހަރަދުތަކަށް މިދައި ބޮޑުބައި މިއީ ހަމަ އަންދާލާ ފައިސާއޭ ބުނެވިދާނެ. ކޮންމެ އަހަރަކު ބޮޑު ބަޖެޓެއް ހުށަހަޅާއިރު އެކަން އެގޮތަށް ވުމަކީ ގަބޫލުކުރެވޭ ކަމަކަށްނުވޭ. އެ ފައިސާއަކީ އޭގެން އަބުރާ އެކަށީގެންވާ ވަރުގެ ރިޓާންއެއް ލިބޭ އެއްޗެއް ނޫން. އެއީ އަޅުގަނޑުމެން ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވޭނެ ކަމެއްވެސް ނޫން. އަޅުގަނޑުމެން ޖެހެނީ މި ހާރު މިކުރެވޭ ހަރަދުތައް ކުޑަކުރަން،" ވިޔަފާރީގެ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ މިހާރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެފައިވެ އެވެ.

މިއަހަރުގެ ބަޖެޓްގެވެސް 70 ޕަސެންޓަކީ ރިކަރަންޓް ހަރަދެވެ. މިއަހަރުގެ ބަޖެޓް މަޖިލީހަށް ހުށަހެޅިއިރުވެސް ދަތުރުފަތުރަށް ކުރާ ހަރަދު ވަނީ ވަރަށް ބޮޑަށް ބޮޑުވެފަ އެވެ. މުވައްޒަފުންނަށް ކުރާ ހަރަދުވެސް އޮތީ 20 ޕަސެންޓް ބޮޑުވެފަ އެވެ. ދަތުރުފަތުރަށް އޮތް ހަރަދުތައް އެއަށްވުރެ ބޮޑެވެ. މުވައްޒަފުން ގިނަ ކުރިއަސް ހިދުމަތަށް ކުރާ ހަރަދު އިތުރު ކުރިއަސް ނިކުންނަ ނަތީޖާއެއް ނޯވެ އެވެ. ގައުމަށް އަންނަ އިގްތިސޯދީ ކުރިއެރުމެއް ނެތެވެ. ބިލެއްތޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ ވިދާޅުވެފައިވަނީ ބަޖެޓަށް ފައިސާ ކަނޑައަޅާއިރު އެންމެ ރަނގަޅަށް މަސައްކަތްކުރާ މުއައްސަސާތަކަށް ފައިސާ ހަމަޖައްސަން ޖެހޭ ކަމަށެވެ. އެ ނޫން މުއައްސަސާތަކަށް ފައިސާ މަދުކޮށް ބޭކާރު ހަރަދުތައް ކުޑަކުރަން ޖެހޭ ކަމަށްވެސް އޭނާ ގަބޫލުކުރައްވަ އެވެ.

"އެކްރޮސްދަ ބޯޑް (މުޅި ބަޖެޓުން) 15 ޕަސެންޓް ކަނޑާލާފައި އެންމެ ރަނގަޅަށް މީގައި މަސައްކަތްކުރާ މުއައްސަސާތަކަށް ފައިސާ ދިނުން މި މައްސަލަތަކަށް އޮންނާނެ ހައްލަކީ. އެ ނޫންގޮތަކުން މި މައްސަލަތަކަށް ހައްލެއް ނޯންނާނެ. އަޅުގަނޑުމެންނަކަށް އެފާޑެއް ނުކުރެވޭނެ ކޮންމެ އަހަރަކު ޓީބިލް ވިއްކައިގެން ބޮޑު ޑެފިސިޓަކަށް ފައިނޭންސް ކުރާކަން،" ހަމްޒާ ވިދާޅުވި އެވެ.

އެތައް އަހަރެއްގެ ޑެފިސިޓް ބަޖެޓްގެ ސަބަބުން ޕްރައިވެޓް ސެކްޓަރުވެސް ވަނީ ވަރުބަލިވެފަ އެވެ. ބޭންކްތަކުން އެތައް މިލިއަން ރުފިޔާއެއްގެ ޓީބިލް ކޮންމެ އަހަރަކުވެސް ސަރުކާރުން ގަންނަންޖެހެ އެވެ. އެމްއެމްއޭގެ ގަވަރުނަރު ފަޒީލް ނަޖީބުވެސް ކޮމެޓީގައި ވިދާޅުވެފައިވަނީ ޓީބިލް ގަނެ ބޭންކްތައް ވަރުބަލިވެފައިވާ ކަމަށާއި މުޅި ޕްރައިވެޓް ސެކްޓަރު ދައުލަތުގެ ދަރަނިން ފުނިޖެހިފައިވާ ކަމަށެވެ. މިއަހަރަކީ މުއްބާރު ކުރަން ޖެހޭ އަހަރެއް ކަމަށް އޭނާވެސް ފާހަގަ ކުރައްވަ އެވެ.

"ބައެއް ރިޒަވޭޝަން ބޭންކްތަކުން ބެހެއްޓުން ކަހަލަ މައްސަލަ އެބަދިމާވޭ. ދެން ޕްރައިވެޓް ސެކްޓަރުން ޑޮމެސްޓިކް ފައިނޭންސް މި ހޯދަނީ. މީގެ ސަބަބުން ބޭންކްތައް އެހެން ގޮސް އަމިއްލަ ވިޔަފާރިތަކުން ވަރަށް ބޮޑަށް މިތިބީ ކުރައުޑްވެފައި. ގިނަ ޓީ ބިލްތައް އެބަހުރި އެތައް ދުވަހެއްވެފައި ހުރި، އެހެންވީމާ ބަޖެޓްގައި ޕްރައިވެޓް ސެކްޓަރުން މިގޮތަށް ފައިނޭންސް ހޯދުމަށް އޮތް ނަމަވެސް އެ ފައިސާ ލިބުމަކީ ނާދިރު ކަމެއް،" ފަޒީލް ވިދާޅުވި އެވެ.

ނަމަވެސް ކުރިމަތިވަނީ އެހެން މައްސަލަ އެކެވެ. މަޖިލީހަށް 16.9 ބިލިއަން ރުފިޔާގެ ބަޖެޓް ހުށަހެޅީއިރު ބަޖެޓް 15.4 ބިލިއަން ރުފިޔާއަށް ކޮށާ މަށާލުމުން ވަރަށް މުހިންމު މުއައްސަސާތަކެއް ތިބެންޖެހެނީ އަތުކުރި އޮޅާލައިގެންނެވެ. ހާއްސަކޮށް މީރާ އާއި އޭސީސީ ފަދަ މުއައްސަސާތަކުގެ ޝަކުވާތައް ހުރީ އެހެންނެވެ. ނަމަވެސް ޝަކުވާ ކޯންޏެއް ފިނޭންސާ ހިސާބަށް އަޔަސް ކިތަންމެ ވަރަކަށް ކަރުދާހުގައި ފައިސާގެ އަދަދު ޖެހިޔަސް ހަގީގީ ފައިސާއެއް ހޯދޭނެ ތަންތަން އަތުން ގުނާލެވޭހާ މަދެވެ.

ރާއްޖެއަށް އާމްދަނީ ލިބެނީ ޓެކްސްއިން ކަމަށްވާއިރު އެފައިސާގެ ބޮޑު ބައެއް ދަނީ ރިކަރަންޓް ހަރަދުތަކަށް ކަމަށްވާއިރު ބާކީ ހުންނަ ފައިސާ ހޯދަން ޖެހެނީ ލޯނުގެ ގޮތުގަ އެވެ. ނޫނީ އަވަށްޓެރި ގައުމެއްގެ ހިލޭއެހީގަ އެވެ. ނޫނީ ކޮންމެވެސް ބޭންކަކުން ލޯނުނަގައިގެންނެވެ. ލޯނުގެ ވާހަކަ ދައްކާއިރު ވިސްނާލަންޖެހެ އެވެ. ގައުމުގެ ދަރަނީ ހުރީ "ރަތް މިންގަނޑުގަ" އެވެ. އެއީ ދެވަނަ ވިސްނުމަކަށް ދާންޖެހޭ ކަމެކެވެ.

"އަޅުގަނޑުމެންގެ ދަރަނީ މިހިރީ ރަތް މިންގަނޑުގައި. މި ނޫންގޮތަކަށް ގައުމުގެ އިގްތިސޯދު ކުރިއަށް ގެންދިޔުމުގައި އެބަ ވިސްނަން ޖެހޭ. އުފެއްދުންތެރިކަން އިތުރުކޮށް ކެޕިޓަލަށް ކުރާ ހަރަދު އިތުރުކުރުމަށް ވިސްނަންޖެހޭ. އޭރުން ފުދުންތެރި އިގްތިސޯދެއް އުފެއްދޭނީ. އެހެންނޫނީ ކޮންމެ އަހަރަކުވެސް ޖެހޭނީ ވަރަށް ދަތިކޮށް ކަންތައްތައް މެނޭޖްކުރަން،" ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވި އެވެ.

ގައުމަށް ކުރިމަތިވެފައި އޮތް އިގްތިސޯދީ އެންމެ ބޮޑު އެއްމައްސަލައަކީ އާމްދަނީ ނުލިބުމެއްވެސް ނޫނެވެ. ކޮންމެހެން ކުރަން ޖެހޭ ހަރަދުތަކެއް ކަމަށް ބުނެ ބޭކާރު ހަރަދުތައްވެސް ކުރެވޭކަމެވެ. އެއްވެސް ބަޔަކު ހަރަދު ކުޑަކުރުމަށް ނުވިސްނާތީ އެވެ. ހަރަދު ކުޑަކުރުމަކީ އެއްވެސް ބަޔަކު ބޭނުންވާ ކަމަކަށް ނުވުމެވެ. ގައުމުގެ އެންމެންވެސް ބޭނުންވަނީ ނުވާ ވަރުން ގައުމުގެ ކަންކަން ކުރިއަށް ގެންދާށެވެ. ނަމަވެސް ގައުމުގެ އިގްތިސޯދުގެ ވާހަކަ ދައްކާއިރު ކޮޑުގައި އެޅިފައި އޮތް ބޮޑު ބުރަ ބަޖެޓް ޑެފިސިޓް ހަމައަކަށް ފައްތަން ޖެހެ އެވެ. ކޮންމެ އަހަރަކު ބަޖެޓް ޑެފިސިޓް ބޮޑުވާނަމަ ގައުމުގެ އިގްތިސޯދުގެ މިސާލަކީ؛ "ފުންވަޅަކަށްވެއްޓިފައި އޮންނަ ބިޔަ އެތަކާ" އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް