ރައްޔިތުންނަށް ހިމާޔަތެއް ނެތް އިރު މެންބަރުންނަށް އިމްތިޔާޒު!

ތޫނު ހަތިޔާރުން މާރާމާރީ ހިންގުމާއި ވައްކަންކުރުމާއި ފޭރުމާ މިނޫން ވެސް ޖިނާއީ ކުށްތަކުގެ ގެއްލުން ލިބޭ ފަރާތްކަށް އިންސާފު ހޯދައިދީ ހައްގުތައް ރައްކާތެރި ކުރުމަށް ހަދަން ޖެހޭ ގިނަ ގާނޫނުތަކެއް ނެހެދި މަޖިލީހުގައި ވަނީ ތާށިވެފަ އެވެ. ނަމަވެސް އަހަރު ނިމި ޗުއްޓީ އަށް ދިއުމުގެ ކުރިން މަޖިލީހުން އަވަސް އަރުވާލައިގެން ކަހަލަ ގޮތަކަށް ފާސްކުރީ، މަޖިލީހުގެ އިމްތިޔާޒުގެ ބިލެވެ.

މަޖިލީހުން ފާސްކުރި މިބިލްގައި ކަންބޮޑުވާން ޖެހޭ ގިނަ ކަންތައްތަކެއް ވަނީ ފެންމަތިވެފަ އެވެ. މިސާލެއް ދަންނަވާލާނަމެވެ. ސަރުކާރުގެ މުވައްޒަފުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރަން ޖެހޭ ކަންކަން އެމީހެއްގެ އަމިއްލަ ވިސްނުމަށް ފެންނަ ގޮތަކަށް ކުރުމަކީ އެއީ ގާނޫނީ ގޮތުން މަނާކަމެކެވެ. އެ މީހުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ނިންމަން ޖެހޭ ނިންމުންތައް ނިންމަން ޖެހެނީ ކަމާ ބެހޭ އިދާރާތަކާ މަޝްވަރާކޮށް އެފަރާތްތަކުގެ ލަފާގެ މަތިންނެވެ. އެ އުސޫލުން ބޭރުން އަމަލުކުރާ ނަމަ އެފަދަ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަ އެވެ. އަދި ކުރެވޭ އެފަދަ އަމަލެއްގެ ސަބަބުން އާމްދަނީ ހޯދުމަށް އަދާކުރަމުންގެންދާ ވަޒީފާ އިން ވަކިވާ ހާލަތްތައް މެދުވެރިވެ އެވެ.

ނަމަވެސް މަޖިލީހުން ފާސްކުރި އިމްތިޔާޒުގެ ބިލުގައި މެންބަރުންނަށް ލިބިގެންވާ ޚާއްސަ އިމްތިޔާޒެއްކަމަށް ބުނެ މިއުސޫލާ ޚިލާފަށް މެންބަރުނަށް ވަނީ ޚާއްސަ ބާރުތަކެއް ދީފަ އެވެ. ހައްދެއް ނެތި މެންބަރުން ބޭނުން ވަރަކަށް މުސާރަ ބޮޑު ކުރުމުގެ ބާރު އިމްތިޔާޒު ބިލުން ވަނީ މަޖިލީހުގެ މެންބަރުންނަށް ދީފަ އެވެ.

ކިތަންމެ ވަރަކަށް މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކުރިއަސް އެއީ މައްސަލައެއް ނޫނެވެ. އެއީ އެއްގޮތަކަށް ވެސް ކުށެއް ނޫނެވެ. އިމްތިޔާޒުގެ ބިލްގައި ވާގޮތުން އެއީ ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެކެވެ.

ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވި ގޮތުގައި މިހާރު ވެސް އަމިއްލައަށް މުސާރަ ކަނޑައަޅައި ބޮޑު މުސާރަ ނަންގަވަމުން ގެންދަވާ މަޖިލީހުގެ މެންބަރުން ފާސްކުރެއްވި އިމްތިޔާޒުގެ ބިލުގައި އެބޭފުޅުންގެ މުސާރައާ އިނާޔަތްތައް އަމިއްލައަށް ކަނޑައަޅާފައި އޮތް އޮތުމަކީ އެއީ ރައްޔިތުންގެ މަސްލަހަތާ އެއްގޮތަށް އެބޭފުޅުން ކުރެއްވި ކަމެއް ނޫނެވެ.

އޭނާ ވިދާޅުވި ގޮތުގައި މެންބަރުނަށް ވެސް މުސާރަ ލިބިވަޑައިގަންނަވަނީ ރައްޔިތުންގެ ފައިސާ އިން ކަމަށްވާއިރު އެމީހަކު އަމިއްލައަށް ރައްޔިތުންގެ ފައިސާ އިން މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމަކީ އެއީ މެންބަރުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި މުސާރަ ކަނޑައަޅަން ޖެހޭނީ ގާނޫނަކުން ޕޭކޮމިޝަނެއް ހަދައި އެ މުއައްސަސާ މެދުވެރިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގާނޫނަކުން ޕޭކޮމިޝަނެއް ހަދައި މެންބަރުންގެ މުސާރަ ކަނޑައަޅާ ގޮތަށް ހަމަޖައްސަންވީ. އެމީހަކު އަމިއްލަައަށް އެމީހެއްގެ މުސާރަ ކަނޑަނޭޅޭނެ. އެއީ ރައްޔިތުންގެ ފައިސާ. އެހެންވީމާ ރައްޔިތުންގެ ފައިސާ އިން އެމީހުން އަމިއްލަ އަށް މުސާރަ ކަނޑައެޅުމަކީ އެއީ ވަފާތެރިކަމުގެ އަމަލެއް ނޫން،" ޝާހު ވިދާޅުވި އެވެ.

އަމިއްލައަށް މުސާރަ ކަނޑައަޅާ ގޮތަށް ހަމަޖައްސައި އެ ބިލް ފާސްކުރި އިރު މެންބަރުކަމުން ވަކިވެވަޑައިގަތުމުން ވެސް މެދު ނުކެނޑި އިނާޔަތްތަކެއް ލިބޭގޮތަށް ވެސް އެބިލްގައި ވަނީ ހިމަނާފަ އެވެ. އެގޮތުން މަޖިލީހުގެ އެއް ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް މާލީ އިނާޔަތުގެ ގޮތުގައި މެންބަރުންގެ މުސާރައިގެ 30 ޕަސެންޓް ދައުލަތުން ދޭންޖެހޭނެ ކަމަށް ކަނޑައަޅާފައި ވެ އެވެ. އަދި ދެ ދައުރު މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ މީހަކަށް މެންބަރުންގެ މުސާރައިގެ 45 ޕަސެންޓް ދިނުން ލާޒިމް ކުރާގޮތަށް ވެސް އެ ބިލްގައި ވަނީ ލިޔެވިފަ އެވެ.

މީގެ ކުރިން މަޖިލީހުން ފާސްކޮށްގެން އަމަލު ކުރަމުންދާ މަޖިލީހުގެ ގަވާއިދުގައި ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލައް މަޖިލީހަށް ހުށަހެޅިފައި އޮއްވާ މެންބަރަކު ހައްޔަރު ނުކުރެވޭނެ ކަމަށް ބުނެފައި އޮތެވެ. އެ ގަވާއިދުގައި އެގޮތަށް އޮތުމުން ޖިނާއީ ކުށެއް ކުރަނިކޮށް ފެންނައިރު ވެސް އެފަދަ ވޯޓެއް މަޖިލީހަށް ހުށަހެޅިފައި ވަނިކޮށް މެންބަރަކު ހައްޔަރު ނުކުރެވެ އެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައި އޮއްވައި ހދ. ހޮނޑައިދޫގައި ބަނގުރާ ކަމަށް ޝައްކު ކުރެވޭ ތައްޓެއް ހިފައިގެން ތިއްބާ މެންބަރުން ހައްޔަރު ކުރި އެވެ. ނަމަވެސް އެއީ ގާނޫނާ ޚިލާފަށް ފުލުހުން ކުރި ކަމެއް ކަމަށް ނިންމައި ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ހިނގާފައިވާ އެބާވަތުގެ އެހެން އަމަލެއް ތަކުރާރު ވުމުގެ ފުރުސަތު އަނެއްކާ ވެސް މިވަނީ ފަހިވެފަ އެވެ. އިމްތިޔާޒުގެ ބިލްގައިވާގޮތުން މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ މަޖިލީހުގެ ކޮމެޓީގެ މަސައްކަތަކަށް ނޫންނަމަ މަޖިލީހުގެ ރަސްމީ އެއްވެސް މަސައްކަތަކަށް ހުރަސް އެޅޭފަދަ ގޮތަކަށް މެންބަރަކު ޝަރުއީ ކޯޓަކަށް ހާޒިރެއް ނުކުރެވެ އެވެ. އަދި މަޖިލިހުގެ ގޯތިތެރޭގައި މެންބަރަކު ހުއްޓާ ޝަރުއީ ކޯޓަކަށް ހާޒިރުވުމަށް އެ މެންބަރަކަށް ޗިޓު ފޮނުވުމަކީ މަނާކަމެއް ކަމަށް ވެސް އެ ބިލްގައި ވަނީ ކަނޑައަޅާފަ އެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވިގޮތުގައި އިމްތިޔާޒުގެ ބިލްގައި އެފަދަ މާއްދާއެއް ހިމަނަން މެންބަރުން ނިންމެވީ ސިޔާސީ ބޭނުންތަކަށް ތަންތަނަށް މެންބަރުން ހާޒިރު ކުރުން ހުއްޓުވުމުގެ މަގުސަދުގަ އެވެ. ނަމަވެސް މިހާރު އެ މާއްދާ ލިޔެވިފައި އޮތްގޮތުން ޝަރުއީ ހުކުމްތައް ގާއިމް ކުރުމާ އަދުލު އިންސާފު ގާއިމް ކުރުމަށް ދޭންޖެހޭ ފުރުސަތުތައް ވަރަށް ބޮޑަށް ހަނިކޮށް އެފަދަ ފުރުސަތުތައް ބަންދު ކުރެވިފައިވާކަމަށް އިމްރާން ވިދާޅުވެ އެވެ.

"އިމްތިޔާޒުގެ ބިލްގެ ތި މާއްދާގެ ބޭނުން ހެޔޮގުތުގައި ކުރުމަށް ވުރެ އަޅުގަނޑަށް ގަބޫލު ކުރެވޭނީ ތި މާއްދާ ބޭނުން ކުރެވޭނީ ޝަރުއީ ހުކުމްތައް ގާއިމްކުރުމާ އަދުލު އިންސާފު ގާއިމް ކުރުމަށް ދެވެންޖެހޭ ފުރުސަތުތައް ވަރަށް ބޮޑަށް ހަނިކުރުމެއް ކަމަށް. އަދި އެފުރުސަތުތައް ބަންދުކޮށްލުން ކަމަށް. ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކަށް ޝަރުއީ ކޯޓެއްގައި ގާނޫނީ ކަމެއްގައި ޖަވާބުދާރީ ވުން މަނާ ކުރާ ގޮތަކަށް އޮތުމަކީ ހަގީގަތުގައި ލިބިދޭންޖެހޭ އިމްތިޔާޒެއް ކަމަކަށް އަޅުގަނޑުގެ ބުއްދިއަކަށް ގަބޫލެއް ނުކުރެވޭ. ޝަރުއީ ކޯޓެއްގައި އިންސާފުވެރިކަމާ އެކު ގާނޫނީގޮތުން ޖަވާބުދާރީ ވާންޖެހޭ ކަމެއްގެ ކުރިމައްޗަށް އިންސާފުވެރިކަމާ އެކު ޖަވާބުދާރީ ވާން ދެވެން ޖެހޭނެ،" އިމްރާން ވިދާޅުވި އެވެ.

މަޖިލީސް ޗުއްޓީ ނޫން ދުވަސްތަކަށް ބަލާއިރު ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހާ ހަމައަށް މަޖިލީހުގެ ޖަލްސާތައް އޮވެ އެވެ. އަދި ރޭގަނޑު މަޖިލީހުގެ ކޮމެޓީގެ މަސައްކަތްތައް ވެސް އޮވެ އެވެ. އާދީއްތަ ދުވަހާއި ބުރާސްފަތި ދުވަހުގެ ދުވާލާއި ރޭގަނޑުގައި ވެސް ކޮމެޓީގެ މަސައްކަތްތައް އޮވެ އެވެ. އެހެންކަމުން މަޖިލީސް ހުޅުވިފައި އޮންނަ ދުވަހެއްގައި ޝަރީއަތަށް ހާޒިރުވުމަށް މެންބަރަކަށް ޗިޓެއް ފޮނުވައިފި ނަމަ މަޖިލީހުގެ ރަސްމީ މަސައްކަތްތަކެއް ހުރިކަމަށް ބުނެ ބަހަނާ ދައްކަވައި ކޯޓަށް ހާޒިރުނުވެ ހުރުމުގެ ފުރުސަތު ވަނީ ލިބިދީފަ އެވެ. އަދި މަޖިލީސް ހުޅުވިފައި އޮންނަ ދުވަހެއްގައި ކޯޓަށް ހާޒިރު ނުވިޔަސް އެ މެންބަރަކު ހައްޔަރު ކޮށްގެން ޝަރީއަތަށް ހާޒިރު ކުރެވޭނެ ގޮތެއް ވެސް އެ ގާނޫނުން ހަނިކުރެވެ އެވެ.

ސިޔާސީ އިސް ލީޑަރެއްކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާތަނަށް އަމަލު ކުރައްވާފައިވާ ގޮތަށް ބަލާއިރު މަޖިލީހުގެ ބައެއް މެންބަރުންގެ ކިބައިން މިފަދަ ކަންތައްތަކެއް ފެނިގެން ދިއުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ޝަރީއަތަށް ހާޒިރުވެވަޑައިގަތުމަށް ނަޝީދަށް ޗިޓް ފޮނުވުމުން އެއީ ގާނޫނާއި ޚިލާފު ކޯޓެއް ކަމަށް ކަމަށާއި އެހެންކަމުން އެ ކޯޓަށް ހާޒިރު ނުވާނެ ކަމަށް ވިދާޅުވެ އަތޮޅު ތެރެއަށް ފުރާވަޑައިގަތެވެ. އެންމެ ފަހުން އެމަނިކުފާނު ޝަރީއަތަށް ހާޒިރުކުރަން ޖެހުނީ ހައްޔަރު ކޮށްގެނެވެ.

ނަޝީދުގެ ފަރާތުން މިސާލު ނަންގަވައިގެން ގާނޫނުގައި ލިޔެވިފައި އޮންނަ ކުޑަކުޑަ ތަންކޮޅެއްގައި ހިފައިގެން ޝަރީއަތަށް ހާޒިރު ނުވެ ހުރުމަކީ މަޖިލީހުގެ މެންބަރުން އުފައްދަވާނެ ޝަގާފަތެއްކަށް ވުން ކައިރި އެވެ. އެއީ މަޖިލީހުގެ ގިނަ މެންބަރުންތަކެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ފަދަ ދައުވާތައް އުފުލިފައިވުމެވެ. މެންބަރުންގެ މައްޗަށް މިހާރު އުފުލިފައިވާ ދައުވާތައް ޝަރީއަތަށް ސާބިތު ވެއްޖެ ނަމަ އެ ބޭފުޅުންގެ ގޮނޑި ގެއްލުމުގެ ބިރު އޮތުމުން މެންބަރުންނަށް ކޯޓުތައް ވާނީ ބިރަކަށެވެ. މެންބަރުންނާ ކުރިމަތިވާ އެފަދަ ކޮންމެ ބިރަކުން ސަލާމަތްވުމަށް ދައްކާނެ ރަނގަޅު ބަހަނާތައް މެންބަރުން އުފައްދަވަ އެވެ. ފުލުހުން ހައްޔަރުކޮށްފިނަމަ މަޖިލީހުގެ ގަވާއިދެވެ. ބޮޑު ޖަރީމާއެއް ހިންގާފައިވެސް އިމްތިޔާޒެވެ. މަޖިލީހުގެ މެންބަރުން ސިފަވަނީ ރައްޔިތުންގެ ނަމުގައި ނިކުމެ ހިތުހުރި ގޮތަކަށް އަމަލުކުރާ ބަޔަކަށެވެ. ނަމަވެސް ރައްޔިތުން 24 ގަޑިއިރުވެސް އުޅެން ޖެހެނީ ބިރުވެރިކަމުގަ އެވެ. މަގުތަކުގެ އަމާންކަމެއް ނެތެވެ. ކުށްވެރިން ތިބީ ގާނޫނީ އެކި ބާގަނޑުތަކުން ނުކުމެ މަގުތަކަށް ދޫވެފަ އެވެ. އެކަމަކު މަޖިލިސް މެންބަރުންނަށް އެސްޕީޖީ ބޮޑީ ކާޑުންނެވެ. ރައްޔިތުން ހޮއްވެވުމުން އެބޭފުޅުން އެ ތިއްބަވަނީ ފުރިހަމަ ރައްކާތެރި ކަމުގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް