މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އަތުލުމުން ޖީއެމްއާރަށް ބޮޑު ގެއްލުމެއް!

ޖީއެމްއާރުގެ ވެރިޔާ ގުރަންދީ މައްލިކަރުޖުނާ ރާއޯ އަކީ އިންޑިޔާގައި އުފެދުނު މިޒަމާނުގެ އެންމެ ވަރުގަދަ އެއް ވިޔަފާރިވެރިޔާ އެވެ. އަދި ހަމަ އެހެންމެ ރާއޯ އަކީ އެއާޕޯޓް އިންފްރާ ސްޓްރަކްޗާ ދާއިރާގެ ތެރެއަށް ވައިން އިންޑިޔާގެ ފުރަތަމަ ވިޔަފާރިވެރިޔާ ވެސްމެ އެވެ.

ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް މޮޑެލްގެ ދަށުން ސީމަންސް ކުންފުންޏާ އެކު ހަދާފައިވާ ކޮންސޯޓިއަމް އަކުން ބެންގަލޫރުގައި އާ އެއާޕޯޓެއް ހެދުމުގެ ކޮންޓްރެކްޓެއް ކާމިޔާބު ކުރުމުގެ ދެ އަހަރު ކުރިން ރާއޯ ވަނީ 2002 ވަނަ އަހަރު އޭނާގެ ނިސްބަތްވާ ހައިދަރުއާބާދުގެ ވެރިކަންކުރާ އަންދްރާ ޕްރަދޭޝްގައި އާ އެއާޕޯޓެއް ހެދުމަށް ކޮންޓްރެކްޓެއް ހަދާފަ އެވެ.

އެގޮތުން ރާއޯގެ ޖީއެމްއާރު އިންފްރާސްޓްރަކްޗާ އިން މިފަހަކަށް އައިސް ތަފާތު ޖޮއިންޓު ވެންޗާ ޕާޓުނަރުންނާ އެކު ހަތަރު ވަރަކަށް އެއާޕޯޓް ހިންގަން ފަށާފައިވެ އެވެ. އެއީ ހައިދަރުއާބާދުގެ ރަޖީވްގާނދީ އިންޓަނޭޝަނަލް އެއާޕޯޓާއި، ދިއްލީގެ އިންދިރާގާންދީ އިންޓަނޭޝަނަލް އެއާޕޯޓާއި، ތުރުކީގެ އިސްތަންބޫލުގައި އޮންނަ ސަބީހާ ގޮކްޗެން އިންޓަނޭޝަނަލް އެއާޕޯޓާއި ދިވެހި ރާއްޖޭގައި އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓެވެ.

އިންޑިޔާގެ ހަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި ޓޮލް ރޯޑްސް އާއި ޕަވަޕްލާންޓްތައް ވެސް އޮޕަރޭޓްކުރާ ޖީއެމްއާރު ކުންފުނީގެ އެއާޕޯޓްތައް އޮޕަރޭޓްކުރާ ބަޔަށް 2011/2012ގައި ވަނީ 557.9 ކުރޯޑް އަދި މިހިނގާ ފިސްކަލް އަހަރުގެ ފުރަތަމަ ހާފްގައި 47.5 ކުރޯޑް ރުޕީސްގެ ގެއްލުންވެފަ އެވެ.

ޖީއެމްއާރުގެ ހާލަތު އެންމެ ބޮޑުވެގެން ދިޔައީ 2010 ވަނަ އަހަރުގެ ޖޫން މަހު ޖީއެމްއާރާއި މެލޭޝިޔާގެ އެއާޕޯޓް ހޯލްޑިންގްސް ބަރުހާދުގެ ޖޮއިންޓު ވެންޗާ ޕާޓްނާޝިޕަކުން މާލޭ އިންޓަނޭޝަލް އެއާޕޯޓު ތަރައްގީކޮށް ހިންގުމަށް ދިވެހި ސަރުކާރާއެކު ހަދާފައިވާ އެއްބަސްވުން ހުސްވި އަހަރުގެ ނޮވެމްބަރު މަހު ދިވެހި ސަރުކާރުން އުވާލުމާއި ގުޅިގެންނެވެ.

މާލޭ އިންޓަނޭޝަނަލް އެއާޕޯޓަކީ ޖީއެމްއާރުން ހިންގާ ހަތަރު އެއާޕޯޓުގެ ތެރެއިން އެންމެ ބޮޑަށް ފައިދާ ލިބެމުން ދިޔަ އެއާޕޯޓެވެ.

ޖީއެމްއާރުގެ މި ހިނގާ ފައިނޭންޝަލް އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން ޖުމުލަ ފައިދާގެ ގޮތުގައި 82.9 ކުރޯޑް ރުޕީސް ލިބިފައިވާ އިރު ހައިދަރު އާބާދު އެއާޕޯޓުން ފައިދާގެ ގޮތުގައި ލިބުނީ 19.9 ކުރޯޑް ރުޕީސް އެވެ. އަދި ދިއްލީ އެއާޕޯޓުން 90.8 ކުރޯޑް ރުޕީސް ގެއްލުންވި އިރު އިސްތންބޫލު އެއާޕޯޓުން ވެސް ވަނީ 45 ކްރޯޑް ރުޕީސް ގެއްލުންވެފަ އެވެ.

ހަމަ އެހެންމެ ދިއްލީ އެއާޕޯޓާއި ހައިދަރުއާބާދު އެއާޕޯޓާ އަޅާ ބަލާ އިރު މަދު ފަސިންޖަރުން ކޮޅެއް މާލޭ އިންޓަނޭޝަނަލް އެއާޕޯޓަށް އައި ނަމަވެސް ޑޮލަރުން ބޮޑެތި ލޯނުތައް ހޯދުމަށް ފަސޭހަވުމާއި އެކި ގޮތްގޮތުން ނެގޭ އިންޓަރެސްޓްތަކާއި ބޮޑު ފީތަކުގެ ސަބަބުން ޖުމުލަ ގޮތެއްގައި ރާއްޖޭގެ އެއާޕޯޓުން ޖީއެމްއާރަށް ދިޔައީ އިންތިހާއަށް ބޮޑު ފައިދާ ވަމުންކަމަށް ބެންގަލޫރުގެ ޗާޓާޑް އެކައުންޓަންޓެއް ކަމަށްވާ ވިވެކް މަލްޔާ އާއި ހަވާލާދީ އިންޑިޔާގެ ބިޒްނަސް ޓްޑޭގައި ލިޔެފައިވެ އެވެ.

ޖީއެމްއާރުގެ އެއާޕޯޓްސް ތަކާބެހޭބައިގެ ޗީފް ފައިނޭންޝަލް އޮފިސަ ސިދަރަތު ކަޕޫރާ ހަވާލާދީ ބުނެފައި ވަނީ "ދިވެހިރާއްޖޭގައި ޖީއެމްއާރަށް ކުރެވުނު ތަޖުރިބާގެ ސަބަބުން ބޭރުގައުމުތަކުގައި އެކުންފުނިން ކުރަމުންގެންދާ ވިޔަފާރިތައް އިތުރަށް ފުޅާކުރުމަށް ކުރަމުންގެންދާ މަސަކަތް ހުއްޓާ ނުލާނަން" ކަމަށެވެ.

ޖީއެމްއާރަށް ދިވެހިރާއްޖޭގައި ހިތި ތަޖުރިބާއެއް ކުރަންޖެހުނީ ރާއްޖެއާ އެކު ޖީއެމްއާރުން އެއްބަސްވުމެއްގައި ސޮއިކުރި އިރު ރަނގަޅު ދިވެހި ކުންފުންޏަކާ އެކު އެކުންފުންޏަށް ޕާޓްނާޝިޕް ހެދިފައި ނުވާތީ ކަމަށް އެ ދާއިރާ ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

"ތުރުކީގައި ޖީއެމްއާރާ އެކު އެ ގައުމުގެ ލިމަކު ހޯލްޑިންގް އިން ވަނީ ޕާޓްނާޝިޕް ހަދާފައި، އެކަމަކު ދިވެހިރާއްޖޭގައި ޖީއެމްއާރާ އެކު އެފަދަ ލޯކަލް ޕާޓްނާޝިޕެއް ނެތް" ކޮންސަލްޓިން ފާމްއެއް ކަމަށްވާ ކޭޕީއެމްޖީގެ ހެޑް އޮފް އޭވިއޭޝަން އެމްބާ ޑުބޭ އާއި ހަވާލާދީ ބިޒްނަސްޓުޑޭގައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް