ހޯރަފުށީގައި 70 އަހަރުގެ މީހަކު މަރާލުން: ރަހުމު ކުޑަ ޖަރީމާ އެންމެ މަތީ ދަރަޖައިގައި ތަހުގީގު ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވައިފި

ހއ. ހޯރަފުށީގައި 70 އަހަރުގެ މީހަކަށް އަނިޔާކޮށް މަރާލި ހާދިސާއަކީ ވަރަށް ނުބައި، ރަހުމު ކުޑަ ޖަރީމާއެއް ކަމަށާއި އެކަން އެންމެ މަތީ ދަރަޖައިގައި ތަހުގީގު ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ފުލުހުންނަށް އަންގަވައިފި އެވެ.


ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވީ ހޯރަފުށީގައި އަނިޔާކޮށް މީހަކު މަރާލި ހަބަރު ރައީސް ނަޝީދަށް މިއަދު ލިބިވަޑައިގަތުމުން ކަންބޮޑުވުން ފާޅުކުރައްވައި އެކަމާ ވަރަށް ހިތާމަފުޅު ކުރެއްވި ކަމަށެވެ. އަދި މި ހާދިސާއާ މެދު ވަގުތުން ފިޔަވަޅު އަޅައި އެންމެ މަތީ ދަރަޖައިގައި ތަހުގީގު ކޮށްދެއްވުމަށާއި މަރުގެ ހަގީގަތް ހޯއްދަވައިދެއްވުމަށް ފުލުސް ކޮމިޝަނަރު އަހުމަދު ފަސީހަށް ދަންނަވައިފައިވާ ކަމަށެވެ.


"އެކަމާ ގުޅިގެން ފުލުންގެ މަތީ ފެންވަރުގެ ޓީމެއް ހޯރަފުއްޓަށް ދަރުކުރަމުން އެބަދޭ މިހާރު ރައީސް އެދިވަޑައިގެންނެވި ގޮތަށް އެ ތަހުގީގު ހިންގުމަށް،" ޒުހައިރު ވިދާޅުވި އެވެ.


ޒުހައިރު ވިދާޅުވީ މަރާލާފައި އޮއްވާ ފެނުނު މީހާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެ ކެތްތެރިކަމާއެކު ތިބުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ. މި މަރާ ބެހޭ ގޮތުން ރައީސްގެ ބަޔާނެއް މިއަދުގެ ވަގުތެއްގައި އާންމު ކުރައްވާނެ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.


ހޯރަފުށީގައި އަނިޔާކޮށް މަރާލުމަށްފަހު ފަޅު ގެއެއްގެ ތެރެއަށް އެއްލާލައިފައި އޮއްވާ ފެނުނީ އެ ރަށު ސީވިއު، ހުސެން މަނިކެވެ. އޭނާއަކީ ހާޑްވެއާ އާއި ތެލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ވިޔަފާރިވެރިއެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު