"ސިސްޓަމް އެރާ" ހައްލުކޮށް ބޯޑަރާ މެދު އިތުބާރު އުފައްދަން ޖެހިފައި

ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ "އެރާ"އަކުން ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ސިސްޓަމުން ދެއްކުމަކީ އާކަމެއްނޫނެވެ. މީގެ އަހަރުތަކެއް ކުރިން ވެސް ދޭތެރެ ދޭތެރެއިން ސިސްޓަމަށް ދިމާވާ މައްސަލައެކެވެ. ކޯޓު އަމުރަކުން ޕާސްޕޯޓް ހިފަހައްޓާވައިވާ މީހެއްގެ ޕާސްޕޯޓްގެ ބަދަލުގައި އެހެން މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ބޯޑާ ކޮންޓްރޯލް ސިސްޓަމުން ދައްކާފައި އެބަހުއްޓެވެ. މިގޮތަށް ދިމާވަނީ އިމިގްރޭޝަންގެ މުވައްޒަފުންގެ ފަރުވާ ކުޑަކަމުން ހެއްޔެވެ؟ ނޫނީ ލިޔުމުގެ ޓައިޕިން މިސްޓޭކަކުން ހެއްޔެވެ؟ މިކަމުގައި ޒިންމާ ނަގާނީ ކޮން ބައެއްހެއްޔެވެ؟

މިފަދަ އެރާއެއްގެ ސަބަބުން ރާއްޖެ އިން ބޭރަށް ދާން ބޭނުންވާ މީހަކަށް ނުފުރި، އެމީހެއްގެ ނުވަތަ އެމީހާގެ އާއިލާގެ މެމްބަރެއްގެ ފުރާނައަށް ނުރައްކާ ވާފަދަ ހާލަތެއްގައި ސިސްޓަމްގެ އެރާއެއް އަރާނަމަ އިމިގްރޭޝަން ޑިޕާޓްމަންޓަށް ދިވެހީންނާއި ބިދޭސީން ކުރަމުންދާ އިތުބާރު ގެއްލިގެންދާނެ އެވެ.

ދާދި ފަހުން އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެއާޕޯޓަށް ވަޑައިގަތުމުން އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ސިސްޓަމުން ދައްކާތީ މިދިޔަ ހުކުރު ދުވަހު އެމަނިކުފާނަށް ވެސް ވަނީ ފުރާވަޑައިގެންނެވޭނެ ގޮތް ނުވެފަ އެވެ. ރައީސް ނަޝީދު ފަދަ ގައުމުގެ ސީނިއާ ސިޓިޒަންއެއްގެ ދަތުރުފުޅު ކެންސަލް ވުމުން އިމިގްރޭޝަންގެ މަސައްކަތާ މެދު ވަނީ ސުވާލު އުފެދެން ފަށާފަ އެވެ.

ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ހަސަން ލަތީފް ވިދާޅުވި ގޮތުގައި ރައީސް ނަޝީދަށް ފުރާވަޑައިގެންނެވޭނެ ގޮތް ނުވީ ބޯޑާ ކޮންޓްރޯލް ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް އިމިގްރޭޝަނުން ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ރައީސް ނަޝީދު ފުރާވަޑައިގަތަނުދިނުމަށް ސިޔާސީ ގޮތުން އެ ދުވަހު ކުރެއްވި ކަމެކެވެ.

"ބޯޑާ ކޮންޓްރޯލް ސިސްޓަމަށް އެ ޑޭޓާ އެންޓާ ކުރުމާއި، އެ ސިސްޓަމުން ފެންނަ އެއްޗަކާ އެދުވަހު އެކަންތައް ހިނގި ގޮތަކާ އެއްވެސް ގުޅުމެއް އޮތްކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. ބޯޑާ ކޮންޓްރޯލް ސިސްޓަމުގެ ވާހަކައަކީ މިކަމުގައި އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫން. ރައީސް ނަޝީދަށް ކުރިމަތި ކުރުވި ކަމަކީ މުޅިން އެހެން ކަމެއް. އެއީ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ ތެރެއިން ދިމާވި ޓެކްނިކަލް މައްސަލައެކޭ އެބޭފުޅުން ވިދާޅުވިޔަސް އަޅުގަނޑެއް ގަބޫލެއް ނުކުރަން. އެއީ އެދުވަހު ރައީސް ނަޝީދަށް ފުރާވަޑައިނުގެންނެވުމަށް ސިޔާސީ ގޮތުން އެދުވަހު ކުރެއްވި ކަމެއް،" ހަސަން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި ކޮންމެ ފަރުދަކަށް ނަމަވެސް ރާއްޖެ އިން ބޭރަށް ދެވޭގޮތަށް ކޯޓުން ހުއްދަ ދީފައިވާ ނަމަ އެއްވެސް އެރާއަކާ ހެދި އެމީހެއްގެ ފުރުން ހުއްޓުވައިގެން ނުވާނެ އެވެ. އަދި އެކަހަލަ ކަންތައް ދިމާވަނީ "އެހާވަރަށް އަކުރާއި ފިލީގައި ހިފައިގެން އުޅޭތީ" ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.

"އަޅުގަނޑު ދެކޭގޮތުގައި އޭނައަށް ކޯޓުން ފުރޭނެކަމުގެ ހުއްދަ ދޫކޮށްފައި އޮވެއްޖެ ކަމަށްވަންޏާ ސިސްޓަމް އެރާ އަކާ ހެދި ނޫނީ ހިއުމަން އެރާ އަކާ ހެދިއެއް މީހަކު ނުހުއްޓުވޭނެ. ކޯޓުން ދޫކޮށްފައި އޮތް ލިޔުމެއް އިމިގްރޭޝަން އޮފިސަރަށް ދެއްކީމަ އޭނައަށް ފުރެން ޖެހޭނެ. މީގައި މުހިންމީ ކޮންމެހެން އިމިގްރޭޝަނަށް އެ ސިޓީ އެއްވެސް ޒަރިއްޔާއަކުން ލިބިފައި އޮތުމެއް ނޫން. މުހިންމީ އޭނާއަށް ފުރައިގެން ދެވޭނެ ކަމުގެ ހުއްދަ ލިބިފައި އޮތުން. އެހާވަރަށް އަކުރާއި ފިލީގައި ހިފައިގެން އުޅެންޏާ ލަނޑު ލިބޭނޭ،" ނަޝީދު ވިދާޅުވި އެވެ.

ބޯޑާ ކޮންޓްރޯލް ސިސްޓަމަށް ދިމާވާ މިފަދަ ޓެކްނިކަލް މައްސަލަ ތަކުގެ ސަބަބުން އެތައްބަޔަކަށް މިފަދަ ދަތިތަކާ މީގެ ކުރިން ވެސް ވަނީ ކުރިމަތިވެފަ އެވެ. ރައީސް ނަޝީދުގެ ދަތުރުފުޅުން އެކަން އާންމުންނާ ހަމައަށް ތިލަވިޔަސް މިއީ އާންމު ތުއްތުރާލަކަށް ވަނީވެފަ އެވެ. ކުރިމަގުގައިވެސް މިކަން ތަކުރާރު ނުވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.

ނަންނުޖެހުމަށް ޝަރުތުކޮށް އިމިގްރޭޝަންގެ އިސްއޮފިޝަލަކު ވިދާޅުވީ ރައީސް ނަޝީދަށް ފުރާވަޑައިގެންނެވޭގޮތް ނުވުމުން އެކަން ގިނަ ބައެއްގެ ސަމާލުކަމަށް އައިކަމަށް ވިޔަސް އެއީ އާކަމެއް ނޫނެވެ. އޭނާ ވިދާޅުވިގޮތުގައި މީގެކުރިން އެތަކެއް ރައްޔިތުންނަށް މިފަދަ ދަތިތަކާ ކުރިމަތިވެފައިވާއިރު މިކަން ދިމާވަނީ ބައެއް ފަހަރު އިމިގްރޭޝަންގެ މުވައްޒަފުންގެ ފަރުވާ ކުޑަކަމުން ނޫނީ ސިސްޓަމްގެ ދޯދިޔާކަމުންނެވެ.

"މުހައްމަދު ނަޝީދަކީ ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅެއްކަމަށް ވާތީ އެމަނިކުފާނަށް އެފަދަ ކަމެއް ދިމާވުމުން ގިނަ ރައްޔިތުންގެ ސަމާލުކަމަށް އެކަން އައީ. ނަމަވެސް އެއީކީ އާކަމެއް ނޫން. އެއީ ހަމައެކަނި މިއަހަރު ދިމާވެފައި ވާކަމެއް ވެސް ނޫން. މިދިޔަ އަހަރާއި އޭގެ ކުރީގެ އަހަރުތަކުގައި ވެސް އެބަހުރި މިފަދަ ކަންތައްތަކެއް ދިމާވެފައި. މިއީ އިމިގްރޭޝަންގެ ކަމާ ބެހޭ މުވައްޒަފުން ތަންކޮޅެއް ފަރުވާކުޑަވުމުން ދިމާވާކަމެއް،" އޮފިޝަލް ވިދާޅުވި އެވެ.

މިކަންކަން ހައްލު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ. މި މައްސަލަ ދުވަހެއް ދުވަހަކަށް އިތުރުވާ ނަމަ ރާއްޖޭގެ ރައްޔިތުންނެކޭ އެއްގޮތަށް ބޭރުގެ ފަރާތްތަކަށް މިދަތިކަން އިހުސާސް ކުރަންޖެހުމަކީ ވެދާނެ ކަމެވެ. ޚާއްސަކޮށް ރާއްޖެ އަށް އަންނަ ޓޫރިސްޓުންނަށް މިފަދަ ދަތިތަކާ ކުރިމަތިވެއްޖެ ނަމަ އެކަމުގެ އަސަރު ފަތުރުވެރިކަމަށް ވެސް ކުރާނެ އެވެ. އެހެންކަމުން މިފަދަ ކަންތައް ތަކުރާރުވިޔަ ނުދިނުމަކީ މުހިންމު ކަމެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް