ހޯރަފުށީގައި 70 އަހަރުގެ މީހަކަށް އަނިޔާކޮށް މަރާލުން: ހުސޭނުބޭ މަރާލާފައި ވަނީ އެކިވަރުގެ ގިނަ އަނިޔާތަކެއް ކުރުމަށްފަހު

20:28 ހުސޭނުބެ މަރާލާފައި ވަނީ ވަރަށް ގިނަ އަނިޔާތައްކޮށް އިހާނެތި ގޮތަކަށް ކަމަށާއި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ވަރަށް މުހިންމު މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނެފައި ވަނީ ހުސޭނުބެ އެއްލާލާފައިވާ ފަޅު ގޭތެރެއިންނާއި އެނޭގެ ދިރިއުޅޭ ގޭ ތެރެއިން ވެސް މުހިންމު މައުލޫމާތުތައް ލިބިފައިވާ ކަމަށެވެ. މަރުގެ މި ހާދިސާއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް  ނުކުރެ އެވެ.


 


ހއ. ހޯރަފުށީ ވިޔަފާރިވެރިއަކު ފަޅު ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވާ މިއަދު ފެނިއްޖެ އެވެ. އޭނާ ފެނިފައި ވަނީ ހެނދުނު 7:15 ގައެވެ.


ހޯރަފުށިން މައުލޫމާތު ލިބޭ ގޮތުގައި މަރާލާފައި ވަނީ އެ ރަށު ވިޔަފާރިވެރިއެއް ކަމަށްވާ އެ ސީވިއު، ހުސެން މަނިކު، ،70، އެވެ. ބައެއް ފަރާތްތަކުން ހުސެން މަނިކުގެ އުމުރަކީ 61 އަހަރު ކަމަށް އަދި 81 އަހަރު ކަމަށް ވެސް ބުނަމުން ދެ އެވެ. ނަމަވެސް ގިނަ މީހުން ބުނެފައި ވަނީ ހުސެން މަނިކުގެ އުމުރުން ވާނީ 70 އަހަރު ކަމަށެވެ.


ހޯރަފުށިން ވާހަކަ ދެއްކި މީހަކު ބުނީ ހުސެން މަނިކު މަރާލާފައި އޮއްވާ ފެނުނީ އޭނާގެ އަމިއްލަ ގެ ވެސް ހުންނަ ބަގީޗާމަގުގައި ހިޔާ ނުކޮށް ހުރި ފަޅު ގެއެއްގެ ކޮޓަރިއެއްގެ ތެރެއިން ކަމަށެވެ. ރަށުގެ ބަނދަރު މަތީގައި ހުންނަ އޭނާގެ ތެޔޮ ފިހާރަވެސް ހުންނަނީ އެ މަގުގަ އެވެ.


އޭނާ ބުނީ ހުސައިން މަނިކު ފެނުނުއިރު އޮތީ ބަނޑުވަތަށް ކަމަށާއި ހަށިގަނޑުގެ ބޭރުން ޒަހަމެއް ފެންނަން ނެތް ކަމަށެވެ. ނަމަވެސް ސިއްހީ މަރުކަޒަށް ގެންދަންވެގެން ނެގިއިރު މޫނުމައްޗާއި އަނގައިގައި ގިނަ އަދަދަކަށް ލޭ ހުރި ކަމަށެވެ. މީގެ އިތުރުން ދެއަތް ބަނދެފައިވާކަން އެނގޭ ވަރަށް ދެ އަތުން ވެސް ހަން ގޮސްފައިވާ ކަމަށެވެ.


"ކައިރީގައި އޮތް ބަންނަ ރޯލެއް ވެސް އަދި ފޮތިގަނޑެއް ވެސް. ލަފާކުރެވެނީ ބަނުމަށް ފަހު ކޮށާލާފައިވާ ކަމަށް،" ހޯރަފުށިން ވާހަކަ ދެއްކި މީހާ ބުންޏެވެ.


ސަންއެފްއެމް އޮންލައިނަށް ލިބިފައިވާ ހުސެންމަނިކުގެ ފޮޓޯތަކުން ވެސް ފެންނަނީ އޭނާ ބަނުމަށް ފަހު މޮހެލާފައިވާ ކަހަލަ ގޮތަކަށެވެ. ކައިރީގައި ފޮތިގަނޑެއް ވެސް އޮތެވެ.


ހުސެން މަނިކަކީ ހާޑްވެއާ ވިޔަފާރި އާއި ފުޅާ ދާއިރާއެއްގައި ޕެޓްރޯލާއި ޑީސަލް ވިއްކާތާ 30 އަރުވެފައިވާ މުޅި އަތޮޅުގައި ވެސް މަޝްހޫރު ވިޔަފާރިވެރިއެކެވެ. އޭނާ މަރާލާފައި އޮތީ އޭނާގެ ތެޔޮ ފިހާރައާ ގާތްގަނޑަކަށް 1000 އެއްހާ ފޫޓު ދުރުގައި ހުންނަ ފަޅު ގެއެއްގެ ތެރޭގަ އެވެ.


"މަރާލާފައި އޮތްއިރު ވަރަށް ކައިރީގައި އޭނާގެ ފިހާރައިގެ ވިކުރާ އާއި ފައިސާ އަޅައިގެން ގެންގުޅޭ ދަބަސް ވެސް އޮތް. އެ ދަބުގައި ނެތް އެކައްޗެއް ވެސް،" ހޯރަފުށިން ވާހަކަ ދެއްކި މީހާ ބުންޏެވެ.


ހުސައިން މަނިކުގެ ގާތް މީހުންނާ ހަވާލާދީ ހޯރަފުށީ މީހަކު ބުނީ ހުސައިން މަނިކު ރޭ ފިހާރައިން ގެއަށް ދިޔައިރު ދަބަހުގައި ބައިލައްކައަށް ވުރެ ގިނަ ރުފިޔާ ހުރި ކަމަށެވެ. އެމީހާ ބުނި ގޮތުގައި ބަނދަރުމަތީގައި ހުންނަ ހުސައިން މަނިކުގެ ތެޔޮ ފިހާރަ ބަންދުކޮށްފައި އޭނާ ރޭ ނުކުތް ފަހުން ހަބަރެއް ނުވެ އެވެ.


ރެއަކީ ހޯރަފުއްޓަށް ބޯކޮށް ވާރޭވެހުނު ރެއެކެވެ. އެރަށު މީހަކު ބުނީ ހުސައިން މަނިކަށް ހަމަލާ ދީފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބުނީ ރޭގަނޑު ފިހާރަ ނިންމާފައި ދަބަހަށް ފައިސާ ލައިގެން އެކަނި ނުދިއުމަށް ރަށުގެ ވަރަށް ގިނަ ބަޔަކު ހުސައިން މަނިކަށް ނަސޭހަތް ވެސް ދީފައިވާ ކަމަށެވެ.


ހޯރަފުށީގައި ހުންނަވާ ރީޖަނަލް ހެލްތު އެޑްމިނިސްޓްރޭޓަރު އަބްދުﷲ ސައީދު ވިދާޅުވީ މިވަގުތު ހުސައިން މަނިކުގެ ހަށިގަނޑު އޮތީ ސިއްހީ މަރުކަޒުގައި ނަމަވެސް އޭނާގެ ހަށިގަނޑުގައި ޑޮކްޓަރުންނާއި އާންމުން އަތް ނުލުމަށާއި އެއްވެސް ކަމެއް ނުކުރުމަށް ފުލުހުން ވަނީ އަންގާފަ އެވެ. ފުލުހުން ބުނީ ހުސައިން މަނިކުގެ މަރުގެ ހާދިސާ އިންވެސްޓިގޭޓް ކުރަމުންދާ ކަމަށާއި އިތުރު މައުލޫމާތު ދެވެން އަދި ނެތް ކަމަށެވެ. މަރުގެ މި މައްސަލަ ތަހުގީގު ކުރަމުންދާއިރު ފުލުސް ކޮމިޝަނަރު އަހުމަދު ފަސީހާއި ފުލުހުންގެ ސީނިއާ ބޭފުޅުންގެ ޓީމެއް ހޯރަފުއްޓަށް ވަޑައިގެން ހޯރަފުށީގައި މިވަގުތު އެބައުޅުއްވައެވެ. މި މައްސަލަ ވީ އެންމެ ރަނގަޅަކަށް  ބަލައި ތަހުގީގު ކުރުމަށް ރައީސް މުހައްމަދު ނަޝީދު ވަނީ ފުލުހުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.


ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނީ ފުލުހުންގެ ތަހުގީގު ހިނގަމުން ދިޔަ ނަމަވެސް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.


މަތި އުތުރު ޕްރޮވިންސްގެ ކައުންސިލަރު އަލީ ނަސީރު ވިދާޅުވީ ހުސެން މަނިކުގެ ގެއިން ވެސް ރޭ ވައްކަން ކޮށްފައިވާ ކަމަށާއި އޭނާގެ ގެއަށް ވަދެ ކޮޓަރީގައި ހުރި އަލަމާރިތައް ހާވައި ހަދާފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އެއިން އެއްވެސް ތަނެއް ބަލައި މައުލޫމާތެއް ސާފުކުރެވޭ ގޮތެއް ނުވާ ކަމަށާއި ހުރިހާ ތަނެއް ވެސް ފުލުހުން ބަންދުކޮށްފައިވާ ކަމަށެވެ.


މަރުގެ ހާދިސާއާ ގުޅިގެން ހޯރަފުއްޓަށް ވަނީ މޮޅިވެރި ކަމަކާއި ބިރުވެރި ކަމެއް ފެތުރިގެން ގޮސްފަ އެވެ.


ހަމައެއާއެކު ރައްޔިތުންގެ ތެރެއިން ބައެއް މީހުން ރުޅިއައިސް ލޭ ކެކިގެން ނުކުމެ ރަށުގެ ބައެއް ދިމަދިމާގައި ހަދާފައިވާ ހަޓް ކަހަލަ ތަންތަން ހަލާކުކޮށް ރޯކޮށްލާފައިވާ ކަމަށް އަލީ ނަސީރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރަށުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން އުޅޭ ކަމަށާއި ނަމަވެސް ރަށުގައި މި ފަހަކަށް އައިސް  "ޕާޓޭން" ވަރު އަރައިގެން ދިޔައީ "ކަޅުބުޅާ" ކިޔާ ކަންނެލި ދޯންޏެއް ހޯރަފުއްޓަށް އަންނަ ފެށުމުން ކަމަށެވެ. "ކަޅުބުޅާ" ދޯނިން ހޯރަފުއްޓަށް ފޭބި މީހުންގެ ތެރޭގައި 75 އަހަރުގެ ޖަލު ހުކުމެއްގައި ހުރި މީހަކު ހުރި ކަމަށާއި އޭނާ ރަށުގެ ތެރޭގައި މާރާމާރީ ހިންގާފައިވާ ކަމަށް ވެސް އަލީ ނަސީރު ވިދާޅުވި އެވެ.


"ކަޅު ބުޅާ އައިފަހުން މިކަމެއް ގޯސްވީ... މިއަދު މިހެން ދިމާވީމަ މިއޭ ކަންތައްތައް ގޯސްކުރާ ތަންތަނަކީ ކިޔާފައި ޒުވާން ކުދިން އެއްވާ ތަންތަން ރޯކޮށްލީ،" އަލީ ނަސީރު ވިދާޅުވި އެވެ.


އަލީ ނަސީރު ވިދާޅުވީ މިހާރު އޭނާ ރައްޔިތުންނާ ބައްދަލުކޮށް ކެތްތެރިވުމަށާއި އެންމެން އެކުވެގެން  ފުލުހުންނަށް އެހީތެރިވުމަށް އެދިފައިވާނެ ކަމަށެވެ.


ރަށުގެ މީހަކު ބުނީ  ހެނދުނުކޮޅު ރައްޔިތުންގެ ލޭ ހޫނުވި ނަމަވެސް މިވަގުތު  މުޅި ރަށް ވެސް އޮތީ ހިމޭންކޮށް ކަމަށެވެ.


ހޯރަފުށީގައި ހުސެން މަނިކާ ވަރަށް ގާތްކޮށް އުޅޭ މީހެއް ކަމަށްވާ އަހުމަދު މައުރޫފު ބުނީ ހުސެން މަނިކަކީ ވަރަށް ހުލްގު ހެޔޮ، އޭނާގެ މުއްސަނދިކަމުން ނިކަމަތިންނަށް އެހީވާ، ހާއްސަކޮށް ރަށުގެ މަސްވެރިންނަށް ވަރަށް ބޮޑަށް އެހީވާ ހޯރަފުށީ މަސްވެރިންގެ މިތުރެއް ކަމަށެވެ.


މައުރޫފު ބުނީ މި ކަމުގައި މަސްތުވާތަކެތި ބޭނުންކޮށް ރަށުގައި ގޭންގު ހަދައިގެން އުޅޭ މީހުންނަށް ޝައްކު ކުރެވިފައިވާތީ ރައްޔިތުންގެ ގިނަ ބަޔަކު ނުކުމެ އެފަދަ މީހުން އެއްވާ ފަސް ތަނެއް މިއަދު ނައްތާލަފައިވާ ކަމަށާއި ބައެއް ސަރަހައްދުތައް ސާފުކުރަމުންދާ ކަމަށެވެ.


މަރާލާފައި އޮއްވާ ފެނުނު ހުސައި މަނިކަކީ ނ. ޅޮއްސަށް އުފަން، ހޯރަފުށީގައި ދިރިއުޅޭތާ 30 އަހަރުވެފައިވާ މީހެކެވެ. ވަރަށް ގިނަ ކައިވެނިތައް ކޮށް އޭނާއަށް ހަތް ކުދިން ލިބިފައިވެ އެވެ. މިވަގުތު އަންބެއް ނެތެވެ. ހުސެންމަނިކު މަރާލާފައި އޮއްވާ ފެނުނުއިރު އޭނާގެ ކުދިންގެ ތެރެއިން ރަށުގައި ތިބީ ދެ ކުދިންނެވެ. އޭނާ ވަނީ މިއަހަރު ހައްޖަށް ދާން ވެސް ނިންމާފަ އެވެ.


"އެމީހުންގެ ހާލު ވަރަށް ދަށް. އެކަމަކު ވަރަށް ގިނަ ބަޔަކު އެމީހުނާއެކުގައި ތިބުމުން ކެތްތެރިކަމާއެކު އެބަތިބި،" އޭނާ ބުންޏެވެ.


ހުސައިން މަނިކަކީ ވަރުގަދަ މަތިމަހަކާއެކު ހެޔޮވަރު އިސްކޮޅެއްގައި ހުންނަ އެހާ ކުލަ އަލި ނޫން މީހެކެވެ. ވަރަށް މަޑު މައިތިރި މީހެކެވެ. ފަހަކަށް އައިސް އޭނާ އުޅެނީ ހިސާބަކަށް ބަލިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު