އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރަން؛ "ޖެހޭ؟، ނުޖެހޭ؟"

ޑިމޮކްރަސީއެއްގެ މައިގަނޑު އަސާސަކީ ހިޔާލުފާޅުކުރުމެވެ. ސީދާ ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމަކީ ހުޅުވާލެވިފައިވާ ޑިމޮކްރަސީއެއްގައި އޮންނަން ޖެހޭ ހައްގެކެވެ. ނޫން ނަމަ އެއީ ހުދުމުހުތާރު ވެރިކަމެކެވެ. ނަމަވެސް ހައްގުތަކަކީ ޒިންމާތަކަކާ އެކު އޮންނަ ކަމެކެވެ. އެއީވެސް ނުދައްކާ ވާނެ ވާހަކައެއް ނޫނެވެ. ރައްޔިތުން މަޖިލީހުން އެއްވެ އުޅުމުގެ ހައްގުގެ ބިލް އިއްޔެ ފާސްކޮށްފައިވާ އިރު ކުރި މައްޗަށް ނިއުޅިގެންދާ ބަހުސަކީ ޑިމޮކްރެޓިކް ވެއްޓެއްގައި ހައްގުތައް ހަނިކުރެވުމުގެ ބަހުސެވެ.

އެއީ އެއްބަޔަކަށް ރަނގަޅު ވިސްނުމެކެވެ. އަނެއް ބަޔަކަށް އެއީ ހުދުމުހުތާރު ވެއްޓެއްގެ ސިފަ ގައުމުގެ އާލާވުމުގެ ކޮޅުމައްޗެވެ. ރާއްޖެ އަށް އައި ޑިމޮކްރަޓިކް ބަދަލުތަކާ އެކު ދިވެހިން މުޒާހަރާ ކުރާ ގޮތަށް ބަލާއިރު އެއީ ހުދޫދެއް ނެތި ދޫކޮށްލެވިފައިވާ ހައްގެކެވެ. މިނިވަންކަމުގެ ނަމުގައި މުޒާހަރާ ކުރަން ވަކި ވަގުތެއް ނޯވެ އެވެ. ވަކި ގަޑިއެއް ވަކި އުސޫލެއް ނޯވެ އެވެ. ހަމަނުޖެހުން ބޮޑަތި މުޒާހަރާތައް ގަސްތުގައި ރާވާ ދައުލަތުގެ މުދަލަށް ގެއްލުން ދޭއިރު ވެސް އެކަން އޮންނަނީ ހައްގެއްގެ ގޮތުގައި ލޭބަލް ޖެހިފަ އެވެ.

އިއްޔެ މަޖިލީހުން ނިންމި ނިންމުމާ އެކު މުޒާހަރާ ކުރުމަށް ބަދަލުތަކެއް ގެންނަން މަޖުބޫރުވާނެ އެވެ. ސިޔާސީ ޕާޓީތަކުގެ މުޒާހަރާތައް ދެން ޖެހޭނީ ގޮޅިއަކަށް ފައްތާށެވެ. އެއްވެ އުޅުމުގެ މިނިވަންކަމުގެ ބިލުގައި އެއްވެ އުޅެވޭނެ ވަގުތަކާއި އެއްވެވޭނެ ތަންތަނާއި ސަރަހައްދުތައް ވަނީ ކަނޑައެޅިފަ އެވެ.

ހޯމް މިނިސްޓަރު ޑރ. މުހަންމަދު ޖަމީލް އަހުމަދުގެ ނަޒަރުގައި މިއީ ވުޖޫދަށް އައުން މާލަސްވެއްޖެ ގާނޫނެކެވެ. މިނިސްޓަރު ވިދާޅުވާގޮތުން އެއްވެ އުޅުމުގެ މިނިވަންކަން ރާއްޖޭގައި ބޭނުން ކުރެވެމުން އައީ އެއްވެސް ހުދޫދެއްނެތި އެވެ. ކޮންމެ ހައްގަކާ އެކު ވެސް ޒިންމާތަކެއް ވާކަން ގަބޫލުކުރަން ޖެހޭ ވަގުތު މިހާރު އައިސްފި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކޮންމެ ހައްގަކީ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކަކާ އެކު އޮންނަ ކަމެއްކަން މިއަދު ގާއިމްވެގެން މިދިޔައީ، އަޅުގަނަޑަށް ގަބުލުކުރެވޭ ގޮތުގައި ގާނޫނު އަސާސީގައި ވެސް އެ ހުދޫދަށް ކަނޑައެޅިފައި އެބަހުރި. އެހެން ނަމަވެސް އެ ހުދޫދުތައް ގާނޫނަކަށް ތިރިވެ ރައްޔިތުންނަށް އޭގެ ލުއިފަސޭހަކަން ލިބޭ، ލިބެން ޖެހޭ. ގާނޫނު އަސާސީ އައިމާ އަޅުގަނޑުމެންގެ ތެރެއިން ވަކިބަޔަކަށް ވިސްނިފައި މިއޮތީ ހައްތަހާ ވެސް ހިފެހެއްޓުމެއް ނެތި އޮތް މިނިވަންކަމެކޭ މިއީ. އޭގެ ދަށުން އަޅުގަނޑުމެންގެ ތެރޭގައި މިވީ ދުވަސްތަކުގައި ކަންތައްތައް ފެނިގެން މިދިޔައީ،" ޖަމީލް ވިދާޅުވި އެވެ.

އެއްވެއުޅުމުގެ މިނިވަންކަމުގެ ސަބަބުން ދިވެހިންނަށް އޮތީ ދުއްތުރާތަކާ ކުރިމަތިވެފަ އެވެ. އެއްބަޔަކަށް އެއްވެ އުޅުން ވިސްނިފައި އޮންނަނީ ހައްދެއް ނެތް ހައްގެގެ ގޮތުގަ އެވެ. މީހެއްގެ އަބުރާއި އިއްޒަތް އެއްވުންތަކުން ނަގާލުމާއި ސީދާ މީހުންގެ ޒާތީ މުދަލަށް އަރައިގަތުމަކީ އެއްވުންތަކުގެ މަގުސަދަކަށް އޮންނަނީ ވެފަ އެވެ. ފުލުހުންނަށް ވެސް އެކަންތައްތައް ހުއްޓުވަން އޮންނަނީ ބޮޑު ހުރަހަކަށްވެފަ އެވެ.

ޖަމީލް ވިދާޅުވާ ގޮތުން އެއްވެއުޅުމުގެ ބިލްގެ ގާނޫނީ އަސާސީން ކަށަވަރު ކޮށްދީފައިވާ ރައްކާތެރިކަމާއި މިނިވަންކަމުގެ ހަގީގީ ފޮނި މީރުކަން އެ ބިލްގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ އެވެ. އަދި އަމަން ގާއިމް ކުރުމަށް ފުލުހުންނަށް ފަސޭހަވެގެންދާނެ ކަމަށް ޖަމީލް ހުންނެވީ ގަބޫލުކުރައްވައިގެންނެވެ.

"މީގެ ސަބަބުން އަމަން އަމާންކަން ގާއިމްކުރުމުގެ މަސްއޫލިއްޔަތު އެޅިފައިވާ ފުލުހުންނަށް މަސްއޫލިއްޔަތު އަދާކުރުމުގައި ފަސޭހަވެ އަމާން ވެއްޓެއް ގާއިމްކުރުމަށް ފަސޭހަވެގެންދާނެ. އޭގެ ސަބަބުން އަމާންވެއްޓެ ގާއިމްވެގެންދާނެ، މީހުންގެ ކަރާމާތައް އަރައިގަތުމަކީ ވެސް ކުރެވޭނެ ކަމެއް ކަމަށް ދެކިގެން މިއުޅުނީ. ނަމަވެސް މިބިލުން އެކަން ބަދަލުވެގެންދާނެ. މީގެ ސަބަބުން ހައްގުތަކެއް ރައްކާތެރި ކުރެވިގެންދާނެ. އެއްވެ އުޅުމުގެ މައްފޫމް އެނގިގެން މިދިޔައީ،" ޖަމީލް ވިދާޅުވި އެވެ.

އެއީ ސަރުކާރެއްގެ ނަޒަރުގައި ރަނގަޅު ބިލަކަށް ވެދާނެ އެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކަށް އެއީ ބަލައިގަންނަން ތަންކޮޅެއް އުނދަގޫ ބިލެކެވެ. ކޮންމެ ސިޔާސީ ޕާޓީއެއްގެ ބޭނުމަކީ ވެސް ސަރުކާރުގެ ފޭލިއާތަކުގެ ހިޔަނީގައި ރައްޔިތުންގެ ތާއީދު ހޯދުމެވެ. އެހެން ކަމަށްވާ އިރު ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އިންތަކެއް ކަނޑައެޅިގެންދާ ކޮންމެ ފަހަރަކު ޕާޓީތަކުގެ މިނިވަންކަމުގެ ކޮންމެ ވެސް ވަރަކަށް ތަޅުއެޅުވެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު އެ ބިލާ ގުޅޭގޮތުން ވިދާޅުވަނީ އެއީ ސިޔާސީ ޕާޓީތަކަށް ލިބިދޭ ހައްގުތައް ހިފަހައްޓާ ހަނިކޮށް ފުލުހުންނަށް ލިބިދޭ ބާރުތައް އިތުރުކުރުމުގެ މަގުސަދުގައި ސަރުކާރުން އަޑީގައި ތިބެ ހުށަހަޅައި ފާސްކުރި ބިލެއް ކަމަށެވެ. އޭގެ ނަތީޖާއަކަށް ވާނީ ސިޔާސީ ޕާޓީތަކަށް ސަރުކާރު ޒިންމާދާރު ކުރުވަން ކުރެވޭ މަސައްކަތައް އެޅޭ ބޮޑު ހުރަހަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މުޒާހަރާއެއް ކުރާއިރަށް ފުލުހުން ނެރެ ރައްޔިތުން ގައިގާ ތެޅުވުން މީގެ މަގުސަދަކަށް ވެދާނެ. މިއީ އެ ރޭވުމުގައި ކުރިކަމަކަށް ވެދާނެ އެކަމުގެ ސަބަބުން ސިޔާސީ ޕާޓީތަކަށް ސަރުކާރު ޒިންމާދާރު ކުރަން ކުރެވޭނެ ކަންތައްތައް ހަނިވެގެންދާނެ،" މޫސަ ވިދާޅުވި އެވެ.

މިނިވަން ޑިމޮކްރަޓިކް ވެއްޓެއްގައި ސިޔާސީ ޕާޓީތަކުގެ ހައްގުތަކެއް އުނިވާގޮތަށް އެ މަގުސަދުގައި ގާނޫނަށް ވުޖޫދެއް ގެނައުމަކީ ސީރިއަސް މައްސަލައެކެވެ. އެއްވެ އުޅުމުގެ ހައްގު ތަކުގެ ދާއިރާ ހަނިކުރުމަކީ އެ މަގުސަދުގައި ކުރެވޭ ކަމަކަށް ވާނަމަ އެއީ މައްސަލަ އެކެވެ. ނަމަވެސް ރާއްޖޭގައި މުޒާހަރާ ކުރާ ގޮތުން އެއީ ހިފަހައްޓަން ޖެހޭ ހައްގުތަކެއް ކަމަށް މީގެ ކުރިން ވެސް ވަކާލާތު ކުރެވިފަ އެވެ. އެއީ ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް އެ ބަހުސް ކުރިއަށް ދިޔަގޮތެވެ. އިންފްލޭޝަން މަތިވެގެން ކުރެވުނު މުޒާހަރާތަކާއި އޭގެ ފަހުން އަބްދުﷲ ގާޒީ ހައްޔަރުކޮށްގެން ކުރެވުނު މުޒާހަރާތައް އޭރުގެ ހޯމް މިނިސްޓަރު ހަސަން އަފީފް ސިފަކުރެއްވީ "އާންމު އުނދަގުލު"ގެ ގޮތުގަ އެވެ. ވަކި ބަޔަކަށް ޖެއްސުން ކުރުމާއި ހިސާބުގަނޑު މީހުން ނިދިން މަހުރޫމް ކުރުމާއި އާންމުންގެ މުދަލަށް ގެއްލުން ދިނުމަކީ އެ މުޒާހަރާތަކުގެ މަގުސަދު ކަމުގައި އަފީފް އެކި ޕޯޑިއަމްތަކުގައި ގެންދެވީ ސިފަކުރައްވަމުންނެވެ.

ދެ ފަރާތުގެ ވާހަކައިން ވެސް އެނގޭ އެއްކަމެއް އެބައޮތެވެ. އެއީ ކޮންމެ މިނިވަންކަމެއްގައި ވެސް ހައްގުތަކެއް ވާނެ ކަމެވެ. އެގޮތުން އެއްވެ އުޅުމުގެ މިނިވަން ކަމުގެ ބިލަކީ އެ ކަމަށް ހުދޫތަކެއް ކަނޑައަޅައިދޭ ބިލެކެވެ. މުޒާހަރާ ކުރުމާއި އެއްވެ އުޅުމުގެ ފަރުދީ ޒިންމާތައް ބުނެދީ ކަނޑައަޅައިދޭނެ ބިލެއްކަމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް